ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 16:22
މީގެ ކުރިން މާފުށީގައި ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރެއިން
މީގެ ކުރިން މާފުށީގައި ބޭއްވި ފުޓްސަލް މުބާރާތެއްގެ ތެރެއިން
ސޯޝަލް މީޑިއާ
މާފުށީ ކައުންސިލް ފުޓްސަލް ކަޕް
މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ
މިއީ މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

ކ. މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން "މާފުށީ ކައުންސިލް ފުޓްސަލް ކަޕް 2020" ގެ ނަމުގައި އެ ރަށުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އެ ކައުންސިލުގެ ފަރާތުން މާފުށީގައި ދިރިއުޅޭ ރައްޔިޔުންނަށް ހާއްސަކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. އަދި މިއީ މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މާފުށީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިމުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މާފުށީގައި ދިރިއުޅޭ ރައްޔިތުން، ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް ގާއިމުކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއް ހޯދައި ދިނުމާއި، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި، ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން އެހީތެރިވުމާއި ފުޓްސަލް ހުނަރު އިތުރުކުރުމާއި، އަދި ރަށުން ބޭރުގައި ބާއްވާ މުބާރާތްތަކުގައި އެ ރަށް ތަމްސީލުކުރުމަށް ކުޅުންތެރިން ތަމްރީނުކޮށް، އެ ރަށުގެ ޒުވާނުންނަށް މުބާރާތްތައް ކުޅުމުގެ ފުރުސަތު ހޯދައިދީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމެވެ.

މި މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން ބައި ވަކިންނެވެ. މި މުބާރާތް އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާއިރު، މިހާރު ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން އަންނަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ޓީމު ލިސްޓު ހުށަހެޅުމަށް މާފުށީ ކައުންސިލުން އެދެއެވެ. އަދި މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމާއި ގަވާއިދު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށްވެސް މާފުށީ ކައުންސިލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް