ސްރީލަންކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވެއްޖެއެވެ.
ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެގައުމުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެގޮތުން ސެޕްޓެމްބަރ މަހުގެ 2ވަނަ ދުވަހުން ފެށިގެން ދުވާލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ގެ އަދަދު މުޅިންވެސް އުޅެނީ 40ން ދަށުގައެވެ. ލަންކާގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހު 256 ކޭސް ފެނިފައިވެއެވެ.
މިހާރު ޕޮޒިޓިވްވާ ގިނަ ކޭސްތަކަކީ އެހެނިހެން ގައުމުތަކުން އެގައުމަށް އެތެރެވެފައިވާ މީހުންގެ ފަރާތުން ފެންނަ ކޭސްތަކެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް 14 މީހުންގެ ތެރެއިން 13 މީހުންނަކީ އެހެނިހެން ގައުމުތަކުން ލަންކާއަށް ދަތުރުކޮއްފައިވާ މީހުންނެވެ. އަދި މި ހުރިހާ މީހުންވެސް މިވަގުތު ތިބީ ކަރަންޓީން ފެސިލިޓީޒްގައި ކަމަށް ރިޕޯޓް ތަކުން ބުނެއެވެ.
ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވްވި މީހުންނާއެކު އެގައުމުން ޕޮޒިޓިވްވި މީހުންެ ޖުމްލަ އަދަދު ވަނީ 3313 އަށް އަރާފައެވެ. މީގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ އެންމެ 182 ކޭހެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 65 މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ލަންކާގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ. އެއީ 44 އަހަރުގެ ޗައިނާގެ ރައްޔިތެއްގެ ގައިންނެވެ. ލަންކާގެ ރައްޔިތެއްގެ ގައިން އަލަށް މި ވައިރަސް ފެނިފައިވަނީ މާރޗް 11 ވަނަ ދުވަހުއެވެ.