ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 13:12
ލޫޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ން
ލޫޓަނާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
ލޫޓަން އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް
ލޫޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާއަކުން
ޓޮޓެންހަމާއި ލޭޓަން އޯރިއެންޓާ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައި

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ލޫޓަން ޓައުން 3-0 ން ބަލިކޮށް ހަތަރުވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ފުރުސަތު ހޯދައިފިއެވެ.

އީއެފްއެލް ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގައި ވާދަކުރަމުން އަންނަ ލޫޓަނާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ޔުނައިޓެޑުން ނުކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން މި މެޗުގައި ޔުނައިޓެޑުގެ ގޯލު ބަލަހައްޓާފައިވަނީ މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޝެފީލްޑް ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކި ޑީން ހެންޑަސަނެވެ. މިއީ ހެންޑަސަން ޔުނައިޓެޑްގެ ޖާޒީގައި މިދިޔަ ތިން އަހަރު ތެރޭ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ހުއާން މަޓާއެވެ. މިއީ ޔުނައިޓެޑުގެ ބްރެންޑަން ވިލިއަމްސްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހާފައިވަނީ ފަހު ހާފު ނިމެން ގާތްވެފައި ވަނިކޮށެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިންއިރު، އިތުރު ވަގުތުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި މޭސަން ގްރީންވުޑެވެ.

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ކުޅުނު މެޗުން އަންގާރަ ދުވަހުގެރޭ ޔުނައިޓެޑް މޮޅުވިއިރު، މި ބުރުގައި ޓޮޓެންހަމް ހޮޓްސްޕާއިން ލޭޓަން އޯރިއެންޓާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ. އަންގާރަ ދުވަހުގެރޭ ކުޅެން އޮތް މި މެޗު ފަސްކުރީ އޯރިއެންޓްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް