ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 22:15
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް
ގެޓީ އިމޭޖަސް
ސުއަރޭޒްގެ މައްސަލައެއް ބެލުން
ސުއަރޭޒްގެ މައްސަލައެއް އިޓަލީގެ އިދާރާތަކުން ބަލަނީ
އިޓަލީގެ އިދާރާތަކުން ބަލަމުން އަންނަނީ އިޓަލީގެ ރަށްވެހިކަން ހޯދުމަށް ނެގި ޓެސްޓުން ސުއަރޭޒް މަކަރުހެދި މައްސަލައެއް
ޓެސްޓުގެ ނަތީޖާއާ މެދުވެސް ކުރިޔާލާ އޮތީ ވަކި ގޮތެއް ނިންމާފައި ކަމަށް ބުނޭ

އިޓަލީގެ ރަށްވެހިކަން ހޯދުމަށް ނެގި ޓެސްޓުން ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް މަކަރުހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިޓަލީގެ އިދާރާތަކުން ބަލަން ފަށައިފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އުމުރުން 33 އަހަރުގެ ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެން އެ ޑީލް ހުއްޓުމުކަށް އައިސްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ ހަފުތާގައި އިޓަލީގެ ރަށްވެހިކަން ހޯދުމަށް ޔުނިވާސިޓީ އޮފް ޕެރޫޖާއިން ސުއަރޭޒް ޓެސްޓު ހެދިއިރު، މިހާރު ޕެރޫޖާގެ ޕްރޮސެކިއުޓަރުންނާއި ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. ޕެރޫޖާގެ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓު ހެދުމުގެ ކުރިން ސުއަރޭޒަށް ޓެސްޓުގެ ހުރިހާ ތަފުސީލެއް ލިބުނު ކަމަށާއި، އަދި ޓެސްޓުގެ ނަތީޖާއާ މެދުވެސް ކުރިޔާލާ އޮތީ ވަކި ގޮތެއް ނިންމާފައި ކަމަށެވެ.

އެއާއެކު އިޓަލީގެ އިދާރާތަކުން އަންގާރަ ދުވަހު ވަނީ ޔުނިވާސިޓީ އޮފް ޕެރޫޖާގެ ފަސް އޮފިޝަލެއްގެ އިތުރުން އެ ޔުނިވާސިޓީގެ ޑީންގެ ލިޔެކިޔުންތައް ހިފަހައްޓާފައެވެ. އެކަމަކު ޔުނިވާސިޓީ އޮފް ޕެރޫޖާއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ސުއަރޭޒް ޔުވެންޓަސްއަށް ބަދަލުވުމާ ގާތަށް މީގެ ކުރިން ޖެހިލި ނަމަވެސް، ދާދި ފަހުން ޔުވެންޓަސްގެ ސްޕޯޓިންގ ޑިރެކްޓަރު ފަބިއޯ ޕަރާޓިޗީ ބުނީ އިޓަލީގެ ރަށްވެހިކަން ހޯދަން ސުއަރޭޒަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި، މި ޓްރާންސްފާ ބާޒާރު ނިމޭއިރުވެސް ޔުވެންޓަސްއަށް ސުއަރޭޒްގެ ސޮއި ނުހޯދޭނެ ކަމަށެވެ. އެހެންކަމުން މިހާރު ސުއަރޭޒް ހޯދުމަށް ޔުވެންޓަސްއިން ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔުވެންޓަސްއިން ސުަރޭޒް ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލިއިރު، މިހާރު އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެތުލެޓިކޯ މެޑްރިޑުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން މިހާރު ވަނީ ސުަރޭޒްގެ އެއްބަސްވުން އުވާލާފައެވެ. އަދި ހިލޭ ޓްރާންސްފާއެއްގެ ދަށުން ސުއަރޭޒް ވަރަށް އަވަހަށް އެތުލެޓިކޯއާ ގުޅޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް