ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ދުނިޔޭގައި މަރުވާ ކޮންމެ ފަސް މީހަކުން އެކަކު މަރުވަނީ އެމެރިކާގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިގެން 970،126 (ނުވަ ލައްކަ ހަތްދިހަ ހާސް ސަތޭކަ ސައްބީސް) މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން އެމެރިކާއިން މަރުވި މީހުންގެ އަދަދަކީ 204,521 (ދެ ލައްކަ ހަތަރު ހާސް ފައްސަތޭކަ އެކާވީސް) މީހުންނެވެ. އެމެރިކާގައި މަރުވާ މީހުންގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން 65 އަހަރުން މަތީ މީހުން ކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެއެވެ.
ރޮއިޓަރސްގެ އެނަލިސިސް އިން ދައްްކާގޮތުގައި ހަފްތާއަކަށް ބަލާނަމަ ދުވާލެއްގެ ތެރޭގައި އެވްރެޖްކޮށް އެމެރިކާގައި މިބަލީގައި 800 މީހުން މަރުވެ އެވެ. ހަތަރު ހަފްތާވަންދެން މަރުވާ މީހުންގެ އިންސައްތަ ދަށަށްގޮސްފައި ވީނަމަވެސް ފާއިތުވި ހަފްތާގައި އަނެއްކާވެސް ވަނީ މަރުވާ މީހުންގެ އިންސައްތަ ފަހެއް އިންސައްތަ އަށް މައްޗަށް ގޮސްފައެވެ.
ޔުނިވަރސިޓީ އޮފް ވޮޝިންގޓަން ގެ ހެލްތު އިންސްޓިޓިއުޓުން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު އެމެރިކާގައި ކޮވިޑް-19 ޖެހިގެން 378،000 (ތިން ލައްކަ ހަތްދިހަ އަށްހާސް) މީހުން މަރުވާނެ އެވެ.
ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނައިރު ޑޮނަލްޑް ޓްރަމްޕަށް އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ޚަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވުމުގެ ސަބަބުން އެމެރިކާގެ މުޅި ތާރީޚުވެސް ނުދެކޭފަދަ މިންވަރަކަށް މީހުން މިބަލީގައި މަރުވަމުން އަންނަ ކަމަށް ޓްރަމްޕާ ދެކޮޅަށް މިއިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރަޓެކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އާބާދީގެ ހަތަރެއް އިންސައްތަ ހިއްސާ ކުރަމުން އަންނަ އެމެރިކާ އިން ދުނިޔެއިން ވައިރަސް ޖެހިގެން މަރުވާ މީހުންގެ 20 އިންސައްތަ ހިއްސާކުރެ އެވެ.
ހޯމަ ދުވަހު ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގައި ވައިރަސްގެ އެންމެ ގޯސް ހާލަތު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. ޓްރަމްޕް ވަނީ މީގެކުރިން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅިފައިނުވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އެފިޔަވަޅުތައް އެޅިފައިނުވަނީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން ބޭނުންފުޅުނުވާތީ ކަމަށެވެ.
ޓްރަމްޕް އަންނަނީ އިންތިޚާބާ ދިމާކޮށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެކަމަށް ވިދާޅުވަމުންނެވެ.