ފާއިތުވި 7 ދުވަހު މުޅި ދުނިޔޭގައި 2 މިލިއަނާ ގާތްކުރާ އަދަދަށް މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ ވައިރަސް ޖެހޭ މީހުންގެ އަދަދުތައް އެއް ހަފްތާއިން އަނެއް ހަފްތާ އަށް އަޅާކިޔާއިރު މައްޗަށްދާ ކަމަށާއި ނަމަވެސް މަރުވާ މީހުންގެ ނިސްބަތް ދަަށަށްދާ ކަމަށެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މި ހަފްތާގެ ހޯމަ ދުވަހާ ހަމައަށް މުޅި ދުނިޔެއިން 1،998،897 (އެއް މިލިއަން ނުވަ ލައްކަ ނުވަދިހަ އަށް ހާސް އަށް ސަތޭކަ ނުވަދިހަ ހަތް) މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އެއީ އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވުމެއް ކަމަށާއި މިއީ ކޮވިޑް-19 ޕެންޑަމިކް ފެށުނު ފަހުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރެވުނު ހަފްތާ ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާ އިން ކޮވިޑް-19 ފެނުނު ފަހުން މިއަދާ ހަމައަށް މިހާތަނަށް 31 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު މިބަލީގައި 970،000 މީހުން ވަނީ މަރުވެފައެވެ.
ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި ފާއިތުވި ހަތް ދުވަހު ދުނިޔޭގެ ހުރިހާ ހިސާބުތަކުންވެސް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ޔޫރަޕާއި އެމެރިކާ ހިމެނޭ ސަރަހައްދުގައި އަލަށް ވައިރަސް ޖެހޭ މީހުންގެ އިންސައްތަ 11 އާއި 10 އިންސައްތަ އަށް މައްޗަށް ގޮސްފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ސްޕެއިންގައި ކޭސްތައް އިތުުރުވާން ފެށުމާއެކު ދެ ވަނަ ލޮކްޑައުންއަކަށް ގޮސްދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ހަމައެކަނި އެމެރިކާ ގައި ވައިރަސް ޖެހިފައިވާ 6.8 މިލިއަން މީހުން ތިބިއިރު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިޔާއިން 5 މިލިއަން މީހުންނަށް އަދި ބްރެޒިލް އިން 4 މިލިއަން މީހުންނަށް ވަނީ މިހާރުވެސް ވައިރަސް ޖެހިފައެވެ.
ފާއިތުވި ހަތް ދުވަހު ވައިރަސް ޖެހޭ މީހުންގެ ނިސްބަތް ދަށަށްގޮސްފައިވާ ހަމައެކަނި ސަރަހައްދަކީ އެފްރިކާއެވެ. އެފްރިކާގައި ވައިރަސް ޖެހޭ މީހުންގެ ނިސްބަތްވަނީ 12 އިންސައްތަ ދަށަށްގޮސްފައެވެ.
މަރުވާ މީހުންގެ ރޭޓް ދަށަށް:
ކޮވިޑް-19 ޖެހޭ މީހުންގެ ނިސްބަތް މަތިނަމަވެސް ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ފާއިތުވި ހަތް ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 37،700 މީހުންނެވެ. މިއީ އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ.
މަރުވާ މީހުންގެ އަދަދު ދަށަށް ގޮސްފައިމިވަނީ އެންމެ ގިނައިން މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ އެމެރިކާ ގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާތީ އެވެ. އެމެރިކާގައި ފާއިތުވި 7 ދުވަހު އޭގެ ކުރީ 7 ދުވަހާ އަޅާބަލާއިރު މަރުވި މީހުންގެ އިންސައްތަ ވަނީ 22 އިންސައްތަ ދަށަށްގޮސްފަ އެވެ. އެފްރިކާއިން ވެސް ވަނީ މަރުވާ މީހުންގެ އިންސައްތަ 16 އަށް ވަނީ ތިރިވެފަ އެވެ.
އެހެންނަމަވެސް އެމެރިކާ އަކީ މުޅި ދުނިޔޭގައި މިބަލީގެ މަރުވެގެން ރިޕޯޓްކުރަމުން އަންނަ މީހުންގެ 55 އިންސައްތަ ހިއްސާކުރާ ގައުމެވެ. އަދި ދުނިޔެއިން ފެންނަމުންދާ ކޭސްތަކުގެ ދެ ބައިކުޅަ އެއް ބައި ހިއްސާކުރަނީވެސް އެމެރިކާ އެވެ. މަރުވާ ރޭޓް ފާއިތުވި ހަފްތާގައި ދަށަށްގޮސްފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ކޮލަމްބިއާ، މެކްސިކޯ، އިކުއެޑޯރ، އަދި ބޮލީވިއާ ހިމެނެ އެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކަށް ސެކަންޑް ވޭވެއް އައިސްފައިވާއިރު ޔޫރަަޕު ސަރަހައްދުގައި ފާއިތުވި ހަތް ދުވަހު މަރުވި މީހުން ވަނީ އޭގެ ކުރީ ހަތް ދުވަހާ އަޅާބަލާއިރު 4000ށް ވުރެ މަތިވެފަ އެވެ. އެއީ އޭގެ ކުރީ ހަތް ދުވަހާ އަޅާބަލާއިރު 27 އިންސައްތައިގެ މަތިވުމެކެވެ.
ޔޫރަޕު ސަރަހައްދުން އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެގައުމުން 42،000ށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފައެވެ.