ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 10:55
ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ފައިސަލް \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ފައިސަލް "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ކްރިކެޓް ބޯޑުގެ އިންތިޚާބު
ރައީސް ކަމަށް ކުރިމަތިލީ ވިޝަންއަކާއެކު، ނަތީޖާ ނެރޭނަން: ފައިސަލް
"އިތުރު ކެންޑިޑޭޓެއް ނެތް ނަމަވެސް ކުލަބުތަކުގެ ތާއީދު ހޯދުމަކީ ޗެލެންޖެއް"
"އެންމެ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރޭންކް މަތިކުރުން ހިމެނޭ"

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތް ނަމަވެސް، ރައީސް ކަމަށް ކުރިމަތިލީ ނަތީޖާ ނެރުމަށް ބޮޑު ވިޝަންއަކާއެކު ކަމަށް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބު މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާދީއްތަ ދުވަހު ވަނީ ހަމަވެފައެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބުގައި ހިންގާ ކޮމިޓީއަށް ނުވަ މެންބަރުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އާއި، ނައިބު ރައީސް އާއި، ފުލް މެންބަރުންގެ ގޮތުގައި ހަތަރު މެންބަރުންނާއި، އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ދެ މެންބަރުން އަދި ފަރުދީ އެއް މެންބަރެވެ. ހަޒާންދާރާއި ޖެނަރަލް ސެކްރެޓަރީ އައްޔަން ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީންނެވެ.

މި ފަހަރުގެ އިންތިޚާބުގައި މިހާރުގެ ރައީސް މުޙައްމަދު އަފްލާހް (އަފޫ) ކުރިމަތިލައްވާފައި ނުވާއިރު، ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ކްރިކެޓް ބޯޑުގެ ޖެނަރަލް ސެކްރެޓަރީގެ މަގާމާއި ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފައިވާ ފައިސަލް އެކަންޏެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ފައިސަލް ވަނީ އޭނާގެ ދައުރުގައު ކުރުމަށް ނިންމަފައިވާ ބައެއް މުހިންމު ކަންތައްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ފައިސަލް ވިދާޅުވީ އިތުރު ކެންޑިޑޭޓެއް ނެތް ނަމަވެސް ކުލަބުތަކުގެ ތާއީދު ހޯދުމަކީ ޗެލެންޖެއް ކަމަށާއި، އެކަމަކު ވަރަށް ފުރިހަމަ ހިންގާ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ހަގީގަތުގައި އެންމެ ބޮޑު މަސައްކަތެއް މި ކުރަނީ މެނޭޖުމަންޓް ޓީމު. ރަނގަޅު ޖީއެސްއެއް އަދި ފައިނޭޝަނަލް ކޮންޓްރޯލާއެއް އަދި ކޯޗިންގ ރަނގަޅު ޓީމެއް. ކުޑަ އެހެން ނަމަވެސް ވަރަށް ރަނގަޅު މެނޭޖުމަންޓް ޓީމެއް އެކުލަވާލާނަން.
ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ފައިސަލް

ފައިސަލް އިތުރަށް ވިދާޅުވީ ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމީ ވަގުތު ދެވިގެން އެކަން ކުރަން ކަމަށާއި، އެންމެ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ރޭންކް މަތިކުރުމާއެކު، އައިސީސީގެ ބަޖެޓް ދެގުނަ ކުރުން އެއީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

އަދި ކްރިކެޓް ބޯޑުގެ މިހާރުގެ ރައީސް އަފޫވެސް އީސްޓަން ރީޖަނަށް ރާއްޖެ ގެންދިޔުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އީސްޓަން ރީޖަނުގައި ހިމެނޭ ގައުމުތަކަކީ ތައިލެންޑާއި، ސިންގަޕޫރް އަދި ބޫޓާން ފަދަ ގައުމުތައް ކަމަށްވާއިރު، ކޮންމެ މުބާރާތެއްގެ ސެމީފައިނަލްގައި ކުޅެވޭނެ ފެންވަރު ދިވެހި ޓީމުގައި އެބަހުރި ކަމަށް ފައިސަލް ވިދާޅުވިއެވެ.

ބިޒްނަސް މޮޑެލަކުން ބަލާއިރު ބޯޑުގެ އެންމެ ބޮޑު ސްޕޮންސައަކީ އައިސީސީ އާއި، އޭސީސީ އަދި ސަރުކާރު. މިހާރު ރޭންކް ކޮށްފައި އިންނައިރު ހަމައެކަނި ޓީ20 ގައި ރޭންކް ކޮށްފައި މި އިންނަނީ. މިހާރުގެ ރޭންކިންއަކީ 73. އަޅުގަނޑުގެ ދައުރު ނިމޭއިރު 68ށް މަތިކުރުން އެއީ އަމާޒަކީ. ސްކޯކާޑް ބޭސްކޮށް ދެމުންދާ ފަންޑިންއަށް ބަލާއިރު ގްރޫޕް އައިގައި ރާއްޖެ މި އިންނަނީ. އަޅުގަނޑުގެ އަމާޒެއް އެއީ އެފްއަށް ރާއްޖެ ގެންދިޔުން. އޭރުން 290،000 ޑޮލަރު ރާއްޖެއަށް ލިބިގެންދާނެ. އަޅުގަނޑުގެ ދައުރުގައި ރާއްޖޭގެ ގައުމީ ޓީމު ރާއްޖެއަށް ވުރެން ރޭންކް މަތީ ގައުމުތައް ބަލިކުރެވޭނެ ފެންވަރަށް ގެންދިޔުން އެއީ އަމާޒެއް.
ކްރިކެޓް ބޯޑުގެ ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ފައިސަލް

މައިގަނޑު ތިން ކަމަށް އަމާޒްކޮށްގެން ފައިސަލްގެ ހިންގާ ކޮމިޓީން އަންނަނީ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. މި ޕްރޮގުރާމުގައި ފައިސަލް ވިދާޅުވީ އިންޑިއާއާއެކު ރާއްޖޭގެ ކްރިކެޓް ކުރިއަށް ގެންދިޔުމަށް ފަށާފައިވާ ޕްރޮގްރާމުތަކަކީ ވަރަށް ތާއީދުކުރާ ކަންތައްތަކެއް ކަމަށާއި، އެކަންކަމަށް ފުރިހަމަ އެއްބާރުލުން އައު ހިންގަ ކޮމިޓީން ދޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ އައު ދައުރުގައި ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާނެ ކަމަށާއި، އިންޑިއާގެ އައިޕީއެލްގެ ދެތިން މެޗު ރާއްޖޭގައި ކުޅުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ޕާކިސްތާނާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގެ ބައިނަލްއަގުވާމީ މެޗުތައް ރާއްޖެ ގެނައުމަށް މަސައްކަތްކުރާއިރު، ކޮންމެ ދެ އަހަރުން އެއް އަހަރު ބޭރުގެ ޓީމުތައް ގެނެސް މެޗުތައް ކުޅޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި ރޭގަނޑު މެޗުތައް ކުޅުމަށްޓަކައި ރަނގަޅު ފެންވަރުގެ ލައިޓިންގ ސިސްޓަމެއް ގާއިމުކޮށް، ރޭގަނޑު މުބާރާތްތަށް ކުޅެވޭނެ ގޮތް ހަދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 ފަރާތަކަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް މެންބަރުންގެ ގޮތުގައި ހިމެނޭ 15 ކުލަބުގެ އިތުރުން ސްކޫލުތަކުން އަންނަ އެއް ވޯޓެވެ. ސްކޫލުތަކުގެ ތެރެއިން ވޯޓްލާނެ ސްކޫލެއް ކަނޑައަޅާނީ ނުވަ ސްކޫލުގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10 ޖަހާއިރު ހ. ބޯޅަގޭގައެވެ. އެގޮތުން މި އިންތިޚާބުގައި ފުރަތަމަ ކުރިއަށްދާނީ ސްކޫލުތަކުން އިންތިޚާބުގައި ވޯޓުލާނެ ސުކޫލެއް ކަނޑައެޅުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
25 ސެޕްޓެންބަރ 2020 | ހުކުރު 14:22
ކިނބޫ
ނެކްސްޓުޖޯކް ޕިލީޒް