ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 08:24
ވުލްވްސް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-1 ން
ވުލްވްސް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
މޮޅަކާއެކު ސިޓީން ޕްރިމިއާ ލީގު ފަށައިފި
ވުލްވްސް އަތުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުން
މި މޮޅާއެކު ސިޓީން ވަނީ އެންމެ ފަހުގެ 10 ސީޒަނުގެ ޕްރިމިއާ ލީގުގައިވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި

އައު ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސް އަތުން މޮޅެއް ހޯދައިފިއެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ވުލްވްސް އަތުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީން ވަނީ އެންމެ ފަހުގެ 10 ސީޒަނުގެ ޕްރިމިއާ ލީގުގައިވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން މޮޅު ކުޅުމެއް ދައްކާ މި ހާފު ޑޮމިނޭޓް ކުރިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގައި ސިޓީން ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކެވިން ޑިބްރޭނާއެވެ. މިއީ އޭރިއާ ތެރެއިން ޑިބްރޭނާއަށް ވުލްވްސްގެ ރޫމޭން ސައްޔިސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އަދި މި މެޗުގައި ސިޓީން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ރަހީމް ސްޓާލިން ދިން ޕާހަކުން މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެނެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ވުލްވްސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓުގައި ވުލްވްސްއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ޑެނިއެލް ޕޮޑެންސް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ވުލްވްސްއަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒެވެ.

ވުލްވްސްއިން ލަނޑެއް ޖަހާ އުންމީދު އާކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ސިޓީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. ސިޓީގެ ތިންވަނަ ލަނޑު ޑިބްރޭނާގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ފޯވާޑް ގަބްރިއެލް ޖީސޫސްއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސިޓީ މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ސިޓީ ނުކުންނާނީ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް