ސަލްމާންހާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔުޝް ޝަރްމާ އިންޑިއާގެ ފިލްމީދާއިރާއަށް ނެރުމުގެ މަސައްކަތް ސަލްމާންގެ އާއިލާއިން ފަށައިފިއެވެ. އާއިލާއިން މިހާރު ވަނީ އެކަން އިއުލާނުކޮށް ހަފްލާއެއް ވެސް ބާއްވާފައި އެވެ.
ޚަބަރުތައް ބުނާގޮތުގައި އާޔުޝް ބޮޮލީވުޑަށް ނެރުމަށް ސަލްމާން އާއި އޭނާގެ އާއިލާއިން މަސައްކަތް ކުރަމުން އަންނައިރު ސަލްމާން ވަނީ އޭނާގެ ކޮއްކޮ ސޮހައިލް ހާނާއި އެމަސައްކަތް ހަވާލުކޮށްފައެވެ. އަދި އޭނާގެ ޝައުގުވެރިކަން ފިލްމީދާއިރާގެ އެކްޓިންގައި ހުރި ދާއިރާތައް ފާހަގަކޮށް ހާއްސަ ޓްރެއިނިންގ ދެމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އާޔުޝް ބޮލީވުޑަށް ތައާރަފް ކުރުމުގެ މަސައްކަތް އާއިލާއިގެ އިސްނެގުމާ އެކު ކުރަމުން އަންނަ އިރު އޭނާގެ ފިލްމީ ދާއިރާއަށް ނިކުންނަ ފުރަތަމަ ފިލްމް ޕްރޮޑިއުސް ކުރާނީ ސަލްމާން ކަމަށް ވެއެވެ. ސަލްމާން ބޭނުން ވަނީ މިދިޔަ އަހަރުގެ އޭނާގެ ބްލޮކްބާސްޓާ ފިލްމު "ސުލްތާން" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ ފިލްމަކުން އާޔުޝް ބޮލީވުޑަށް ތައާރަފު ކުރުމަށެވެ.
މި ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ލޯބީގެ ފިލްމަކަށް ވާނެ ކަމަށް ޚަބަރުތައް ބުނެއެއެވެ. އެހެން ނަމަވެސް އާޔުޝް ފިލްމީ ދާއިރާއަށް ނެރޭނީ ކޮން ދުވަހަކުން ކަމެއް އަދި ނޭގޭ ކަމަށް ސަލްމާންގެ ގާތް މީހަކާ ހަވާލަދީ ބައެއް މީޑިއާ ރިޕޯޓްތައްބުނެއެވެ.
އާޔުޝް ވަނީ ސަލްމާން ފެނިގެންދިޔަ ސުލްތާންގައި ކެމެރާގެ ފުރަގަހުގައި ވެސް މަސައްކަތް ކޮށްފައެވެ.
މިދިޔަ މަހުގެ ތެރޭގައި އާޔުޝްގެ އިތުރުން ސަލްމާންގެ އާއިލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.