ހަލުހި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާ އިންޑިއާގައި ބަލީގެ ޝިކާރައަކަށްވި 5.3 މިލިއަން މީހުންގެ ތެރެއިން 4.2 މިލިއަން މީހުން ބަލިން ފަސޭހަވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ރިކޯޑް އަދަދަކަށް ކޮވިޑްގެ ކޭސްތައް ވަނީ ރިޕޯޓު ކުރެވިފައެވެ. އެގޮތުން 93337 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، 1247 މީހަކު މަރުވެފައިވާ ކަމަށެވެ.
ޔޫނިއަން ހެލްތް މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޑިއާގައި މިހާތަނަށް 5.3 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 4.2 މިލިއަން މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ޑޭޝްބޯޑުގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ވެސް 1،013964 އެކްޓިވް ކޭސް ހިމެނޭއިރު، މިބަލީގައި 85619 މީހަކު ވަނީ މަރުވެފައެވެ.
އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު ކޮވިޑްގެ ކޭސް އެންމެ ގިނަ މީހުން ރަނގަޅުވި ގައުމަށް އިންޑިއާ ވެފައިވާތީ ހެލްތް މިނިސްޓްރީން ބުނީ 4208431 ބަލިން ފަސޭހަވެފައިވާއިރު ހުކުރާއި ހޮނިހިރު ދުވަހު ޖުމްލަ 95880 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެ ފެސިލިޓީތަކުން ދޫކޮށްލާފައެވެ. އެގޮތުން ބަލިން ފަސޭހަވި މީހުންގެ ރޭޓް މިހާރު ވަނީ 79.28 އިންސައްތައަށް އަރާފައެވެ.
ކޮވިޑް-19 ދުނިޔޭގެ ހުރިހާ ހިސާބެއްގައި ފެތުރެމުންދާއިރު މިބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ދެވަނާގައި އޮތީ އިންޑިއާއެވެ.