ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 14:48
އޮޒިލް މިޑްލްސްބަރާގެ ގޯލަށް ހަމަލާއެއް އުފައްދަނީ
އޮޒިލް މިޑްލްސްބަރާގެ ގޯލަށް ހަމަލާއެއް އުފައްދަނީ
އޭޕީ
ޕްރެމިއަރ ލީގު
މިޑްލްސްބަރާގެ މައްޗަށް އާސެނަލް ކުރި ހޯދައިފި
އާސެނަލް ވަނީ 57 ޕޮއިންޓާއެކު ލީގުގެ ހަވަނަ އަށް ކުރިއަށްޖެހިލައިފަ
އާސެނަލް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ

އިނގިރޭސި ޕްރެމިއަ ލީގުގައި މިޑްލްސްބަރާގެ މައްޗަށް 1-2 ގެ ނަތީޖާއަކުން އާސެނަލް ކުރި ހޯދައިފި އެވެ.

 

މި މޮޅާއެކު އާސެނަލް ވަނީ 57 ޕޮއިންޓާއެކު ލީގުގެ ހަވަނަ އަށް ކުރިއަށްޖެހިލައިފަ އެވެ. އަދި މެޗުން ބަލިވި މިޑްލްސްބަރާ އޮތީ 24 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގަ އެވެ.

 

މިޑްލްސްބަރާގެ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. މިއީ މިޑްލްސްބަރާގެ ގޯލު އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ސަންޗޭޒް ކާމިޔާބުކުރި ލަނޑެކެވެ.

 

މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން 50 ވަނަ މިނެޓުގައި މިޑްލްސްބަރާ އިން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަލްވާރޯ ނެގްރެޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

 

މިޑްލްސްބަރާ އިން ނަތީޖާ ހަމަހަމަ ކުރުމަށްފަހު ވަނީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެގޮތުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އާސެނަލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކުޅުންތެރިއެއް ބޮލުން ޖެހި ނަމަވެސް ކީޕަރު ޗެކް ވަނީ އެބޯޅަ ދިފާއުކޮށްފަ އެވެ.

 

މިޑްލްސްބަރާއިން ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް އާސެނަލުން ވަނީ މެޗުން މޮޅުވުމަށްޓަކައި ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން 71 މިނެޓުގައި މެސުތް އޮޒިލް ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމުން ވަނީ މިޑްލްސްބަރާގެ މައްޗަށް ލީޑު ނަގާފަ އެވެ.

 

މި މެޗުން އާސެނަލް މޮޅުވި އިރު އެންމެ ފަހުން ލީގުގައި އެޓީމު ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް