ސައުދި އަރަބިއްޔާއިން ކޮވިޑް-19 ޖެހިގެން ޕޮޒިޓިވްވި މީހުންގެ އަދަދު 600ށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ އެގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ 593 މީހުން ކަމަށެވެ. މިއީ މިދިޔަ އެއް މަސްދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު 600 އިން ދަށްވި ފުރަތަމަ ފަހަރެވެ.
ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން އިތުރަށް ބުނީ މިދިޔަ 24 ގަޑިއިރު ބަލިން ފަސޭހަވި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، އެގޮތުން 1203 މީހުން ބަލިން ފަސޭހަ ވެފައިވާކަމަށެވެ. އެހެން ކަމުން އެގައުމުން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 307،207 އެވެ.
ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް މަދުވަމުން އަންނަނީ އެގައުމުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި ކުރިޔަށް އޮތް ތަނުގައި މި އަދަދު މިއަށްވުރެ ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސައުދި އަރަބިއްޔާ އަކީ މުޅި ދުނިޔެއިން 16 ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އެގައުމުން މިހާތަނަށް 328،144 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި އެގައުމުން މިހާތަނަށް 4،399 މީހުން ވަނީ މަރުވެފައެވެ.