ކޮވިޑް-19 އާ ގުޅިގެން އޭޝިޔާގެ ގައުމުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާމެދު ތަފާތުކުރުންތައް ގެންގުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމުގެ އިންޒާރު އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް(އައިއެފްއާރުސީ)ން ދީފި އެވެ.
އެޖަމިއްޔާއިން ބުނީ އެކިއެކި ސަބަބުތަކާހުރެ ގައުމުތަކަށް ހިޖުރަ ކުރާ މީހުންނާއި ގައުމުތަކުގައި އުޅޭ ބިދޭސީންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް އިތުރުވެފައިވާ ކަމަށެވެ. އައިއެފްއާރުސީން ވަނީ އިންޑޮނޭޝިޔާ، މެލޭޝިޔާ، މިޔަންމާ އަދި ޕާކިސްތާނުގައި އުޅޭ 5000 މީހުންގެ މެދުގައި ސަރވޭއެއް ކުރިޔަށް ގެންގޮސްފަ އެވެ. މި ސަރވޭގައި ބައިވެރިވި ދެބައިކުޅަ އެއްބައި މީހުން ވަނީ ވައިރަސް ފަތުރަނީ ވަކި ބައެއް ކަމަށް ބުނެފައެވެ. މީގެތެރެއިން ގިނަ މީހުން ބުނެފައިވަނީ ވައިރަސް ފެތުރެނީ ޗައިނާ މީހުންނާއި ޚިޖުރަކުރާ މީހުންނާއި އެގައުމުތަކުގައި އުޅޭ އެހެން ގައުމުތަކުގެ މީހުންގެ ފުށުން ކަމަށް ބުނެފައެވެ.
އައިއެފްއާރުސީގެ އޭޝިޔާ ޕެސިފިކް ކޮމިއުނިޓީ އެންގޭޖްމެންޓް އެންޑް އެކައުންޓަބެލިޓީ ކޯރޑިނޭޓަރ ޑރ ވިވިއަން ފްލަކް ރޮއިޓަރސް އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވައިރަސް ފަތުރާ ބައެއްގެ ގޮތުގައި ހިޖުރަކުރާ މީހުންނާއި ގައުމުތަކުގައި އުޅޭ އެހެން ގައުމުތަކުގެ މަސައްކަތްތެރިން ކަމަށް ލޭބަލް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވައި ޒާމާނުއްސުރެ އޮންނަ ތަފާތުކުރުމުގެ ޘަގާފަތާއި ދެކޮޅަށް މަސައްކަތްކުރަން ޖެހޭ ކަމަށް ޑރ ވިވިއަން ވިދާޅުވި އެވެ.
ސަރވޭގައި ބައިވެރިވި އިންޑޮނޭޝިޔާ މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުން ބުނެފައިވަނީ ވައިރަސް ފެތުރެނީ ބިދޭސީންގެ ފުށުންނާއި ގަވާއިދުތާކައި ޚިލާފަށް އުޅޭ މީހުންގެ ފުށުން ކަމަށެވެ. މިޔަންމާގެ ގިނަ ބަޔަކު ދެކޭގޮތުގައި ވައިރަސް ފެތުރެނީ ޗައިނާ މީހުންގެ ފުށުންނާއި އެހެން ގައުމުތަކުގެ މީހުންގެ ފުށުންނެވެ.
މެލޭޝިޔާގައި ތިން ބައި ކުޅަ ދެ ބައި މީހުން ގަބޫލުކުރާ ގޮތުގައި ވައިރަސް ފެތުރެނީ ކޮންމެސް ގްރޫޕަކަށް ނިސްބަތްވާ މީހުންގެ ފުށުންނެވެ. އެންމެ ގިނައިން އެމީހުން ބުނެފައިވަނީ އެގައުމަށް ހިޖުރަ ކުރާ މީހުންނާއި، ފަތުރުވެރިންނާއި ގަވާއިދާ ޚިލާފަށް އެގައުމުގައި އުޅޭ އެހެން ގައުމުތަކުގެ މީހުންގެ ފުށުން ކަމަށެވެ.
މެލޭޝިޔާގައި ވަނީ މެއި މަހުގެ ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށްބުނެ ގަވާއިދާ ޚިލާފަށް އެގައުމަށް އެތެރެވެފައިވާ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. ފުލުހުން އެއިރު އޮޕަރޭޝަން ކުރިއަށް ގެންދަމުން ބުނެފައިވަނީ އެމީހުން ހައްޔަރުކުރަނީ އެމީހުން އެކިތަންތަނަށް ދިޔުމުގެ ސަބަބުން ވައިރަސް ފެތުރޭތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
ޕާކިސްތާނުގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ވައިރަސް ފެތުރެނީ ސަރުކާރުން ބަލަހައްޓަމުންދާ އިރާނު ބޯޑަރުގެ ސަރަހައްދުންނެވެ. ޗައިނާއިން އެގައުމަށް އަންނަ މީހުންނާއި އިރާނުން އަންނަ މީހުންގެ ފަރާތުން އެގައުމުގައި ވައިރަސް ފެތުރޭ ކަމަށް ޕާކިސްތާނުގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އައިއެފްއާރުސީން ބުނާގޮތުގައި ހަތަރު ގައުމުގައިވެސް މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކުން ވައިރަސް ފެތުރުމުގައި ވަކި ބަޔަކު ޒިންމާވާންޖެހޭ ކަމަށް ގަބޫލުކުރާ މިންވަރު ދަށެވެ.