ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފިއެވެ.
ބަންގްލަދޭޝްއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސް ފެނިފައިވަނީ މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު ވެސް އެ ގައުމުން 19 ކޭސްއެއް ފެނިފައިވެއެވެ. މިއަދަދުތައް މަތިވަމުން ގޮސް ޖޫން އަދި ޖުލައި މަހު ތެރޭގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު މުޅިން ވެސް އުޅުނީ 2000ށްވުރެން މަތީގައެވެ.
ނަމަވެސް މިއަދަދުތަށް ދަށްވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން އެ ޤައުމު ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު އުޅެނީ 1000 ގެ އަދަދު ތަކުގައެވެ.
ބުރާސްފަތި ދުވަހު ބަންގްލަދޭޝް ހެލްތް މިނިސްޓްރީގެ ސީނިޔަރ އޮފިސަރެއް ކަމަށްވާ ނާސިމާ ސުލްތާނާ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި 1615 މީހުންނަށް ބަލި ޖެހިފައިވަ ކަމަށެވެ. އެޤައުމުން ޖުމްލަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 342,671ށް އަރާފައެވެ.
ނާސިމާ އިތުރަށް ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑްގެ ބަލީގައި 21 މީހުން މަރުވެފައިވާ ކަމަށެވެ. އެ އަދަދާއި އެކު އެގައުމުގައި މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 4823ށް އަރާފައެވެ. ބަންގްލަދޭޝްގައި ކޮވިޑް-19 ޖެހިގެން މީހަކު މަރުވި ކަމަށް ފުރަތަމަ ފަހަރު ރިޕޯޓް ކޮށްފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.
ބަންގްލަދޭޝްގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުން ބުދަ ދުވަހު އެކަނި ވެސް 13،360 މީހަކު ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފައެވެ.