އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހިއުމަން ޓްރައަލްސް (އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ މަރުހަލާ) އެމެރިކާގައި އަދިވެސް އޮތީ މެދުކަނޑާލާފައި ކަމަށާއި ވެކްސިންގެ ޓްރެއަލް ރައްކާތެރީ ކިހާމިންވަރަކަށްތޯ ބަލަމުން އަންނަ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
އެސްޓްރާޒެނެކާގެ ވެކްސިން ޓްރައަލްތައް މަޑުޖައްސާލީ، ވެކްސިން ޓެސްޓު ކުރުމުގެ ތިންވަނަ މަރުހަލާގައި ބައިވެރިވި މީހަކު ގޮތްނޭނގޭ ގޮތަކަށް ބަލިވުމާ ގުޅިގެން ސެޕްޓެމްބަރު 9 ގައެވެ. އަދި އަލުން ޓްރައަލްތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ގައެވެ. އެމެރިކާގައި ޓްރައަލް މަރުހަލާ ފެށުމަށް އަލުން ހުއްދަ ދޭނީ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުއެވެ.
އެސްޓްރާޒެނެކާ އިން ބުނީ ޓްރެއަލްތައް ފަށާފައިވަނީ ވެކްސިން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް އެކަން ބެލި ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. ވެކްސިން ބޭނުން ކުރުން ރައްކާތެރިކަމަށް ކަނޑައަަޅާފައިވަނީ ބްރިޓަން މެޑިސިންސް ހެލްތު ރެގިޔުލޭޓަރީ އޮތޯރިޓީން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންނަމަވެސް އެމެރިކާގައި އަލުން ޓްރެއަލް ފެށުމުގެ ހުއްދަ ދޭނީ އެމެރިކާގެ އެފްޑީއޭއިން ކަމަށްވާއިރު އެކަމާއި ގުޅޭގޮތުން ކޮމިޝަނަރ ސްޓެފްން ހަން އިންސްޓަގރްމާ ލައިވް ސެޝަންއެއްގައި ވިދާޅުވީ ވެކްސިން ޓްރެއަލް އާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ވެކްސިންގެ ޓްރެއަލް ކުރިޔަށް ގެންދިޔުމަކީ ކިހާ ރައްކަތެރިކަމެއްކަން ނޭންގޭ ކަމަށް ސްޓެފްން ވިދާޅުވިއެވެ. އަދި އެކަން ބަލާނެކަމަށާއި އެންމެ މުހިންމު ޒިންމާއަކީ އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ސްޓެފަން ވިދާޅުވި އެވެ.
އެމެރިކާގައި އަލުން ޓްރެއަލް ފެށޭނެ ތާރީޚެއް ސްޓެފްން ނުދެއްވައެވެ.
އެސްޓްރާޒެނެކާގެ ޓްރެއަލްތައް މެދުކަނޑާލާފައި އޮތުމަށްފަހު އިނގިރޭސިވިލާތުގެ އިތުރުން ބްރެޒިލް އަދި ދެކުނު އެފްރިކާގައިވަނީ ފަށާފައެވެ. މީގެއިތުރުން ބުދަ ދުވަހު އިންޑިޔާގައި މިޓްރެއަލްތައް އަލުން ފެށުމުގެ ހުއްދަ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓަށްވެސް ވަނީ އެގައުމުގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލްގެ ފަރާތުން ލިބިފައެވެ.
އެސްޓްރާޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިނަކީ ކޮވިޑުން ރައްކާތެރިވާން ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވުމުގެ ފުރުސަތު އެންމެ ބޮޑު އެއް ވެކްސިނެވެ.