ކ. މާލެ
|
16 ސެޕްޓެންބަރ 2020 | ބުދަ 22:22
އެސްޓްރަޒެނިކާއިން އުފެއްދުމަށް މަސައްކަތްކުރާ ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް
އެސްޓްރަޒެނިކާއިން އުފެއްދުމަށް މަސައްކަތްކުރާ ކޮވިޑް-19 ވެކްސިންގެ ސާމްޕަލެއް
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
އެސްޓްރަޒެނިކާގެ ކޮވިޑް-19 ވެކްސިންގެ ޓްރެއަލް އިންޑިޔާގައި ފެށުމަށް ހުއްދަ ދީފި
 
ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ޓްރެއަލްތައް ވަނީ އިނގިރޭސިވިލާތާއި ބްރެޒިލް އަދި ދެކުނު އެފްރިކާގައިވެސް ފަށާފައި
 
ކްލިނިކަލް ޓްރެއަލް އަލުން ފެށުމުގެ ހުއްދަ އިންޑިޔާގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލްގެ ފަރާތުން ވަނީ ލިބިފައި

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް އެންމެ ކުރީގައި އުޅޭ އެސްޓްރަޒެނިކާ އިން ކުރިޔަށް ގެންދާ ފޭސް ތިނެއްގެ ޓްރެއަލް މެދުކަނޑާލުމަށްފަހު އަލުން ކުރިޔަށް ގެންދިޔުމުގެ ހުއްދަ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓަށް ލިބިފައިވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފިއެވެ.

އެ ވެކްސިންގެ ކްލިނިކަލް ޓްރެއަލް އަލުން ފެށުމުގެ ހުއްދަ އިންޑިޔާގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލްގެ ފަރާތުން ލިބިފައިވާ ކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެސްޓްރަޒެނިކާ އިން ކުރިޔަށް ގެންދާ ފޭސް ތިނެއްގެ ޓްރެއަލްގައި ވެކްސިން ދީފައިވާ މީހެއް ގޮތްނޭނގޭ ގޮތަކަށް ބަލިވުމާއި ގުޅިގެން ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ޓްރެއަލްތައް ވަނީ އިނގިރޭސިވިލާތާއި ބްރެޒިލް އަދި ދެކުނު އެފްރިކާގައި ވެސް ފަށާފައެވެ. ނަމަވެސް ޓްރެއަލް ކުރިޔަށް ގެންދިޔުން އަދިވެސް އެމެރިކާގައި ވަނީ މެދުކަނޑާލާފަ އެވެ. އެމެރިކާއިން ބުނެފައިވަނީ އެމެރިކާގައި އަލުން ޓްރެއަލްތައް ފަށާނީ އެ ގައުމުން ބައެއް ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.

އިންޑިޔާގެ ރެގިޔުލޭޓަރސް އިން ޓްރެއަލް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ސެރަމް އަށް ދީފައިވަނީ ޝަރުތުތަކަކާ އެކުއެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށާއި ޓްރެއަލްގައި ބައިވެރިވާ ވޮލަންޓިއަރުންނަށް ވެކްސިނާއި ގުޅޭގޮތުން ލިބެމުންދާ އައު މައުލޫމާތުތައް ހިއްސާކުރުން ހިމެނެއެވެ.

އެސްޓްރަޒެނިކާގެ ޓްރެއަލް ގޮތްނޭނގޭ ގޮތަކަށް މީހަކު ބަލިވުމުން ޓްރެއަލް މެދުކަނޑާލާފައިވަނީ ސެޕްޓެމްބަރ 9 ވީ ބުދަ ދުވަހުއެވެ. އެއަށްފަހު އަލުން ޓްރެއަލް ފަށާފައިވާއިރު އެ ކުންފުނިން ބުނީ ޓްރެއަލް ފަށާފައިވަނީ ވެކްސިން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް އެކަން ބެލި ފަރާތްތަކުން ބުނެފައިވާތީ ކަމަށް އެސްޓްރެޒެނިކާ އިން ބުނެއެވެ. ޓްރެއަލް ކުރިޔަށް ގެންދިޔުމަށް ފެހި ސިގްނަލް ލިބުމާއެކު ޓްރެއަލް އަލުން ފަށާފައިވާއިރު މި ވެކްސިނަކީ އޮކްސްފޯރޑް ޔުނިވަރސިޓީ އާ ގުޅިގެން އުފެއްދުމަށް މަސައްކަތް ކުރާ ވެކްސިނެކެވެ.

ވެކްސިން ބޭނުން ކުރުން ރައްކާތެރި ކަމަށް ކަނޑައަަޅާފައިވަނީ ބްރިޓަން މެޑިސިންސް ހެލްތު ރެގިޔުލޭޓަރީ އޮތޯރިޓީން ކަމަށް އެސްޓްރަޒެނިކާ އިން ބުނެއެވެ.

އެސްޓްރާޒެނެކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިނަކީ ކޮވިޑުން ރައްކާތެރިވާން ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވުމުގެ ފުރުސަތު އެންމެ ބޮޑު ވެކްސިނެވެ. މި ވެކްސިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އޮކްސްފޯޑުގެ ސައިންސްވެރިންގެ ޓީމުން ބުނެފައިވަނީ، މި ވެކްސިން ކާމިޔާބު ވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް