އޮސްޓްރޭލިއާގެ މީހަކު ހައްޔަރު ކުރުމަށް އުސޫލާ ހިލާފުވުމުވުން ފުލަހަކު ސަސްޕެންޑް ކޮށްފިއެވެ.
މި ހާދިސާ ހިނގީ މެލްބަރން ސިޓީގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރުމަށް އުޅުމުގެ ތެރޭގައެވެ. އެގޮތުން ވިކްޓޯރިއާ ފުލުހުން ވަނީ އުސޫލާ ހިލާފަށް ފުލުހުންގެ ކާރުން އެ މީހާގައި ޖެއްސުމުގެ އިތުރުން ބޮލުގައި ޖަހާ ވައްޓާލާފައިވާ ކަމަށެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހާގެ ހާލު ސީރިއެސްވެ މިހާރު ފަރުވާ ދެމުންދާއިރު އެމީހާ މިހާރު ވަނީ ކޯމާގައެވެ.
އެމީހާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ފެންނަ ވީޑިއޯއެއް އާއިލާގެ ފަރާތުން ސޯޝަލް މީޑިއާ އަށް ވަނީ ދޫކޮށްލާފައެވެ. އަދި ވިޑިއޯ ވައިރަލްވެ ގިނަ ބައެއް ފާޑު ކިއުންތައް ވިކްޓޯރިއާ ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. އަދި އާންމުންގެ ގިނަ ބަޔަކު ގެންދަނީ އެ ފުލުސް މީހާ އަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށާއި، އަނިޔާ ލިބުނު މީހާ އިންސާފު ހޯދައި ދިނުމަށް ގޮވާލަމުންނެވެ.
އާދިއްތަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އާއިލާގެ ފަރާތުން ވަނީ މިނިވަން ތަހުގީގެއް ހިންގައި ދިނުމަށް ވެސް އެދިފައެވެ.
މި ހާދިސާއާ ގުޅިގެން ވިކްޓޯރިއާ ފުލުހުން ބުނީ އެގޮތަށް އަމަލު ކުރި ފުލުސް މީހާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށާއި، އިންޓަރނަލް ޔުނިޓުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން މެލްބަރން ސިޓީގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފާއިތުވެ ދެ މަސް ދުވަހު އެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައިވާއިރު، ޕަބްލިކް ހެލްތް އޯޑަރގެ ދަށުން ފުލުހުންނަށް ވަކި ބާރުތަކެއް ވެސް ދީފައެވެ.
އެގޮތުން އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާ ކުރުމާއި، ހައްޔަރު ކުރުމުގެ ބާރު ދީފައިވެއެވެ. ނަމަވެސް އާދިއްތަ ދުވަހު ހައްޔަރު ކުރި މީ ހާއަކީ އުސޫލާ ހިލާފުވެގެން ހައްޔަރު ކުރި މީހެއް ކަމަށް ނުބެލެވޭ ކަމަށާއި، އެމީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އެމީހާއާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކާ ފުލުހުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.