މިޔަންމާގެ ބޯރޑަރާއި އިންވެގެން އޮންނަ ޗައިނާގެ ސިޓީއަކުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެ ސިޓީ ލޮކްޑައުންކޮށްފިއެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވަނީ ހުޅަނގު ޔުނާން ޕްރޮވިންސްގެ ރޫލާއި ސިޓީންނެވެ. އެ ސިޓީން ފެނިފައިވާ ކޭސްތަކަކީ މިޔަންމާ އިން އެ ސިޓީއަށް އެތެރެވި މީހުންތަކެކެވެ. އެ ސިޓީއަށް އެތެރެވި މީހުންގެ ތެރެއިން 2 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އަންގާރަ ދުވަހު އެ ސިޓީގެ އޮފިޝަލުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ގޭގައި ތިބުމަށް އަންގާފައެވެ. އަދި ސިޓީން ބޭރު ނުވުމަށާއި ސިޓީއަށް އެއްވެސް މީހަކު އެތެރެވުމަކީ މަނާކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
210،000 މީހުން ދިރިއުޅޭ ރޫލާއި ލޮކްޑައުންކޮށްފައި މިވަނީ އެންމެން ވައިރަސް އަށް ޓެސްޓް ކުރެވެންދެންނެވެ. އަދި މި މުއްދަތުގައި ސުޕަރމާކެޓް ތަކާއި ބޭސްފިހާރަތަކާއި ކާބޯތަކެތި ވިއްކާ މާރުކޭޓްތައް ނޫން ހުރިހާ ތަނެއް ބަންދުވާނެ އެވެ.
ވައިރަސް އަށް ޕޮޒިޓިވްވި އެކަކީ 32 އަހަރުގެ އަންހެނެކެވެ. މީނާގެ ފުށުން އަލާމާތްތައް ނުފެންނަ ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެއެެވެ. ދެން ވައިރަސް އަށް ޕޮޒިޓިވްވީ 16 އަހަރުގެ އަންހެން ކުއްޖެކެވެ.
ސިޓީގެ އޮފިޝަލުން ވަނީ ސެޕްޓެމްބަރ މަހުގެ 12ގެ ފަހުން ރޫލާއީން ދިޔަ ކޮންމެ މީހަކު ވެސް ވައިރަސް އަށް ޓެސްޓް ކުރުމަށް އެދިފައެވެ.
ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ދަތުރު ފަތުރުކުރުމުގައި ހަރުކަށި ފިޔަވަޅު އަޅައިގެންނާއި ލޮކްޑައުންގެ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ޗައިނާގައި ވަނީ ކޮންޓްރޯލް ކޮށްފައެވެ.
އެހެންނަމަވެސް ފާއިތުވިގެން ދިޔަ މަސްތަކުގައި ކޮވިޑްގެ ގިނަ ކޭސްތަކެއް އެކި ސިޓީތަކުން ވަނީ ފެނިފައެވެ. އޭގެތެރޭގައި ވެރިރަށް ބެއިޖިންގ ވެސް ހިމެނެއެވެ.
ފާއިތުވި ދުވަސްތަކުގައި އެގައުމުން ވައިރަސް އަށް ޕޮޒިޓިވްވެގެން ގިނައިން ރިޕޯޓްކޮށްފައިވަނީ އެ ގައުމަށް އެތެރެވި މީހުންނެވެ.
އަންގާރަ ދުވަހު އެގައުމުން 7 މީހަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރިއިރު މިއެންމެންނަކީވެސް އެ ގައުމަށް އެތެރެވި މީހުން ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.