އިސްރާއީލާއެކު ގުޅުންތައް ބަދަހިކުރުމަކީ ޒަމާނުއްސުރެ އިސްރާއީލާއި ފަލަސްތީނާ ދެމެދު އޮތް މައްސަލައަށް ހައްލު ގެނުވާނެކަމެއްނޫން ކަމަށާއި ގަލްފް އަރަބި ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ދޯހާއިން ބައިވެރިނުވާނެ ކަމަށް އެގައުމުން ބުނެފި އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީންގެ ސްޕޯކްސްޕާރސަން ލޮވާ އަލް ޚަތެރް ވިދާޅުވީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަކީ އާންމު ކަމެއްގެ ގޮތުގައި ދެއްކުމަކީ މިމައްސަލައަށް އޮތް ހައްލުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު އޮތް ހަގީގީ މައްސަލައަކީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލަތުކަމަށާއި އެމީހުންގެ އަމިއްލަ ވަޒަނުގައި އެއީ އަމިއްލަ ވަޒަން ނޫންކަމަށް ހަދައިގެން އުޅެންޖެހޭ ޖެހުންކަމަށް ޚަތެރް ވިދާޅުވިއެވެ.
ޚަތެރް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ބަހްރެއިން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ން އިސްރާއީލާއެކު ގުޅުންބަދަހިކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް އަންގާރަ ދުވަހު ވައިޓް ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.
މި އެއްބަސްވުމުގެ ދަށުން އަރަބް ގައުމުތަކާއި އިސްރާއީލާއެކު ޚާރިޖީ ގުޅުމާއި، ވިޔަފާރީގެ ގުޅުމާއި ސަލާމަތާއި ބެހޭ ގުޅުންތަކުގެ އިތުރުން އެހެން ގުޅުންތައް ގާއިމު ކުރެވިގެންދާނެ އެވެ.
އަރަބި ގައުމުތަކުން އިސްރާއީލާއެކު ގުޅުންބަދަހި ކުރަން ފެށުމާއެކު ފަލަސްތީނުގެ ރައްޔިތުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ. މިއީ އެމީހުންގެ މިނިވަންކަމަށް ކުރަމުން އަންނަ މަސައްކަތުގައި އަރަބި ގައުމުތަކުން ތަފާލެއް ޖެހުންފަދަ ކަމެއް ކަމަށް ފަލަސްތީން ރައްޔިތުން ބުނެއެވެ.
ފަލަސްތީނުން އަންނަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ފަލަސްތީނުން ގެއްލިފައިވާ ބިންތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި ފަލަސްތީނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.
މިމައްސަލާގައި އަރަބް ގައުމުތަކުން އަންނަނީ ޒަމާނުއްސުރެވެސް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ފަލަސްތީނަށް އަނބުރާ ދިނުމަށް ގޮވާލަމުންނެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ވެއްޖެނަމަ ބަދަލެއްގެ ގޮތުގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރާނެކަމަށް އަންނަނީ ބުނަމުންނެވެ.
ނަމަވެސް މިމަހުގެ ކުރީކޮޅު ޔޫއޭއީ އާއި ބަހްރެއިން އިން ވަނީ އިސްރާއީލާއެކު ގުޅުންބަދަހި ކުރަމުންދާކަމަށް ބުނެފައެވެ. އެންމެފަހުގެ ރިޕޯޓްތައް ބުނާގޮތުން ސައޫދީ އަރަބިއްޔާއިންވެސް އަންނަނީ ސިއްރިޔާތުގައި އިސްރާއީލާއެކު ގުޅުންތައް ބަދަހިކުރަމުންނެވެ. އަދި ދެން އެންމެ އަވަހަށް އެކަން އިއުލާންކުރާނެ ގައުމަކީ ސައުދީ އަރަބިއްޔާ ކަމަށްވެސް ބައެއް ފަރާތްތަކުންދެކެ އެވެ.
އިސްރާއީލާ އެކު ގުޅުން ގާއިމު ކުރުމަކީ މެދުއިރުމަތީގެ ސުލްހަ އާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އެގައުމުތަކުން ދެކުނު ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި މިގުޅުން ގާއިމުކުރުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އަޑުތައް މަޑުވެގެންދާނެ އެވެ.