ހދ. ވައިކަރަދޫގެ ކަނޑޫފާ މަރުވެ ހަނަފަސްވަނީއެވެ. މި މަންޒަރު ބަލަން ކިތަންމެހާވެސް ހިތްދައްޗެވެ.
ވައިކަރަދޫ އަކީ މާރަށެށްގެ ގޮތުގައި މަޝްހޫރުވެފައިވާ ރަށެކެވެ. ވައިކަރަދޫގެ ފަހުރަކީ ވައިކަރަދޫގެ ބޮޑެތި ރީތި ދަނޑުބިންތަކާއި އެންމެ ކުރީ ޒަމާނުއްސުރެން ރަށަށް އަރާފައިބާ އެންމެންގެ ލޮލުގައި އަޅައިގަންނަ ފެހިކަން ގަދަ ރީތި ކަނޑޫފަލެވެ.
ކަނޑޫ ގަސްތަކުގަ އަޅާ ކަނޑުލަކީ އަބަދުވެސް ވައިކަރަދޫ ރައްޔިތުންނަށް މީރު ކެއުމެކެވެ. ކަނޑޫ ފަލުގެ ޗަސްބިން ތެރޭގައި ކަނޑޫ ހޮވަން ދިޔުމަކީ ނުހަނު ކުރާ ހިތުން ވައިކަރަދޫ ރައްޔިތުން ކުރާ ކަމެކެވެ. އެ ހޮވައިގެން ގެނެސް ކަނޑޫ ކެހުމަށްފަހު އަޅި އަޅާ ކައްކައިގެން ހިތި ފިލުވާ ތައްޔާރު ކޮށް ކަނޑޫ ކެއުމަކީ ރަށުގެ ރައްޔިތުން ނުހަނު ފޯރިޔާއިއެކު ކުރަމުން އަންނަ ކަމެކެވެ.
އިހު ޒަމާނުއްސުރެއް ކަނޑޫ ފަލުގެ ފެހި ކަމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް މިއަދު އެ ފެހިކަންވަނީ މުށި ކުލައަށް ބަދަލުވެފައެވެ. އެ ޗަކަބިން ވަނީ ހިކި އަނަރޫފަވެފައެވެ. މިއީ ވައިކަރަދޫގެ ހަޔާތުގައި ވެސް ނުފެންނަ ހިތްދަތި މަންޒަރެކެވެ.
ރަށެއް ދެވިއްޖިއްޔާ އަބަދުވެސް ކަނޑޫފަލަށް ދާ ވައިކަރަދޫގެ ޒުވާނެއް ކަމުގައިވާ އަލީ ރިއްފާނު ބުނީ މިފަހަރުވެސް އާދައިގެ މަތިން ކަނޑޫ ފަލުގެ ރީތިކަން ބަލާ ހިތުން ކަނޑޫފަލަށް ދިޔަ ކަމަށެވެ. ނަމަވެސް މި މިފަހަރު ފެނިގެން ދިޔައީ ހައިރާން ކުރުވަނިވި މަންޒަރުތަކެއް ކަމަށް ރިއްފާން ބުނިއެވެ. ފެހިކަން ގަދަ ރީތި ކަނޑޫފައި އެއްކޮށް މުށި ކުލައަށް ވަނީ ބަދަލުވެފައެވެ. ރިއްފާން އެންމެ ފަހުން ކަނޑޫފަލަށް ދިޔައީ ޖޫން މަހުއެވެ. އޭރު ކަނޑޫފާ އޮތީ ވަރަށް ވެސް ރީތިކޮށް ކަމަށް ރިއްފާން ބުންޏެވެ.
ގަސްތަކަށް މިހެންވެފައިވާ ތަން ފެނުމުން ޑްރޯން އަރުވައި ބަލާލިއިރު ކަނޑޫފަލުގެ ބޮޑު ބައި މަރުވެފައިވާތަން ފެނިގެންދިޔަ ކަމަށް ރިއްފާން ބުންޏެވެ. ރިއްފާން ލަފާ ކުރާ ގޮތުގައި ކަނޑޫފަލުގެ ގާތްގަނޑަކަށް 75 ޕަސެންޓު ވަނީ މިހާރު މަރުވެފައެވެ. ބާކީ ހުރީ، ކަނޑޫފަލުގެ ބޭރު ފަށުގައި ވަށައިގެން ހުރި ބޮޑެތި ގަސްތަކެއް އެކަންޏެވެ.
ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ކަނޑޫ ފަލަށް އައިސްފައި ހުރި ބަދަލުތަށް ހިއްސާ ކުރައްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ގަސްތަކަށް ބަދަލު އައިސްފައިވާ ވާކަން އެނގިފައިވަނީ ތުންތުންމަތިން ރަށުތެރޭގައި ދެކެވުނު ވާހަކަތަކުން ކަމަށެވެ. އަދި އެހިސާބުން ކައުންސިލްގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ. ނަސީމު އިތުރަށް ވިދާޅުވީ މިހެން ދިމާވާން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް ބޮޑަށް ލަފާ ކުރެވެނީ ހދ. ނޭކަރަންދޫ ކަނޑޫފަލަށް ދިމާވި ކަހަލަ މައްސަލައެއް ދިމާވަނީ ކަމަށް ނަސީމު ވިދާޅުވިއެވެ. ކަނޑޫ ފަލަށް ކުއްލި ގޮތަކަށް މިހާ ބޮޑު ބަދަލެއް އައިސްފައި ވުމުން ފަނި ކަހަލަ އެއްޗެއް އުޅޭތޯ ވެސް ބަލާފައިވާ ކަމަށް ނަސީމު ވިދާޅުވިއެވެ. ނަމަވެސް އެފަދަ ކަމެއް އަދި ފާހަގަނުވާ ކަމަށް ނަސީމު ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ މި މައްސަލަ މިހާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އީ.ޕީ.އޭ އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ފަރަހަތު އަލީ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީ.ޕީ.އޭ ގެ ސަމާލުކަމަށް ކައުންސިލުން އެކަން ގެނެސްފައިވާ ކަމަށެވެ.
ފަރަހަތު ވިދާޅުވީ މިކަހަލަ މައްސަލަ މި ސަރަހައްދުގެ އިތުރު ކަނޑޫފާތަކަށް ވެސް ދިމާވަމުން އަންނަ ކަމަށެވެ. ނަމަވެސް މިހެން ދިމާވަން މެދުވެރިވާ ސަބަބެއް އަދިވެސް އެނގިފައިނުވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާނޭ ކަމަށް ފަރުހަތު ވިދާޅުވިއެވެ. ނަމަވެސް މިކަން ދެނެގަތުމަށް ގަހުގެ ސާމްޕަލް ތަކެއް ނަގަން ޖެހޭ ކަމަށާއި މިދުވަސްވަރަކީ ކޮވިޑް-19ގެ ދުވަސްވަރު ކަމުން ދަތުރުފަތުރު ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ފަރުހަތު ވިދާޅުވި އެވެ.
ފަރަހަތު އިތުރަށް ވިދާޅުވީ މި މައްސަލަ އަވަހަށް ދެނެ ނުގަނެވިއްޖެ ނަމަ ނޭކުރަންދޫ ކަނޑޫފަލަށްވީ ގޮތަށް ވަރަށް ބޮޑު ސަރަހައްދެއް ނެތިގޮސްދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން އަވަހަށް ފިޔަވަޅު އެޅޭތޯ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަރުހަތު ވިދާޅުވިއެވެ. އަދި ސާމްޕަލް ނެގުނުހައި އަވަހަކަށް އިންޑިޔާގެ ރީސާޗް ސެންޓަރ އަކަށް ފޮނުވާނެ ކަމަށް ވެސް ފަރަހަތު ވިދާޅުވެފައެވެ.
މިކަހަލަ މައްސަލައެއް ދިމާވެފައިވާ ނޭކަރަންދޫގެ ކަނޑޫފަލުގެ ރީސާރޗެއް ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން މީގެ ދުވަސްކޮޅެއް ކުރިން ހަދާފައެވެ. އެ ރިސަރޗާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމިނސްޓްރީގެ ޕްލާންޓު ޕްރޮޓެކްޝަން އެންޑު ކަރަންޓީން ސާރވިސްގެ ޑައިރެކްޓަރ ގާސިތު މުހަންމަދު ވިދާޅުވީ މިމައްސަލަ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްލައެއް ކަމަށް ފާހަގަ ކުރެވޭކަމަށެވެ. އުތުރުގެ ރަށްތަކަކީ ދެކުނުގެ ރަށްތަކާއި އަޅާ ބަލާއިރު މަދުން ވާރޭ ވެހޭ ހިސާބެއް ކަމަށެވެ. އަދި ކަނޑޫ ގަސްތަކަކީ ވަރަށް ބޮޑަށް ޗަކަ ބޭނުންވާ ގަސްތަކެއްކަމުން މިފަދަ ގަސް ތަކަށް ބަދަލު އަންނަނީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގާސިތު އިތުރަށް ވިދާޅުވީ މިދިޔަ ދުވަސްކޮޅު ވާރޭވެހިފައިވީ ނަމަވެސް މިއީ އިއްޔެއަކު މިއަދަކު ބިންގަނޑަށް އައިސްފައިވާ ބަދަލެއް ނޫން ކަމަށެވެ. އެގޮތުން ގާސިތު ވިދާޅުވީ މީގެ ތިން ހަތަރު އަހަރެއްހާ ދުވަސް ކުރިން ހޫނުގަދަ ވުމާއި ގުޅިގެން ބިންގަނޑަށް ލިބިފައިވާ ގެއްލުމުގެ އަސަރު މިހާރު ގަސްތަކަށް ފޯރަން ފެށީ ކަމަށެވެ. އެފަދަ ޗަކަބިން ތަކަށް ލިބޭ ގެއްލުމުގެ އަސަރު އާންމުކޮށް ފެންނަނީ ލަހުން ކަމަށް ގާސިތު ވިދާޅުވިއެވެ. ނަމަވެސް މިއީ ވެސް ކުރެވޭ ލަފައެއް ކަމަށާއި ޔަގީންކޮށް ނުދެންނެވޭނެ ކަމަށް ވިދާޅުވިއެވެ.
ކަނޑޫ ގަހަކީ އުތުރާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އަދި ވައިކަރަދޫގެ ކަނޑޫ ގަސްތަކަކީ ރައްޔިތުންގެ ފަހުރެކެވެ. އީ.ޕީ.އޭ އިން ކުރެވޭ މަސައްކަތަކީ ވައިކަރަދޫ ކަނޑޫފާ ސަލާމަތް ކުރެވިދާނެ ކަމުގެ ކުޑަކުޑަ އުންމީދެކެވެ.