ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާ އެމެރިކާގައި ފާއިތުވި ހަތް ދުވަހު އަލަށް ވައިރަސް ޖެހުނު މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 15 އިންސައްތަ ދަށަށް ގޮސްފިއެވެ.
އެމެރިކާގައި ފާއިތުވި ހަތް ދުވަހު ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހިފައިވަނީ އެވްރެޖްކޮށް 35،000 މީހުންނަށެވެ. މިއާއެކު ޖެހިޖެހިގެން އަށް ހަފްތާވަންދެން މިވަނީ އެގައުމުގައި އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށަށް ގޮސްފައެވެ. ޖުލައި މަހު ޕީކުގައި ހުރި އިރު ދުވާލެއްގެ މައްޗަށް 77،000 މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ޖެހިޖެހިގެން ހަތަރު ދުވަހު ވަނީ ދަށަށްގޮސްފައެވެ. ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ބަލި ޖެހިގެން މަރުވެފައިވަނީ 735 މީހުންނެވެ. ކެލިފޯނިއާ އާއި ޓެކްސަސް ގައި މީހުން މަރުވާ އަދަދު ދަށަށް ގޮސްފައިވާއިރު ފްލޮރިޑާގައި ވަނީ އަދަދުތައް އެއްވަރެއްގައި ހިފެހެއްޓިފައެވެ.
އެމެރިކާގައި ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް 650،000 މީހުން ވަނީ ވައިރަސް އަށް ޓެސްޓް ކޮށްފައެވެ. އެއީ އޭގެކުރީ ހަފްތާ އާ އަޅާބަލާއިރު 5 އިންސައްތަ ދަށްވުމެކެވެ. މުޅި އެމެރިކާގައި ކުރެވޭ ޓެސްޓް ތަކުގެ ތެރެއިން ޕޮޒިޓިވްވަނީ 5.4 އިންސައްތަ ޓެސްޓެވެ. ޖުލައި މަހުގެ މެދު ތެރޭގައި ޕީކުގައި އޮތްއިރު ކުރެވޭ ޓެސްޓްތަކުގެ 9 އިންސައްތަ ޓެސްޓަކީ ޕޮޒިޓިވް ޓެސްޓުތަކެވެ.
އެހެންނަމަވެސް އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 27 ސްޓޭޓެއްގައި މިހާރުވެސް ކުރެވޭ ޓެސްޓްތަކުގެ 5 އިންސައްތައަށްވުރެ ގިނަ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްއެވެ. މިއީ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ މަތީ އަދަދެކެވެ.