ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 ވެކްސިނެއް އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.
ޗައިނާ ސަރުކާރުގެ ފާރމަސޫޓިކަލް ކުންފުންޏެއް ކަމުގައިވާ ސިނޯފަރމް އިން އުފައްދަމުން އަންނަ މި ވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލް ޔޫއޭއީގައި ފަށާފައިވަނީ ޖުލައި މަހުއެވެ. މި ވެކްސިން ނިމުމަކާ ހިސާބަށް އައިސްފައިވާއިރު ޔޫއޭއީގައި މި ވެކްސިންގެ ހިޔުމަން ޓްރެއަލް ކުރިޔަށް ގެންދާތާ ހަ ހަފުތާ ވަނީ ވެފައެވެ.
މި ވެކްސިން އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ދިންކަން ހާމަކޮށް ޔޫއޭއީގެ ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑީޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވެކްސިން އެންމެ ފުރަތަމަ ދޭނީ އެންމެ ބޮޑަށް ވައިރަހަށް ހުށަހެޅިގެން އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ކަމަށެވެ.
ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިންކަން ހާމަކޮށްފައިމިވަނީ ޔޫއޭއީގައި އަނެއްކާ ވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނިކޮށެވެ. އެގޮތުން ހޮނިހިރު ދުވަހު ވަނީ އެގައުމުގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. އެއީ 1007 މީހުންނަށެވެ. ހޯމަ ދުވަހު އެގައުމުގެ 777 މީހަކަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެމަރޖެންސީކޮށް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން އިރު މިވެކްސިނަކީ މިހާރުވެސް ޓެސްޓިންގ މަރުހަލާގައިވާ ވެކްސިނަކަށްވާއިރު ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ 31،000 ވޮލަންޓިއަރުންގެ ގަޔަށް ވެކްސިން ޖަހާ ޓެސްޓް ކުރުމަށްފަހު ކަމަށް އެއޮތޯރިޓީން ބުނެއެވެ.
އެއޮތޯރިޓީން ބުނެފައިވަނީ ވެކްސިން ދިން މީހުންގެ ކިބައިން ކޮންމެސް ވަރަކަށް ސައިޑް އެފެކްޓްސް ފެނިފައިވާ ކަމަށާއި އެހެންނަމަވެސް އެމީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ސައިޑް އެފެކްޓްސް ނުފެންނަ ކަމަށެވެ. އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ހާހެއްހާ މީހުންނަށް ވެކްސިން ދީފައިވާއިރު އެމީހުންގެ ފުށުން ވެކްސިންގެ ނުރަނގަޅު އަލާމާތްތަކެއް ނުފެންނަ ކަމަށް އެޖެންސީން ބުނެއެވެ.
ސިނޯފަރމް އިން ޓްރެއަލްތައް ކުރިޔަށް ގެންދަން ފަށާފައިވަނީ ޖޫން މަހުން ފެށިގެންނެވެ. ދުބާއީގައި ސިނޯފަރމް އިން އުފައްދަމުން އަންނަ ވެކްސިންގެ ޓްރެއަލް ކުރިޔަށް ގެންދާއިރު ފޭސް 1 އަދި ފޭސް 2 ގެ ކްލިނިކަލް ޓެރެއަލް ނިންމާލާފައިވަނީ އެ ޓްރެއަލްގައި ބައިވެރިވި ހުރިހާ އެންމެންގެ ހަށިގަނޑުންވެސް އެންޓިބޮޑީސް އުފައްދައި ދިނުމުންނެވެ. ޖުލައި މަހު އަބޫދާބީ ސަރުކާރުން ބުނެފައިވަނީ ވެކްސިންގެ ދެ ޑޯޒް ވޮލަންޓިއަރުންނަށް ދީފައިވާއިރު 28 ދުވަސްތެރޭ އެމީހުންގެ ހަށިގަނޑުން ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީޒް އުފައްދައިދީފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 170ށް ވުރެ ގިނަ ވެކްސިން އުފައްދަމުން އަންނައިރު ރަސްމީކޮށް ވެކްސިން ބޭނުންކުރަން ހުއްދަ ދީފައިވާ ފުރަތަމަ ގައުމަކީ ރަޝިޔާއެވެ. ނިމިގެން ދިޔަ އޮގަސްޓް މަހު ރަޝިޔާ ސަރުކާރުން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރަސްމީކޮށް ދީފައިވަނީ އިންސާނުންގެ ގަޔަށް ޖަހައިގެން ވެކްސިން ޓެސްޓް ކުރަން ފެށިތާ ދެ މަސް ދުވަސްވެސް ނުވަނީހެވެ. އެއާއެކު ކަމާގުޅޭ މާހިރުން ވަކިން ޚާއްސަކޮށް ޔޫރަޕްގެ ސައިންޓިސްޓުން ވަނީ ރަޝިޔާގެ ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާފައެވެ.
އަނެއްކޮޅުން ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް ވެކްސިން ދެމުން އަންނަކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.