ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 21:14
ގައުމީ ޓީމު ޖޯޒީގައި އަބްދުﷲ ހަނީފް (ބެންޖޯ)
ގައުމީ ޓީމު ޖޯޒީގައި އަބްދުﷲ ހަނީފް (ބެންޖޯ)
ފޭސްބުކް
ޕްރޮފައިލް
ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް
ފުޓުބޯޅަ ކުޅުން ހުއްޓާލަން ބެންޖޯ އަންނަނީ ވިސްނަމުން
ސިޔާސީ ދާއިރާ އިން ކުރިޔަށްދާން ބެންޖޯ އަންނަނީ ވިސްނަމުން
ބެންޖޯ އަށް އެންމެ ކަމުދާ ކޯޗަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް

ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އަބްދުﷲ ހަނީފް (ބެންޖޯ) ފުޓުބޯޅަ ކުޅެން ފަށާފައިވަނީ އިންޓަ ސްކޫލުން ފެށިގެންނެވެ. ބެންޖޯގެ ކެޕްޓަންކަމުގެ ދަށުން މުހިއްބުއްދީން ސްކޫލް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ބެންޖޯއާއެކު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް ކުޅުނު ގައުމީ ގިނަ ތަރިން އެބަތިބިއެވެ. އެގޮތުން މުހައްމަދު އާރިފް (ބަކާ)، އަހުމަދު ސައީދު (އައްމަޓީ) އަދި ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެއެވެ.

އިންޓަ ސްކޫލްގައި ބެންޖޯ ދެއްކި މޮޅު ކުޅުމާއެކު މާލޭ ބައެއް ކްލަބްތަކުން އޭނާ އަށް ހުށަހެޅިއެވެ. އެހެންނަމަވެސް އައްޑޫގެ ފުޓުބޯޅަ ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އަހުމަދު ޝަރީފް (ޑުންގާ) ތަނަވަސްކޮށްދިން ފުރުސަތަކާއެކު ބެންޖޯ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން ފަށާފައިވަނީ 2004 ވަނަ އަހަރެވެ. އެ އަހަރު އޭނާ ބަދަލުވެފައިވަނީ ހުއްރިއްޔާ ސްޕޯޓްސް އަށެވެ. ބެންޖޯ ހުއްރިއްޔާއަށް ބަދަލުވާން ނިންމި މައިގަނޑު ސަބަބަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމެވެ.

ހުރާ ޓީމު އެންމެ ވަރުގަދަ ކުރި އަހަރު ބެންޖޯ އެޓީމަށް ޑިފެންޑަރެއްގެ ގޮތުގައި ގޮސްފައިވާއިރު، އެޓީމާއެކު އޭނާ ހޭދަކުރި ދެވަނަ އަހަރު ދިވެހި ލީގުގެ ތަށި ހޯދިއެވެ. ބެންޖޯ ހުރާއަށް ބަދަލުވި އަހަރު އޭނާ އަށް އިމިގްރޭޝަން އިން ވަޒީފާ ހަމަޖެހިފައިވާއިރު، އެޓީމާއެކު ލީގު ނަގާފައިވަނީވެސް ވަޒީފާ އަދާކުރަމުންނެވެ. ބެންޖޯ

ފާހަގަކުރާގޮތުގައި ހުރައާއެކު ދިވެހި ލީގު ހޯދުނު އަހަރަކީ އޭނާގެ ކެރިޔަރުގައި އެންމެ އުފާވި އެއް ދުވަސް ކަމަށެވެ. އޭނާ ބުނީ އާދައިގެ ޓީމަކާއެކު އެވަރުގެ ބޮޑު ކާމިޔާބީއެއް ހޯދިދާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. ބެންޖޯގެ ފުރަތަމަ އޭއެފްސީކަޕް ތަޖުރިބާވެސް ހޯދާފައިވަނީ ހުއްރިއްޔާގައެވެ.

ހުރާގައި ތިން އަހަރު ހޭދަކުރުމަށްފަހު ދެން ބެންޖޯ ބަދަލުވީ އައިއެފްސީ އަށެވެ. އެޓީމާއެކު ބެންޖޯ ފުރަތަމަ ފަހަރަށް ގައުމީ މުބާރާތް ކާމިޔާބުކުރެވުން ފިޔަވައި އިތުރު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އޭގެ ދެއަހަރު ފަހުން އައިއެފްސީގެ ނަން އުވި އުފެދުނު ވީބީ ސްޕޯޓްސް ކްލަބަށް ބެންޖޯ ކުޅެފައިވާއިރު، އޭނާ ވަނީ އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެއިތުރުން އޭރު ޓީމުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އާ އެޓީމާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން ބޭންޑު ބެންޖޯއާ ހަވާލުކުރެވުނެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން ގިނަ ތަށިތަކެއް ވީބީން ވަނީ އުފުލާލާފައެވެ.

ބެންޖޯ ގައުމީ ސްކޮޑަށް ނަގާފައިވަނީ 2009 ވަނަ އަހަރު އޮތް ޗެލެންޖް ކަޕް ކޮލިފައިން އަށެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ބޫޓާން އަތުން 0-5 ގެ ނަތީޖާއިން ރާއްޖެ މޮޅުވި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ބެންޖޯ ވަނީ ކުޅެފައެވެ. އެ މެޗުގައި ކުޅުމުގެ ފުރުސަތު ބެންޖޯއަށް ލިބިފައިވަނީ މުހައްމަދު ސޮބާ އަށް ދެ ކާޑު ހަމަވެގެން ސަސްޕެންޝަނާ ކުރިމަތިލާން ޖެހިގެންނެވެ.

ބެންޖޯ ބުނީ ގައުމީ ޓީމުން ގޮވާލާ ކޮންމެ ވަގުތެއްގައިވެސް އެހީވާން އަދިވެސް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި މި އަހަރު މޮޅު ކުޅުމެއް ދެއްކި ކަމަށް ގިނަ ބަޔަކު ދެއްކި ނަމަވެސް ސްކޮޑަށް ނަގާފައިނުވަނީ އަދިވެސް އެންމެ ރަނގަޅަށް ކޯޗު ބޭނުންވާވަރަށް ޕާފޯމް ނުކުރެވޭތީކަމަށް ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް އެ ފެންވަރަށް އައުމަށް ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ފުޓުބޯޅަ ކެރިޔަރުގައި މިހާރު އެންމެ ބޭނުންވަނީ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ގައުމީ ޖޯޒީގައި ކުޅެލަން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭއެފްސީ ޗެލެންޖުކަޕްގައި ކުޅުނު އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗެއްގައި ބެންޖޯގެ ލިގަމެންޓަށް ބޮޑު އަނިޔާއެއްވަނީވެފައެވެ. އެ އަނިޔާއާއެކު 8 މަސްދުވަހު ކުޅުމާ ދުރުގައި އޭނާ ވަނީ ހުންނަންޖެހިފައެވެ. އެގޮތުން އަނބުރާ ފޯމަށް އަންނަން ބެންޖޯއަށް ތަފާތު ހުރަސްތަކާ ކުރިމަތިލާންޖެހުނެވެ. އެހެންނަމަވެސް އޭނާ ވަނީ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ. 

ވީބީގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު 2012 ވަނަ އަހަރު ބެންޖޯ ދެން ބަދަލުވީ ކްލަބް އީގަލްސް އަށެވެ. އެ ކްލަބާއެކު ގައުމީ މުބާރާތުގެ ސެމީފައިނަލުގައި ނިއުރޭޑިއަންޓްސް ސްޕޯޓްސް ބަލިކުރުމަށްފަހު ފައިނަލް މެޗުގައި ބަކާ އަށް ދެ ކާޑު ހަމަވެގެން ސަސްޕެންޝަނާ ކުރިމަތިލާންޖެހުމުން އޭނާ އެ މެޗުގައި ކުޅުނީ މެދުތެރެއަށް އަށެވެ. އެގޮތުން އެ މެޗަކީ ބެންޖޯ މެދަށް ކުޅުނު ފުރަތަމަ މެޗެވެ. އޭގެ ފަހުން އަދިވެސް އޭނާ ކުޅެނީ މެދުތެރެއަށެވެ.

އީގަލްސްގައި އެއް އަހަރު ހޭދަކުރުމަށްފަހު ދެން އަނެއްކާ އޭނާ ބަދަލުވީ ވީބީއަށެވެ. އެ އަހަރު ވީބީ ދިވެހި ލީގުން ރެލިގޭޓްވެފައިވާއިރު، ބެންޖޯ ފާހަނގަކުރާގޮތުގައި އެ އަހަރަކީ އޭނާގެ ކެރިޔަރުގައި އެންމެ ދެރަވި ދުވަސްކަމަށެވެ. ވީބީ ރެލިގޭޝަންއާ ކުރިމަތިލާންޖެހުމާއެކު، ދެން ބެންޖޯ ބަދަލުވީ ކްލަބް ވެލެންސިއާއަށެވެ.

 އެގޮތުން ބެންޖޯ އެ ކްލަބަށް ބަދަލުވެފައިވާއިރު، އެ ސީޒަނުގައި ޓީމު ލީޑުކޮށް ކެޕްޓަން ބޭންޑު އަޅައިގެން ކުޅެފައިވެސް ވަނީ އޭނާ އެވެ. ވެލެންސިއާ ޓީމާއެކު ބެންޖޯއަށް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ ގައުމީ މުބާރާތުގެ ތިންވަނަ ހޯދުމެވެ. ވެލެންސިއާގައި އަހަރެއް ހޭދަކުރުމަށްފަހު ދެން އަނެއްކާވެސް ބެންޖޯ ބަދަލުވެފައިވަނީ އީގަލްސް އަށެވެ. އެ އަހަރު ޓީމާއެކު ކާމިޔާބީއެއް ލިބިފައިނުވާއިރު، ދެން އޭނާ މިދިޔަ އަހަރު ބަދަލުވީ ފުޓުބޯޅައިގައި ރަސްކަންކުރަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. ނިއުގެ ފުރަތަމަ އެގާރައިންވެސް ފުރުސަތު ހޯދި ބެންޖޯ ވަނީ އެޓީމު ރެލިގޭޝަނާ ހިސާބަށް ދިޔަނުދީ ސަލާމަތްކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބެންޖޯގެ ކެރިޔަރުގައި ރަން އަހަރަކީ މި އަހަރެވެ. އެގޮތުން ބެންޖޯ ނުދަންނަ އެތައް ބަޔަކަށް މި އަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ ޖޯޒީގައި އޭނާ އަކީ ކާކުކަން އެނގިގެންދާނެއެވެ. ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކޮރެއާގެ ޕޮޗެއަން ސިޓީޒެން ބަލިކޮށް ޓީސީ ޗެމްޕިއަންކަން ހޯދި އިރު ފައިނަލް މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. ބެންޖޯ ފާހަގަކުރާގޮތުގައި މި ކާމިޔާބީއަކީ އޭނާގެ ކެރިޔަރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީކަމަށެވެ.

ބެންޖޯގެ 13 އަހަރުގެ ފުޓުބޯޅަ ކެރިޔަރުގައި ފާހަނގަކޮށްލަންޖެހޭ ބައެއްކަންތައް އެބަހުއްޓެވެ. އޭނާ ބުނީ އިދިކޮޅަށް ކުޅުނު އެންމެ ނުރައްކާ ކުޅުންތެރިޔަކީ އަލީ އަޝްފާގު (ދަގަނޑޭ) ކަމަށާއި، އޭނާ އަކީ މުޅި މި ސަރަހައްދުންވެސް ފާހަނގަކޮށްލެވޭ ކުޅުންތެރިޔެއް ކަމަށެވެ. އެހެންނަމަވެސް ބެންޖޯ ބުނީ ފުޓުބޯޅަ އަކީ ޓީމްވޯކް ހިމެނޭ އެއްޗަކަށްވުމުން އެއްކޮށް ކުޅެން ބޭނުންވާ ފާހަނގަކޮށްލެވޭ ކުޅުންތެރިޔެއް ނެތް ކަމަށެވެ.

ގިނަ ބޭރު ކޯޗުން އަދި ރާއްޖޭގެ ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެފައިވާ ބެންޖޯއަށް އެންމެ ކަމުދާ ކޯޗަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ބެންޖޯ ބުނީ ނިޒާމްބެ އަކީ ކުޅުންތެރިން ގެންގުޅެން ދަންނަ ޓެކްނިކަލީ މޮޅު ކޯޗެއް ކަމަށެވެ. މީގެއިތުރުން މެޗުތެރެއިން ގެންނަ ބަދަލުތަކަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ބެންޖޯ ބުނެއެވެ.  

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރައިގެންދާތަން ބަލަން ބޭނުންވެފައިހުރި ބެންޖޯ ބުނީ އިންޓަނޭޝަނަލް ލެވެލްގައި ރާއްޖެ ކުރިއަރަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ރާއްޖޭ ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވާ ދުވަހަކީވެސް ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ. އެގޮތުން ވިޔަފާރި އުސޫލުން ކްލަބްތައް ހިންގާ ސްޓްރަކްޗާ ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލާ ހިސާބަށް އައިސް ރިޓަޔާކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި، ކުރިޔަށް އޮތް ދެ އަހަރެއް ތެރޭގައި ގޮތެއް ނިންމާނެކަމަށް ބެންޖޯ ވަނީ ބުނެފައެވެ. ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ބެންޖޯ ބުނީ އޭނާ ފުޓުބޯޅަ ދާއިރާ ނޫން ދެން އެންމެ ފެނުން ގާތީވެސް ސިޔާސީ ދާއިރާއިން ކަމަށެވެ. އެހެންނަމަވެސް ކޯޗިން ދާއިރާއަށްވެސް ޝައުގުވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ބެންޖޯ މިހާރު ހުރި ހިސާބަށް ގެނެސްދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ޑުންގާ އަދި ސަޑޭކަމަށް އޭނާ ބުނެއެވެ. ބެންޖޯ ބުނީ ޕްރެފެޝަނަލް ފުޓުބޯޅަ އަށް އޭނާ ތައާރަފްކޮށްދިނީ މި ދެ މީހުން ކަމަށެވެ. މީގެއިތުރުން ބެންޖޯ ވަނީ އޭނާ ކުޅުނު ކްލަބްތަކުގެ ކޯޗުން އަދި މެނޭޖްމަންޓަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. 

 

 

 

    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް