19 އަހަރުވީ ދިގު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނުން މިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ ވާހަކަތައް ފަށާފައެވެ. ހޮނިހިރު ދުވަހު މިވާހަކަތައް ފަށާފައިވާއިރު މިއީ މިހަނގުރާމައިގައި ޝާމިލްވާ ފަރާތްތަކުން އެއް މޭޒެއްގެ ދޮށަށް ފާއިތުވި 19 އަހަރު ތެރޭގައި އައި ފުރަތަމަ ފަހަރުވެސް މެއެވެ. އޮފިޝަލުންނާއި، ޑިޕްލޮމެޓުން އަދި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އަފްޣާނިސްތާން ސަރުކާރާއި ޠާލިބާނުން އެއް މޭޒެއްގެ ދޮށަށް ގެނެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސުލްހައިގެ ވާހަކަތައް ފަސޭހައިން ނިންމާލެވި ނަތީޖާއަކާ ހިސާބަށް ދެވުން ނޫންކަމަށް އެފަރާތްތަކުން ދެކެއެވެ.
ސުލްހައިގެ ވާހަކަތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ގިނަ ގައުމުތަކެއްގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އެމެރިކާ އާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާތައްކަމަށްވާ އދ ފަދަ ތަންތަނުން ވަނީ މަންދޫބުން ބައިވެރިވެފައެވެ. ކޮވިޑް-19 ގެ ސަބަބުން ގިނަ މަންދޫބުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ވަރޗުއަލް ކޮށެވެ.
މިވާހަކަތަކުގައި އަފްޣާނިސްތާނުން އެންމެ ބޮޑަށް އަލިއަޅުވާލާނެ ކަމަށް ބެލެވިފައިވާ އެއް ކަމަކީ ދާއިމީ ގޮތަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ގުޅޭގޮތުންނެވެ. މީގެއިތުރުން އަންހެނުންނާއި މައިނޯރިޓީގެ ހައްގުތަކާއި ތާލިބާންގެ އެތައް ހާސް ހަނގުރާމަވެރިންނެއް ހަތިޔާރު ބަހައްޓާ ސަރުކާރާ އެއްބާރުލުންދީގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް އަފްޣާނިސްތާނުން ވާހަކަތައް ދައްކާނެ ކަމަށް ވަނީ ބެލެވިފައެވެ.
މީގެއިތުރުން ޤާނޫނު އަސާސީއަށް ގެންނާނެ ބަދަލުތަކާއި ބާރުތައް ބެހުމާއި ގުޅޭގޮތުންވެސް ވާހަކަތައް ދައްކާނެ ކަމަށް ވަނީ ބެލެވިފައެވެ. ވާހަކަތައް ފެށިގެން މިދަނީ އެމެރިކާއަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާއަށް 19 އަހަރު ފުރުނުތާ އެއް ދުވަސް ފަހުންނެވެ. ސެޕްޓެމްބަރ 11ގެ މި ހަމަލާއަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރުމުގެ މައިގަނޑު ސަބަބުވެސް މެއެވެ.
ސުލްހައިގެ ވާހަކަތައް ފެށިގެން މިދަނީ މިހަނގުރާމަ ނިމުމަކަށް ގެނައުމަށް ޠާލިބާނުންނާއި އެމެރިކާ އާ ދެމެދު މިއަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމަކާ ހަމައަށް އައުމަށްފަހު އެވެ. އެއެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ފައިބަން ޖެހެއެވެ. އަދި ޠާލިބާނުން ދޭ ހަމަލާތައް ހުއްޓާލަން ޖެހެއެވެ. އަދި ޠާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާ ދެމެދު ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އަފްޣާނިސްތާންގެ ޖަލުތަކުގައި ތިބި 5000 ޠާލިބާނުން ދޫކޮށްލަންޖެހެއެވެ.
އެގޮތުގެ މަތިން އަފްޣާނިސްތާން ޖަލުތަކުގެ ތިބި ޠާލިބާނުން އެއްކޮށް މިނިވަންކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގަ އެވެ.
ސުލްހައިގެ ވާހަކަތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަތައް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ބިން އަބްދުލްރަހްމާން އަލް ޘާނީ ވަނީ ދެ ފަރާތުންވެސް ވާހަކަތައް ކުރިޔަށް ގެންދާއިރު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. ފާއިތުވި ދުވަސްތަކުގައި ލިބުނު ފިލާވަޅުތަކުން އިބްރަތް ހާސިލްކޮށް ކުރިމަގު އުޖާލާކުރުމަށް މިބައްދަލުވުމުގެ ތެރެއިން ނިންމުންތަކެއް ނިންމާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިހާރުގެ ހާލަތަށް ބަލާ ނިންމާ ނިންމުންތަކަކީ އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާ ކުރަނިވި ނިންމުމަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެ ވިދާޅުވީ މިވާހަކަތަކުން ނިކުންނަ ނަތީޖާ ވެގެންދާންވާނީ އަފްޣާނިސްތާން ބޭނުންވާ ގޮތަށްކަމަށާއި އެމެރިކާ ބޭނުންވާ ގޮތަށް ނޫންކަމަށެވެ. ވާހަކަތަކުގައި ބައިވެރިވާ ދެ ފަރާތުގެ އަމިއްލަ ޒިންމާތަތަކެއް އެބަހުރިކަމަށާއި ދެ ފަރާތުގެ މެދުގައި ހުރި ތަފާތު ކުރުންތައް ނައްތާލުމަށް މިއީ ލިބިގެންދާ ފުރުސަތެއް ކަމަށް ޕޮމްޕެ ވިދާޅުވިއެވެ.
މިވާހަކަތައް ކުރިޔަށްދާއިރު ކުރިޔަށް އޮތް ހަފްތާތަކާއި މަސްތަކުގައިވެސް ގިނަ ގޮންޖެހުންތަކެއް ހުންނާނެކަމީ ޝައްކެތްވެސް ހުރި ކަމެއް ނޫންކަމަށާއި އެހެންނަމަވެސް މި ބައްދަލުވުމުން ނިންމާ ނިންމުމަކީ އަފްޣާނިސްތާނުގެ މިހާރުގެ ޖީލަށް އެކަނި އޭގެން އަސަރުކުރާނެ ނިންމުމެއް ނޫންކަމަށް ޕޮމްޕެ ވިދާޅުވިއެވެ. އޭގެ އަސަރު އަފްޣާނިސްތާނުގެ ކުރިއަށް އޮތް ޖީލުތަކަށާއި ދަރިންނާއި ދަރިންގެ ދަރިންނަށްވެސް ކުރާނެ ކަމަށް ޕޮމްޕެ ވިދާޅުވިއެވެ.
ވާހަކަތައް ފެށުމުގެ ރަސްމިއްޔާތުގައި އަފްޣާނިސްތާނާއި އިންވެގެން އޮންނަ ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ވަނީ ގޮތެއް ނިންމުމުގައި ބޭރުގެ ފަރާތްތަކުގެ ބައިވެރިވުން ނުހޯދުމަށް އެދި އަފްޣާނިސްތާނަށް އިންޒާރު ދެއްވާފައެވެ. ޝާހް މުހައްމަދު ގުރައިޝް ވީޑިއޯ މެދުވެރިކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ އަފްޣާނިސްތާނުގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް ބާއްވާ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން އެވާހަކަތަކާއި ނިންމުންތައް ނިންމާނީ އަފްޣާނިސްތާނުން އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން ފަރާތަކަށް ބާރުފޯރުވުމުގެ ފުރުސަތު ދެވިގެންނުވާނެ ކަމަށް ގުރައިޝް ވިދާޅުވިއެވެ.
އަވަށްޓެރި އިންޑިޔާގެ ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖެއިޝަންކަރުވެސް ވަނީ މިމޭރުމުން ވާހަކަދައްކަވާފައެވެ. އެގޮތުން ސުލްހައިގެ ވާހަކަތައް ކުރިޔަށްދާންވާނީ އަފްޣާނިސްތާނުން ބޭނުންވާ ގޮތަށް އަފްޣާނިސްތާނުން ކޮންޓްރޯލް ކޮށްގެން ކުރިޔަށް ގެންދާ ވާހަކަތަކެއްގެ ގޮތުގައި ކަމަށް ސުބްރަމާނިޔަމް ވިދާޅުވިއެވެ.