"ނެޝަނަލް ފިލްމު އެވޯޑް 64" ގައި ސޯނަމް ކަޕޫރަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައެވެ. އެވޯޑް ލިބުނުކަން އާންމު ކޮށްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ. "ނެޝަނަލް ފިލްމު އެވޯޑް 64" ގެ ހަފްލާ ބާއްވަން ހަމަޖައްސާފައި އޮތީ މެއި 3 ގައެވެ.
އެ ވޯޑް ދިނުމުގެ ހަފްލާގައި އިންޑިއާގެ ރައީސް ޕްރަނާބް މުކްރަޖީ ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ހަފްލާގައި ސޯނަމް ކަޕޫރަށް އެވޯޑް ލިބިގެންދާނީ އިންޑިއާގެ ރައީސްގެ އަތްޕުޅުންނެވެ. އެހެންކަމުން އޭނާގެ ބައްޕަ މަޝްހޫރު އެކްޓަރ އަނިލް ކަޕޫރު ބުނެފައި ވަނީ އޭނާގެ ދަރިފުޅަށް އިންޑިއާގެ ރައީސްގެ އަތްޕުޅުން އެވޯޑް ލިބޭތީ ވަރަށް އުފަލުން ހުރި ކަމަށާއި އެވޯޑް ލިބޭތަން ބަލަން ކެތްމަދުވެފައިވާ ކަމަށެވެ.
ސޯނަމަށް އެންމެ މޮޅު އެކްޓަރެއްގެ އެވޯޑް ލިބުނީ އޭނާ "ނީރްޖާ" ގައި ކުޅެގައިވާ މޮޅު ޅުނު ރޯލަށެވެ.
މި އެވޯޑްގެ އިތުރަށް ސޯނަމަށް ސްޕެޝަލް މެންޝަން އެވޯޑް ވެސް ދިނުމަށް ވަނީ ނިންމާފައެވެ. ސޯނަމަށް ނެޝަނަލް އެވޯޑް ލިބުނު އިރު މީގެ ކުރިން އަނިލް ކަޕޫރަށް ވެސް ވަނީ ނެޝަނަލް އެވޯޑް ލިބިފައެވެ. އޭނާއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ 2010 ގައި ނިކުތް "ޕުކާރް" އިންނެވެ. އަނިލް ބުނީ ކެރިއަރުގެ އެހާ ކުރީކޮޅުގައި އަދި އެހާ މަދު ފިލްމްތަކެއް ކުޅެފައިވާ އިރު، ސޯނަމް އަށް އިންޑިއާ ސަރުކާރުން ފަންނާނުންނަށް މަތީ އެވޯޑެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި އެއީ ސޯނަމްގެ ނަސީބު ކަމަށް ބުންޏެވެ.
އަނިލް ބުނި ގޮތުގައި ސޯނަމަށް އެވޯޑް ލިބޭތީ މުޅި އާއިލާ ވެސް ތިބީ ވަރށް އުފަލުން ކަމަށާއި ސޯނަމަށް އެވޯޑް ލިބޭ ފިލްމަކީ ވަރަށް ގިނަ މީހުންނަށް ކަމުދިޔަ ފިލްމެއް ކަމަށެވެ. އަނިލް ބުނީ "ނީރްޖާ" އަށް އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑް ލިބުމަކީ ވެސް ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
“ނީރްޖާ” ފިލްމަކީ 1986 ވަނަ އަހަރު އިންޑިއާގެ “ޕޭން އޭމް ފްލައިޓް 73” މުމްބައިން، ޕާކިސްތާނުގެ ކަރާޗީއަށް ކުރި ދަތުރެއްގައި “އަބޫ ނިދާލް” ކިޔާ ޓެރަރިސްޓް ޖާމާޢަތަކުން ފްލައިޓް ހައިޖެކުކޮށް ފްލައިޓްގައި ތިބި ފަސިންޖަރުންނާއި ކުރޫއަށް ކުރިމަތިލާންޖެހުނު ހިތްދަތި ހާދިސާގެ މައްޗަށް ބިނާކޮށް މަޝްޙޫރު ޑައިރެކްޓާރ ރާމް މަދަވަނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އެ ފްލައިޓްގައި ހެޑް ޕާރސޫއަކަށް ހުރި ނީރްޖާ ބަނޮތު ފަސިންޖަރުން ސަލާމަތްކުރުމައްޓަކައި ވީ ޤުރުބާނީއެވެ. ސޯނަމް ވަނީ މި ރޯލް ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ.