ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު ވަނީ އޭނާ އެތަކެއް އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ޕްރިޔާއާ މިދިޔަ ހަފްތާ ތެރޭގައި ކައިވެނިކޮށްފައެވެ.
އެ ކައިވެންޏަކީ އެދެމީހުން ވަރަށް ޕްރައިވެޓްކޮށް ކުރި ކައިވެންޏެކެވެ. ސަންޖޭ ކައިވެނިކުރިތާ ހަފްތާއެއް ނުވަނީސް ކަރިޝްމާ ވެސް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް މިވަނީ ފެތުރިފައެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ކަރިޝްމާ ކައިވެނި ކުރަން އުޅެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވިޔަފާރި ވެރިއެއްކަމަށްވާ ސަންދީޕް ތޮޝްނިވާލްއާއެވެ. ދާދިފަހުން ސަންދީޕްގެ އަންހެނުން އަޝްރިތާއާ ދެމެދު މައްސަލަތައް ޖެހި ދެމީހުން ވަރިވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަޝްރިތާއަކީ ޑޮކްޓަރެކެވެ.
ސަންދީޕް އާއި އޭނާގެ އަންހެނުންގެ ވަރީގެ ކަންތައް ނިންމާލުމުގެ މަސައްކަތްކުރަމުން ދާއިރު، އޭނާގެ އަންހެނުން ޑރ. އަޝްރިތާ ވަނީ ސަންދީޕް ފަރާތުން އޭނާ އާއި ކުދިންނަށް ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް އެއްބަސްވުމެއްގައި ސޮއިކުރުމުން ވަރީގެ ކަންކަން އަވަސް ކުރަން އެއްބާރުލުން ދޭން ކަމަށް ބުނެފަ އެވެ. އެގޮތުން އަޝްރިތާއަށް 2 ކުރޯޑް ރުޕީސް އާއި ދިއްލީގައި އެ ދެމީހުން އުޅުނު ގޭގެ އިތުރުން އެ ދެމީހުންނަށް ލިބިފައިވާ ދެ ދަރީންނަށް 3 ކުރޯޑް ރުޕީސް ދިނުމަށް އަޝްރިތާ ވަނީ ސަންދީޕަށް ހުށައަޅާފައެވެ. އެހެން ނަމަވެސް ސަންދީޕް އަދި އެކަމާ އެއްބަސްވި ކަމެއް އެނގިފައެއް ނެތެވެ.
ސަންދީޕްގެ ވަކީލް ބުނެފައިވާ ގޮތުގައި ޑޮކްޓަރ އަޝްރިތާއަށް ވަނީ ސިކުނޑީގެ ބައްޔެއް ޖެހިފައެވެ. އެ ބަލީގެ ސަބަބުން އެހެން މީހުން އޭނާއަށް ގޯސްކޮށް ކަންތައް ކުރާ ކަމަށް އޭނާ އަށް ގަބޫލުކުރެވޭ ކަމަށް ބުނެފައި ވެއެވެ.
އޭނާއަށް ސިކުނޑީގެ ބައްޔެއް ޖެހިފައިވާކަން ސާބިތުކުރުމަށް ޑޮކްޓަރެއްގެ ސިޓީ ވެސް އެބައޮތް ކަމަށް ވަކީލް ވަނީ ބުނެފައެވެ.
ކަރިޝްމާ ކަޕޫރަކީ 90 އިގެ އަހަރުތަކުގައި ވިދާލި ތަރިއެކެވެ. ކަރިޝްމާ އާއި ސަންދީޕްގެ ކައިވެނީގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެދެމީހުން ކުރެ އެއްވެސް މީހަކު އެކަމާ މެދު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކަރިޝްމާގެ އާއިލަޢިން ބާއްވާ ހަފްލާތަކުގައި ސަންދީޕް ވަރަށް ގިނައިން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަންޖޭ އާއކއިވެނި ކުރުމުގެ ކުރިން އަބީޝެކް ބައްޗަންއާ އެކު އެންގޭޖް ވެސް ވެފައެވެ. އެހެން ނަމަވެސް އެންގޭޖްމެންޓް ރޫޅުނީ އަބީޝެކްގެ އާއިލާ ނުރުހުމުންނެވެ.