އިންޓަ ހައުސް ފުޓްސަލް މުބާރާތަކުން ފުޓްސަލް ކުޅެން ފެށި ގޮތަށް ފުޓްސަލްގެ ތެރެއަށް ހިތް ދޫކޮށްލި އަބްދުﷲ ޝަފްއާން (ޝާކާ) އަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
އާންމުންގެ ތެރެއަށް ޝާކާ މަޝްހޫރުވެގެން އައީ ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވެމްކޯއިންނެވެ. "ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝާކާ ބުނީ ފުޓްސަލަށް ލޯބި ޖެހި ކުޅެން ފެށީ ސްކޫލް ދައުރުގައި ކަމަށެވެ. އަދި ސްކޫލް ދައުރުގައި ރަހުމަތްތެރިންގެ އެދުމުގެ މަތިން މުހުޔިއްދީން ސްކޫލުގައި އޭރު ބާއްވަމުން އައި އިންޓަ ހައުސް ފުޓްސަލް މުބާރާތުގައި ބައިވެރިވެ ކުޅުނީ ކަމަށް ޝާކާ ބުންޏެވެ. ޝާކާ ބުނީ އެ މުބާރާތަކީ ތަފާތު މުބާރާތެއް ކަމަށާއި، ކުޅުމަށް ލޯބި ޖެއްސުވީ އެ މުބާރާތުން ކަމަށެވެ.
ފުޓްސަލް ކުޅުމުގެ ތެރެއަށް ވަދެވުނީ ސްކޫލްގައި ބާއްވާ އިންޓަ ކުލާސް މުބާރާތުން. އެއީ ފުޓްސަލަށް ވަނުމަށް ހުޅުވުނު ދޮރު.އަބްދުﷲ ޝަފްއާން (ޝާކާ)
ފުޓްސަލް ކެރިއަރުގައި މިހާތަނަށް ހަނދާނުން ނުފިލާ އެތައް ކަމެއް ތަޖުރިބާ ކުރެވިފައިވާ ކަން ފާހަގަކުރަމުން ޝާކާ ބުނީ ހަނދާނުން ފިލުވާލަން އެންމެ އުނދަގޫ އުފާވެރި ވަގުތު ކޮޅަކީ 2013 ވަނަ އަހަރު އައްޑޫގައި ބޭއްވި މުބާރާތެއްގެ ފައިނަލުން މޮޅުވެ ޗެމްޕިއަންކަން ލިބުނު ދުވަސް ކަމަށެވެ. އަދި އެ މުބާރާތުގެ ފައިނަލްގައި އޭނާ އާއި ދެކޮޅަށް ކުޅުނު ޓީމުގައި އެވަގުތު ރާއްޖޭގައި ތިބި އެންމެ މޮޅެތި ފުޓްސަލް ކުޅުންތެރިން ހިމެނޭ ކަމަށާއި، އެ މެޗު ބޯމަތިވެފައި ވަނިކޮށް ވަރަށް ގިނަ ބަޔަކު އޭނާ ކައިރީ އެ މެޗުން މޮޅު ނުވާނެ ކަމަށް ބުނި ކަމަށްވެސް ޝާކާ ބުންޏެވެ.
ޝާކާ އިތުރަށް ބުނީ އުފާވެރި ކަންކަމޭ އެއްގޮތަށް ހިތާމަވެރި އެތައް ދަނޑިވަޅުތަކެއް ކެރިއަރުގައި ތަޖުރިބާކުރަން ޖެހިފައިވާ ކަމަށާއި، އެގޮތުން މިހާތަނަށް ކެރިއަރުގައި ކުލަބު މޯލްޑިވްސް ކާމިޔާބު ކުރެވިފައި ނުވާތީ އެކަމާއި ހިތާމަކުރާ ކަމަށެވެ.
ޝާކާ ބުނީ ރާއްޖޭގައި ފުޓްސަލް ކުރި ނާރަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން އެންމެ އެދެވޭ ގޮތަށް ނުދޭތީ ކަމަށާއި، އެފްއޭއެމުން ފުޓްސަލް ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށެވެ.
ޝާކާގެ ނަޒަރުގައި ފުޓްސަލް ކުރިއެރުވެން އޮތް އެންމެ ރަނގަޅު ގޮތަކީ ދިވެހި ޕްރިމިއާ ލީގު ގޮތަށް ލީގު އުސޫލުން ފުޓްސަލް މުބާރާތެއް ބޭވުމެވެ. އެގޮތުން އެފްއޭއެމުން މިހާރު ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސަލް ދަނޑުތަކެއް އެޅުމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށާއި، އެ މަޝްރޫއުގެ ސަބަބުން ފުޓްސަލް މިހާރު މިއޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ދިއުމަށް އެހީވާނެ ކަމަށް ޝާކާ ގަބޫލުކުރެއެވެ.
ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ގިނައީ ވަޒީފާއަށް ނުގޮސް ހަމައެކަނި ކުޅުމަށް ހުސްވެގެން އާމްދަނީ ހޯދާ ކުޅުންތެރިންނެވެ. އެގޮތުން މުބާރާތްތައް ގިނަ ދުވަސްވަރެއްގައި ނަމަ އާންމު ގޮތެއްގައި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާ ކުޅުންތެރިންނަށް ލިބެއެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ފުޓްސަލް މުބާރާތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ކުޅުންތެރިންނަށް އިތުރު އާމްދަނީއެއް ހޯދޭނެ ގޮތެއް ނެތެވެ.
ޝާކާ ބުނީ ފުޓްސަލް އަކީ އާމްދަނީ ހޯދަން ކުރަން ރަނގަޅު ކަމެއް ކަމަށާއި، ލިބޭ އާމްދަނީ އެންމެ އެކަށޭނެ ގޮތަކަށް ބޭނުން ކޮށްގެން ފައިސާ ރައްކާ ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ފުޓްސަލް ސީޒަން (އީދު ބަންދު، ބޮޑު ޗުއްޓީ) ގައި ގިނަ މުބާރާތްތަކުން ފުރުސަތު ލިބޭކަން ފާހަގަކުރަމުން ޝާކާ ބުނީ އެއްފަހަރާ ފަސް، ހަ މުބާރާތް ކުޅޭ ކުޅުންތެރިންވެސް އުޅޭ ކަމަށެވެ. އެކަމަކު އެއީ ކުޅުންތެރިޔާއަށް އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށް ޝާކާ ބުންޏެވެ. އޭނާ ބުނީ މިދިޔަ އަހަރުގެ މެއި މަހު އޭނާ ފަޔަށް އަނިޔާވީ އެއްފަހަރާ ގިނަ މުބާރާތްތަކެއްގައި ކުޅުމުގެ ސަބަބުން ކަމަށެވެ. އެފަހަރު ފަޔަށް އަނިޔާވެ ޝާކާ ނުވަ މަސް ކުޅުމާއި ދުރުގައި ހުންނަން ޖެހުނެވެ.
ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބިފައިނުވާއިރު، ޝާކާގެ އުންމީދަކީ ރާއްޖެއިން ބޭރުގެ ފުޓްސަލް ޓީމަކަށް ކުޅެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުވެ.
ރާއްޖެއިން ބޭރުގެ ޓީމަކުން އޮފާއެއް ލިބިއްޖެނަމަ އުފަލުން ބަލައިގަންނާނަން. ކެރިއަރުގައި ކުރިއަށް ދިޔުމަށް ލިބޭނެ އެންމެ ބޮޑު ފުރުސަތު އެއީ.އަބްދުﷲ ޝަފްއާން (ޝާކާ)
ރެޑްބުލް އެތުލީޓަކަށް ވުން އެއީ ކެރިއަރުގައި ލިބުނު ބޮޑު ކުރިއެރުންކަން ފާހަގަކުރަމުން ޝާކާ ބުނީ ރެޑްބުލް އެތުލީޓުކަން ލިބުން އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، ރެޑްބުލް އެތުލީޓެއްގެ ގޮތުގައި ދެމި ހުންނަން މަސައްކަތް ކުރާނެ ކަމަށެވެ.
ދެފައިން އެއްވަރަކަށް ކުޅުމުގެ ހުނަރު ލިބިފައިވާ ޝާކާ ފާހަގަވެގެން ގޮސްފައިވަނީ ކޮންމެ ދަނޑިވަޅަކުވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރާ، ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިވަގުތު ރާއްޖޭގައި ހުރި އެންމެ ޑިމާންޑް ހައި ކުޅުންތެރިންގެ ތެރޭގައި ޝާކާ ހިމެނޭއިރު، ރާއްޖޭގެ "ފުޓްސަލް ކިންގް" ގޮތުގައިވެސް އޭނާ ވަނީ ފާހަގަވެގެން ގޮސްފައެވެ. މީގެ އިތުރުން ޝާކާ އަކީ ރާއްޖޭގެ ރެޑްބުލް އެތުލީޓެއްވެސްމެއެވެ.
މި ފުރުސަތުގައި "ރާއްޖެ.އެމްވީ" އިން ޝާކާއަށް އިތުރު ކާމިޔާބީއަށް އެދެމެވެ.