ޗައިނާގެ ސިނޮވެކް ބައޮޓެކް ލިމިޓެޑުން އުފައްދާ ކޮވިޑް ވެކްސިން ޑިސެމްބަރު މަހު ބްރެޒިލްގައި ބޭނުން ކުރަން ފެށޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ސިނޮވެކުން ޓެސްޓުކުރަމުން އަންނަ ވެކްސިންގެ ޓްރަޔަލްތައް ކުރިއަށް ގެންދަނީ ބްރެޒިލްގައެވެ. އެހެން ގައުމުުތަކަށް ވުރެ ކުރިން ބްރެޒިލްގައި މި ވެކްސިން ބޭނުންކުރަން ފަށަނީ މި ސަބަބަށްޓަކައި ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. މިހާރު މި ވެކްސިންގެ ތިންވަނަ ޓްރަޔަލް މަރުހަލާ ބްރެޒިލްގެ ސައޮ ޕައޮލޯގައި ފަށާފައިވާއިރު، މިހާތަނަށް 9000 ބްރެޒިލް ރައްޔިތުން ވަނީ މި ޓްރަޔަލްތަކުގައި ބައިވެރިވެފައެވެ.
ސިނޮވެކް ބައޮޓެކް ވެކްސިންގެ ޓްރަޔަލް ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުން މި ވެކްސިން ވަރަށް ކާމިޔާބެއެވެ. އެގޮތުން ދެވަނަ ޓްރަޔަލްގައި ބައިވެރިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 98 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ވެސް އުފައްދައިދީފައިވާ ކަމަށް ކުންފުނިން ހާމަކުރި މައުލޫމާތުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ބްރެޒިލްއަކީ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ އެއް ގައުމެވެ. އަދަދުތަކަށް ބަލާއިރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ އަދަދަކަށް މި ބަލި ޖެހިފައިވާ މީހުން ރިޕޯޓްކުރެވިފައިވަނީ އެ ގައުމުންނެވެ. އެ ގައުމުން ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.