މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު، ޖަލުގައި ހުންނެވުމަށްފަހު ކޮންމެ ދުވަހެއްގެ ޖަލްސާއަށް ވަޑައިގަންނަވަންޖެހިއްޖެ އެވެ.
45 އަހަރުވެފައިވާ ޕްރެމަލާލް ޖަޔަސެކަރާ އަކީ ލަންކާގައި މިހާރު ވެރިކަން ކުރަމުން ގެންދާ ޕާޓީ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީ (އެސް.އެލް.ޕީޕީ) އަށް ނިސްބަތްވާ މެމްބަރެކެވެ. ޕްރެމަލާލް މަޖިލިސް މެންބަރުކަމަށް ހޮވިވަޑައިގެންފައިވަނީ ވަނީ މިދިޔަ އޯގަސްޓުމަހުގެ ފަސްވަނަ ދުވަހު ބޭއްވި އިންތިހާބު ކަމިޔަބު ކުރައްވައިގެންނެވެ.
އޯގަސްޓު ފަސްވަނަ ދުވަހު އިންތިހާބު ކަމިޔަބުކުރެއްވިއިިރު، އޭގެ 6 ދުވަސް ކުރިން ޖުލައި 31 ވަނަ ދުވަހު ޕްރެމަލާލް އަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.
ޕްރެމަލާލްއަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު މިހާރު ވެރިކަން ކުރާ ޕާޓީއިން ބޭއްވި ދުއްވާލުމެއްގެ ތެރޭގައި ބަޑިޖަހާ އެކަކު މަރާލައި ދެމީހަކަށް ބޮޑުވަރުގެ ޒަހަމްވުމާއި ގުޅިގެންނެވެ. ޕްރެމަލާލް އާއި އެކު އިތުރު ދެމީހަކަށްވެސް ޖުލައި 31 ވަނަ ދުވަހު މިކަމުގެ ތުހުމަތުގައި ވަނީ ހުކުމް އިއްވާފައިވެއެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހަކު މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ދިނުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ. ނަމަވެސް ސަރުކާރުން އޭނާގެ ޓިކެޓް ބާތިލް ކޮއްފައެެއްނުވެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޕްރެމަލާލް މެންބަރުކަމުގެ ގޮނޑި ހާސިލްކޮށް މެންބަރު ކަމަށް ހުވާކުރެއްވި އެވެ.
މަޖިލިސްއަށް ހުވާ ކޮށްފައި ވީނަމަވެސް މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އޯގަސްޓު 20 ވަނަ ދުވަހު ބާވާފައި މިޖަލްސާގައި ޕްރެމަލާލް ބައިވެރިވެވަޑައިނުގެންނެވުނީ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޖަލު ބަލަހައްޓާ ފަރާތްތަކުން އޭނާއަށް ނުދިނުމުންނެވެ.
މިކަމާއި ގުޅިގެން ޕްރެމަލާލް ވަނީ ކޯޓަށް ޕެޓިޝަންއެއްވެސް ހުށައަޅާފައެވެ. މި ޕެޓިޝަން ބަލައިގަނެ ކޯޓުންވަނީ ސެޕްޓެމްބަރު 7 ވަަނައަށްވީ ހޯމަދުވަހު އޭނާއަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޖަލުން ކޮންމެ ދުވަހަކު މަޖިލީހަށް އޭނާ ގެންދިޔުމަށް ހުކުމް ކޮއްފައެވެ.
މިކަމާއި ގުޅިގެން އެކިފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބޭރުގެ ބައެއް މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މަރުގެ ހުކުމެއް އިއްވާފައިވާ މީހަކު ކޮންމެ ދުވަހަކު މަޖިލީހުގައި ބައިވެރިވުމަށް ޖަލުން ގެންނާނެ މިއީ ފުރަތަމަ ފަހަރަށް ވާނެއެވެ.