ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް އެންމެ ކުރީގައި އުޅޭ އެސްޓްރަޒެނިކާ އިން ކުރިޔަށް ގެންދާ ފޭސް ތިނެއްގެ ޓްރެއަލްގައި ވެކްސިން ދީފައިވާ މީހެއް ގޮތްނޭނގޭ ގޮތަކަށް ބަލިވުމާއި ގުޅިގެން ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިނަކީ މިވަގުތު އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން އެންމެ ބޮޑަށް ކާމިޔާބުވާނެ ކަމަށް ބެލެވޭ ވެކްސިނެވެ.
ޓްރެއަލް މެދުކަނޑާލާކަން ހާމަކުރުމުގެ ގޮތުން އެސްޓްރަޒެނިކާގެ ސްޕޯކްސްވުމެން މިޝަލް މިކްސެލް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮކްސްފޯރޑު ވެކްސިންގެ ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިޔަށްގެންދާ ޓްރެއަލްތަކުގައި ދިމާވި ކަމަކާއި ގުޅިގެން ވެކްސިންގެ ފެންވަރު ވަޒަން ކުރާ މިންގަނޑުގެ ދަށުން ވެކްސިންގެ ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މިނިވަން ކޮމިޓީއަކުން ވެކްސިން ބޭނުން ކުރުމުގެ ރައްކާތެރިކަން އިތުރަށް ވަޒަން ކުރަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
.
މިއީހަމަ ރޫޓިންކަމެއް. ޓްރެއަލްގެ ތެރޭގައި ގޮތްނޭނގޭ އަލާމަތްތަކެއް އެއްވެސް މީހެއްގެ ފުށުން ފެނިއްޖެނަމަ އެކަމެއް ހިނގާދިޔަ ގޮތް ތަހުގީގުކޮށް ބަލާނެ. އެއީ ވެކްސިން އުފެއްދުމުގެ ކަންކަން ވީހާވެސް ދެފުށްފެންނަ ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ކުރިޔަށްދޭތޯ ޔަގީންކުރުމަށްބަޔާނުގައި ބުނެފައިވޭ
އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ އޮކްސްފޯރޑް ވެކްސިން އުފައްދާފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީ އާއި ގުޅިގެންނެވެ. ވެކްސިން އުފެއްދުމުގެ ކަންކަން އެމެރިކާ، އިނގިރޭސިވިލާތް، ލެޓިން އެމެރިކާ، އޭޝިޔާ، ޔޫރަޕް އަދި އެފްރިކާގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މި ވެކްސިންގެ ޓްރެއަލްތައް ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ވެސް ކުރިޔަށްދެއެވެ. އޭގެތެރޭގައި އެމެރިކާ އަދި ބްރެޒިލް ހިމެނެއެވެ. ކުއްލި ގޮތަކަށް ގޮތްނޭނގޭ ގޮތަކަށް ބަލިވެގެން އުޅެނީ ކޮން ގައުމެއްގައި ކުރިޔަށް ގެންދާ ޓްރެއަލްއެއްގައި ކަމެއް ސާފެއް ނޫނެވެ. އަދި އެ ވޮލަންޓިއަރުގެ ހަށިގަނޑުން ފެންނަމުންދާ އަލާމާތްތަކާއި އެ އަލާމާތްތަކުގެ ސީރިއަސް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
ސްޕޯކްސްޕާސަންގެ ބަޔާނުގައި ބުނެފައިވަނީ މިދިމާވި ކަންތަކާއި ގުޅިގެން ޓްރެއަލްގެ ޓައިމްލައިނަށް އަންނާނެ ބަދަލުތައް ދެނެގަނެ ވީހާވެސް ކުޑަކޮށް މިކަމުން އަސަރު ކުރާނެ ގޮތްތަކަށް ބަލަމުންދާ ކަމަށެވެ.
ޓްރެއަލް ކުރިޔަށް ގެންދިޔުން މެދުކަނޑާލާފައިވާއިރު ކަމާގުޅޭ މާހިރުން އަންނަނީ އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން މައިކްރޯބައިލޮޖީގެ ޕްރޮފެސަރ އެއް ކަމުގައި ވާ ފްލޯޔިއާން ކްރެމަރ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގޮތްނޭނގޭ އަލާމަތްތަކެއް ފެނިފައިވަނީ ކޮންމެހެން ވެކްސިންގެ ސަބަބުން ނޫންކަމަށް ވެސް ވެދާނެ ކަމަށެވެ. އެހެންކަމުން ޓްރެއަލްތައް ދިގު މުއްދަތަކަށް ރަނގަޅަށް ގެންދިޔުމަކީ މުހިންމު ކަމެއްކަމަށް ފްލޯޔިއާން ބުނެފައިވެ އެވެ. އަދި ފޭސް ތިނެއްގެ މުހިންމު ކަމާއި އެވަލުޔޭޝަންގެ ކަންކަން ކުރިޔަށްދާކަން މިކަމުން ސާބިތުކޮށްދީފިކަމަށް އޭނާ ވަނީ ބުނެފައިވެ އެވެ.
ކްލިނިކަލް ޓްރެއަލްތައް މެދުކަނޑާލުމަކީ އެހާ އާންމު ކަމަކަށް ނުވިނަމަވެސް އެސްޓްރާޒެނިކާ އަކީ ފޭސް ތިނެއްގެ ޓްރެއަލް ތައް މެދުކަނޑާލި ފުރަތަމަ ކުންފުންޏެވެ. ޓްރެއަލްތައް މެދުކަނޑާލީ ކިހާ މުއްދަތަކަށް ކަމެއް އަދި އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. އަދި މެދުކަނޑާލުމަށް ނިންމުމާއި ގުޅިގެން މަދު ގަޑީރުތަކެއްގެ ތެރޭގައި ނިއުޔޯކް އެކްސްޗޭންޖްގައި އެކުންފުނީގެ ޝެއަރ ވަނީ ހަ އިންސައްތައަށްވުރެ ގިނައިން ދަށަށް ގޮސްފައެވެ.
އޮކްސްފޯޑުގެ ޓީމުން މީގެކުރިން ބުނެފައިވަނީ ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.