ޗައިނާގެ ސިނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ދީގެން މިހާރު ޓެސްޓްތައް ކުރަމުންދާއިރު އެވެކްސިނަކީ އުމުރުން ދުވަސްވީ މީހުން ބޭނުންކުރަން ރައްކާތެރި ވެކްސިނެއް ކަމަށް ޕްރިލިމިނަރީ ނަތީޖާއިން ދައްކައިފި އެވެ.
ޓްރެއަލްގެ މެދުތެރޭގައި އަދި އުޅޭއިރު ނަތީޖާއިން ދައްކާ ގޮތުގައި ޒުވާނުންނަށްވުރެ އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމު ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ކުޑަކޮށް ދަށެވެ.
ސިއްހީ އޮފިޝަލުން ވަނީ ވެކްސިން ގެ ޓްރެއަލްތަކަށް އުމުރުން ދުވަސްވީ މީހުން ބޭނުންކުރާއިރު އެއީ ރައްކާތެރިކަމަކަށް ނުވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އެމީހުންގެ ދިފާއީ ނިޒާމަށް ވެކްސިންގެ އަސަރުކުރާ މިންވަރު ކުޑަވުމުންނެވެ.
ސިނޯވެކުން ކުރިޔަށް ގެންދާ ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްތަކުގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުށުން ސައިޑް އިފެކްޓްސް ނުފެންނަކަމަށް ނަތީޖާއިން ދައްކަ އެވެ. ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްތައް ފަށާފައިވަނީ މެއި މަހު 421 މީހުންނާއެކު އެވެ. މީގައި ހިމެނޭ މީހުންނަކީ މަދުވެގެން 60 އަހަރު ފުރިފައި ތިބި މީހުންންނެވެ. މި ޓްރެއަލްތަކުގެ މުޅި ނަތީޖާ އަދި އެއްވެސް ތާކު ޝާއިއުކޮށްފައެއް ނުވެއެވެ.
މިވަގުތު އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާގައި 8 ވެކްސިނެއް ވާއިރު އޭގެތެރެއިން 4 ވެކްސަނަކީ ޗައިނާއިން އުފައްދަމުންދާ ވެކްސިންތަކެވެ.
ސިނޯވެކްގެ ވެކްސިން ޓެސްޓް ކުރުމަށް ބައިވެރިން ތިން ގްރޫޕަކަށް ބަހައިގެން ކޮންމެ ގްރޫޕަކަށްވެސް ވެކްސިންގެ އެންމެ މަދު މިންވަރާއި މެދު މިންވަރު އަދި މަތީ މިންވަރުގެ ޑޯޒް ދީފައިވެ އެވެ. ވެކްސިން ދިން މީހުންގެ ތެރެއިން 90 އިންސައްތަ މީހުންގެ ހަށިގަނޑުން ރަނގަޅު މިންވަރަކަށް އެންޓިބޮޑީޒް އުފައްދައިދީ އެންޓިބޮޑީޒްގެ ލެވެލް ވަނީ މަތިވެފައެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުން އެމިންވަރަށް އެންޓިބޮޑީޒް އުފައްދާފައި ނުވިނަމަވެސް އުންމީދު ކުރި މިންވަރަށް އެމީހުންގެ ހަށިގަނޑުންވެސް އެންޓިބޮޑީޒް އުފައްދާފައިވާ ކަމަށް ނަތީޖާއިން ދައްކައެވެ.
ސިނޯވެކްގެ ޓްރެއަލްތައް ބްރެޒިލް އަދި އިންޑޮނޭޝިޔާގައި ކުރިޔަށްދެ އެވެ. އެންމެފަހުގެ ޓްރެއަލް ކުރިޔަށްދާއިރު މިޓެސްޓްތަކުގެ ނަތީޖާތަކުން މިވެކްސިނަކީ ބޭނުންކުރުމަށް ކިހާ ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއްކަން ދެނެގަނެވޭނެ އެވެ. އަދި އެނަތީޖާގެ އަލީގައި ގިނަ ބަޔަކު ބޭނުންކުރުމަށް މިވެކްސިން އަށް ހުއްދަ ލިބިގެންދާނެ އެވެ.
މިހާރުވެސް ދިހަހާހަށްވުރެ ގިނަ މީހުންނަށް މިވެކްސިން ދީފައިވާއިރު އޭގެތެރޭގައި ސިނޯވެކް ކުންފުނީގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާގެ 90 އިންސައްތަ މީހުން ހިމެނެ އެވެ. ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް އަންނަނީ ވެކްސިން ދެމުންނެވެ. ސިއްހީ އޮފިޝަލުން ބުނެފައިވަނީ ވެކްސިން ދިނުމުގެ އެމަރޖެންސީ ޕްރޮގްރާމެއް ހިންގަމުންދާ ކަމަށާއި އެޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ފިނި މޫސުމާއި އޯޓަމްގައި ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމަށްވާތީ އެކަމުން ރައްކާތެރިވުމުގެ ގޮތުންކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.