ތިން މަސްދުވަސް ތެރޭގައި މެލޭޝިޔާ އިން އެންމެ ގިނަ މީހުންނަށް އެއް ދުވަހާ ކޮވިޑް-19 ޖެހިފައިވަނީ ހޯމަ ދުވަހުގައި ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
ހޯމަ ދުވަހު އަލަށް 62 މީހަކަށް އެގައުމުގައި ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީ ޖޫން މަހުގެ 4 ވަނަ ދުވަހު 277 މީހުންނަށް އަލަށް ވައިރަސް ޖެހި އެކަކު މިބަލީގައި މަރުވި ފަހުން ގިނަ އަދަދެއްގެ ބަޔަކަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ފުރަތަމަ ދުވަހެވެ.
މެލޭޝިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މައްޗަށްދާން ފަށާފައިވަނީ ގިނައިން ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމުތަކުގެ މީހުން އެގައުމަށް އެތެރެވުން މަނާކުރިތަނާ އެވެ.
ސައުތު އީސްޓް އޭޝިޔާގައި ތިން ވަނައަށް އެންމެ ބޮޑު އިގްތިޞާދު އޮންނަ މެލޭޝިޔާއިން ހޯމަ ދުވަހުން ފެށިގެން 150،000ށް ވުރެ ގިނައިން ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވާ 23 ގައުމެއްގެ ރައްޔިތުން އެގައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ އަދި ފްރާންސް ހިމެނެ އެވެ. މިގޮތަށް ނިންމާފައިމިވަނީ އެގައުމަށް އެތެރެވާ މީހުންގެ ފުށުން ކޮވިޑް-19 ފެތުރެމުންދާތީ އެވެ.
ހޯމަ ދުވަހު އަލަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 50 މީހުން ގުޅެނީ ސަބާހް ސްޓޭޓުން މީގެ ދެހަފްތާކުރިން ގަވާއިދާ ޚިލާފަށް އުޅެނިކޮށް ހައްޔަރުކުރި ދެ މީހެއްގެ ކްލަސްޓަރ އާއެވެ.
ދެން ހުރި ކޭސްތަކަކީ ތުރުކީ، ބަންގްލަދޭޝް، އިންޑޮނޭޝިޔާ އަދި މިސްރުން އެގައުމަށް އެތެރެވި މީހުންނާއި ގުޅުންހުރި ކޭސްތަކެވެ.
މެލޭޝިޔާގައި މިހާރުވެސް 9459 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 128 މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ.