ކޮވިޑް-19 އަށް ޗައިނާއިން އުފައްދަމުންދާ ވެކްސިންތަކަށް ބައިނަލްއަގްވާމީ ގޮތުން ލިބެންޖެހޭ ހުއްދަތައް ހޯދުމަށް ބޭނުންވާ ކަންކަން ޗައިނާ އާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކުރަމުން އަންނަކަމަށް ސީނިއަރ އޮފިޝަލަކު ބުނެފި އެވެ.
ޖެނީވާ ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މަރިއަންޖަލާ ސިމޯ ބުނެފައިވަނީ ޗައިނާގައި ހުންނަ ޑަބްލިޔުއެޗްއޯގެ އޮފީހުންނާއި ޑަބްލިޔުއެޗްއޯގެ މައި އޮފީހުން ޗައިނާގެ ރެގިޔުލޭޓްރީ އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ޗައިނާއާ ވާހަކަދައްކަމުންދާ ކަމަށާއި މައުލޫމާތުތައް ބަދަލުކުރަމުންދާ ކަމަށް މަރިއަންޖަލާ ވިދާޅުވިއެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ވެކްސިން ބޭނުންކުރުމަށް ލިބެންޖެހޭ ހުއްދަތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވެމުންދާ ކަމަށް މަރިއަންޖަލާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޗައިނާއިން އުފައްދަމުންދާ އެއް ވެކްސިނަކީ ސިނޯވެކް އިން އުފައްދަމުންދާ ވެކްސިނެވެ. މިވެކްސިނާއި ގުޅޭގޮތުން ވާހަކަދައްކަމުން ސިނޯވެކްގެ ޗީފް އެގްޒެކެޓިވް އާދިއްތަ ދުވަހު ބުނެފައިވަނީ އެކުންފުނިން އުފައްދާ ވެކްސިންގެ އެމަރޖެންސީ ޕްރޮގްރާމްގެ ދަށުން ޗައިނީޒް ފާރމްގެ މުވައްޒަފުންނާއި އާއިލާގެ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ދީފައިވާކަމަށެވެ.
ޗައިނާގެ ސިނޯވެކް ބައޮޓެކުން ކޮވިޑް-19 އަށް އުފައްދާ ވެކްސިން އެމަރޖެންސީކޮށް ހައިރިސްކު މީހުންނަށް ބޭނުންކުރަން ހުއްދަދީފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ.
ޗައިނާއިން ޖުލައި މަހުން ފެށިގެން ހައިރިސްކު މީހުންނަށް ވެކްސިން ދެމުން އަންނަކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ސްޓޭޓް މީޑިޔާއިން ވަނީ ބުނެފައެވެ. ޗައިނާގެ ސްޓޭޓް މީޑިޔާއިން ދައްކާފައިވާ އިންޓަރވިއުގައި ސިއްހީ އޮފިޝަލުން ބުނެފައިވަނީ އެމަރޖެންސީ ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ފިނި މޫސުމާއި އޯޓަމްގައި ވައިރަސް ފެތުރިގެން ހިނގައިދާނެތީ އެކަމުން ރައްކާތެރިވުމުގެ ގޮތުންކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް 160ށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި މިހާރުވެސް ކުރަމުންދާއިރު މީގެތެރެއިން 7 ވެކްސިނެއް އުޅެނީ އެންމެ ފަހުގެ ޓެސްޓްތައް ކުރުމުގެ މަރުހަލާގައެވެ. މީގެތެރެއިން 4 ވެކްސިނަކީ ޗައިނާއިން އުފައްދަމުންދާ ވެކްސިންތަކެވެ.
އެހެންނަމަވެސް އަދި އެއްވެސް ވެކްސިނެއް ކާމިޔާބުވެ ރަސްމީކޮށް ބޭނުންކުރެވޭ ހިސާބަކަށް ނުދެއެވެ.