ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިރާގުގެ އެއްގަމު ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ވިޔަފާރިތަކަށް އަމާޒުކޮށްގެން އަލުން ހުޅުވާލާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކާޒިމީ ވިދާޅުވެއްޖެ އެވެ.
އެގޮތުން ރެސްޓޯރެންޓްތަކާއި ހޮޓާތައް އަދި ކުޅިވަރު ކުޅުމުގެ ފުރުސަތު މީހުންނަށް ބަލަން ނުވަދެވޭގޮތަށް ދޭނެ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ. ބޮޑު ވަޒީރުގެ މިނިންމުން ހާމަކުރައްވާފައި މިވަނީ ތިން ދުވަހެއްގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކޮށްފައިވަނިކޮށެވެ.
ބޮޑުވަޒީރު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއްގަމުގެ ބޯޑަރު ހުޅުވާލާފައިވަނީ ހަމައެކަނި ވިޔަފާރީގެ ބޭނުމަށްކަމަށެވެ. އެއީ އެގައުމުގެ ލޯކަލް މާރުކޭޓްތަކަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކުރުމުގެ ގޮތުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން ރެސްޓޯރެންޓްތަކާއި ފައިވް ސްޓަރ ހޮޓާތައް ހުޅުވުމަށްފަހު ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާ ގައިޑް ލައިނާ އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ހުޅުވާލަނީ ސެޕްޓެމްބަރ މަހުގެ 12ން ފެށިގެންނެވެ. ސަރުކާރުގެ އެޖެންސީތަކަށް 50 އިންސައްތަ މުވައްޒަފުން މަސައްކަތަށް ނެރެވޭނެކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިރާގުގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިކޯޑްކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އެއީ 5036 މީހުންނަށެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަނީ ދޭ އިރުޝާދުތަކަށް މީހުން ތަބާނުވާތީ އެވެ.
ހޯމަ ދުވަހު 4314 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 77 މީހުން ވަނީ މަރުވެފައެވެ. އެގައުމުގައި މިހާތަނަށް އައިއިރު 264،684 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 7589ށް އަރާފައެވެ.