ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 04:47
އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހަދާފައިވާ ޓެންޓެއް
އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހަދާފައިވާ ޓެންޓެއް
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގެ 22 ސްޓޭޓެއްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރު ވަނީ
މީގެ ތިން ހަފްތާ ކުރިން ކޭސްތައް އިތުރުވަމުން އައީ ތިން ސްޓޭޓެއްގައި
މިހާރު ދުވާލަކު އެވްރެޖްކޮށް 44،000 މީހުންނަށް ވައިރަސް ޖެހޭ

އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން މިހާރު ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނަނީ 22 ސްޓޭޓެއްގައި ކަމަށް ރޮއިޓަރސް އިން ބުނެފިއެވެ.

ރޮއިޓަރސްގެ އެނަލިސިސް އާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓް ކުރާ ގޮތުގައި ލޭބަރ ޑޭ އާއި ހަފްތާ ބަންދާ ދިމާކޮށް އާއިލީ ބޮޑެތި އެއްވުންތައް ބޭއްވުމާއި ހޫނު މޫސުމުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޕާޓީތަކާއި ގުޅިގެން ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މީގެ ތިން ހަފްތާ ކުރިން ކޭސްތައް އިތުރުވަމުން އައީ ތިން ސްޓޭޓެއް ގައެވެ. އެއީ ހަވާއީ އާއި އިލިނޯއީ އަދި ސައުތު ޑަކޯޓާގައެވެ.

މިހާރު ކޭސްތައް އިތުރުވަމުންދާ ސްޓޭޓްތަކަކީ އާބާދީ މަދު މިޑްވެސްޓް އަދި ދެކުނުގެ ސަރަހައްދުތަކެވެ.

ފާއިތުވި ދެ ހަފްތާގައި އެންމެ ގިނައިން ކޭސްތައް ރިޕޯޓްކޮށްފައިވަނީ ސައުތު ޑަކޯޓާގައެވެ. އެ ސަރަހައްދުން 3700ށް ވުރެ ގިނަ މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައެވެ. ސިއްހީ އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި އެ ސަރަހައްދުގައި ކޭސްތައް އިތުރުވާން ފެށި ސަބަބަކީ ބޭއްވި ސައިކަލް ރެލީއެކެވެ. އޮގަސްޓް 7ން 16ށް ކުރިޔަށް ގެންދިޔަ މިސައިކަލް ރެލީ ގައި 365،000 މީހުން ވަނީ ބައިވެރިވެފައެވެ. ސައުތު ޑަކޯޓާގެ ހެލްތު ޑިޕާޓްމަންޓުން ބުނާ ގޮތުގައި މިހާތަނަށް އައިއިރު މިރެލީއާ ގުޅުންހުރި 88 މީހެއް ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައެވެ.

މީގެއިތުރުން ފާއިތުވި ދެ ހަފްތާގައި އައޯވާއިން ފެންނަމުންދާ ކޭސްތައް ވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އެސްޓޭޓުން 13600 މީހުންނަށް އަލަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ. މީގެއިތުރުން ނޯތު ޑަކޯޓާއިން ވެސް އަންނަނީ ކޭސްތައް އިތުރުވަމުންނެވެ. ފާއިތުވި ދެ ހަފްތާގައި އެ ސަރަހައްދުގެ 3600 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ބައެއް ސަރަހައްދުތަކުގައި ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާއިރު އެންމެ އާބާދީ ބޮޑު ސްޓޭޓްތައް ކަމުގައިވާ ކެލިފޯރނިއާ، ފްލޮރިޑާ އަދި ޓެކްސަސް ގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ފާއިތުވި ދެ ހަފްތާގައި ކެލިފޯރނިއާގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާ އާ އަޅާބަލާއިރު 39،000ށް ވަނީ ދަށަށް ގޮސްފައެވެ. އެމުއްދަތުގެ ތެރޭގައި 22 ސްޓޭޓުން ވަނީ 37000ށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އެމެރިކާގައި ޕީކުގައި ޖުލައި މަހު އޮތުމަށްފަހު މިހާރު ވަނީ ކޭސްތައް ފެންނަ މިންވަރު ދަށަށްދާން ފަށާފައެވެ. ލޭބަރ ޑޭ އާއި ދިމާކޮށް ޗުއްޓީ ދުވަސްތަކެއް ލިބޭއިރު މިހާރު ދުވާލަކު އެވްރެޖްކޮށް 44،000 މީހުންނަށް އެގައުމުގައި ކޮވިޑް-19 ޖެހެމުންދެ އެވެ. މިއީ މެއި މަހުގެ 23-25ށް މެމޯރިއަލް ޑޭގެ ހަފްތާ ބަންދުގައި އެގައުމުގައި ކޭސްތައް ފެންނަމުން ދިޔަ މިންވަރުގެ ދެ ގުނަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ޖުލައި މަހު އެ ގައުމުގައި ކޭސްތައް އިތުރުވާން ފަށާފައިވަނީ މެމޯރިއަލް ޑޭ އާ ދިމާކޮށް އެ ގައުމުގައި ކުރިޔަށް ދިޔަ ބޮޑެތި އެއްވުންތަކުގެ ސަބަބުންނެވެ.

އެމެރިކާގައި މިހާރު ވެސް ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުން އަންނަނީ މި ވައިރަސް ޖެހިގެން މަރުވަމުންނެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ މީހުން މަރުވަމުން އަންނަ ގައުމަކަށްވާއިރު އެ ގައުމުގެ 190،000 މީހުން ވަނީ މިހާތަނަށް އައިއިރު މަރުވެފައެވެ.

ކޭސްތައް އިތުރުވަމުންދާ އަނެއް ސަބަބަކީ ސްކޫލްތަކާއި ކޮލެޖްތައް އަލުން ހުޅުވާލުމާއި ސިއްހީ މާހިރުން ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކަށް ބެލުމެއް ނެތި ބާއްވަމުންދާ ބޮޑެތި އެއްވުންތަކެވެ.

- ކޮމެންޓް