ފޯބްސްއިން ނެރެފައިވާ ކޮވިޑް-19 އިން އެންމެ ރައްކާތެރި 100 ގައުމުގެ ލިސްޓުގެ 63 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
މިލިސްޓު ނެރެފައި ވަނީ ސެޕްޓެމްބަރ 3 ވަނަ ދުވަހުއެވެ. ޖޫންމަހު ތެރޭގައިވެސް ފޯބްސްއިންވަނީ މިފަދަ ލިސްޓެއް އާއްމުކޮށްފައެވެ.
މިލިސްޓްގައިވާ ގޮތުގައި ކޮވިޑް-19 އިން އެންމެ ރައްކާތެރި ގައުމަކީ ޖަރުމަނެވެ. އެގައުމު މިލިސްޓުގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތީ ނިޔުޒިލެންޑެވެ. އަދި ތިންވަނައިން ޖާގަ ހޯދައިފައިވަނީ ސައުތުކޮރެއާއެވެ. ކުރިން ނެރެފައިވާ ލިސްޓުގެ އެއްވަނައިގައި އޮތް ސުވިޒްލޭންޑު މިހާރު ވަނީ 4 ވަނައަށް ވެއްޓިފައެވެ.
ޖަޕާން އުޅެނީ 5 ވަނައިގައެވެ. އަދި އޮސްޓްރޭލިޔާ 6 ވަނައިގައިވާއިރު އެންމެ ފުރަތަމަ ކޮވިޑް ފެނުން ގައުމުކަމުގައިވާ ޗައިނާ އުޅެނީ މިލިސްޓުގެ 7 ވަނައިގައެވެ.
ދިވެހިރާއްޖެ 63 ވަނަގައި އޮތްއިރު އެންމެ ގިނައިން ޕޮޒިޓިވްކޭސް ފެނިފައިވާ އެއްގައުމުކަމަށްވާ އެމެރިކާ ހިމެނެނީ މިލިސްޓުގެ 55 ވަނައިގައެވެ.
ކޮވިޑް-19 އިން އެންމެ ރައްކާތެރި ގައުމުތަކުގެ ލިސްޓެއް އެކުލަވާލާފައިވާއިރު އެންމެ ރައްކާތެރި ނޫންގައުމުތަކުގެ ލިސްޓެއްވެސް ހިމެނެއެވެ. މިލިސްޓުގެ އެންމެކުރީގައި ހިމެނޭގައުމުތަކު ތެރޭގައި ސޯމާލިއާ, ސައުތުސޫދާން, އަފްގާނިސްތާން އަދި މާލީ ހިމެނެއެވެ.