ދެކުނު ކޮރެއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ތިން ހަފްތާއަށް ފަހު ދަށަށްދާން ފަށައިފި އެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެގައުމުގައި ވަނީ އަޅާފައެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ. ދެކުނު ކޮރެއާގައި ހުކުރު ދުވަހު ވައިރަސް ޖެހިފައިވަނީ 168 މީހުންނަށެވެ.
މިހާތަނަށް އައިއިރު އެގައުމުގައި 21،010 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 333 މީހުން ވަނީ މަރުވެފައެވެ.
ހުކުރު ދުވަހަކީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ޗާރޗަކުން އިންތިޒާމުކޮށްގެން ބޭއްވި ސިޔާސީ އެއްވުމަށްފަހު އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވާން ފެށުމާއެކު ވައިރަސް ޖެހޭ މީހުންގެ އަދަދު 200ށް ވުރެ ދަށުން ރިކޯޑް ކުރެވުނު ފުރަތަމަ ދުވަހެވެ. ފާއިތުވި ތިން ދުވަހުވެސް އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 200ށް ވުރެ ތިރީގައެވެ. އޭގެކުރީ ހަފްތާގައި ޕީކުގައި ހުރިއިރު 441 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެއާއެކު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ސޯޝަލް ޑިންސްޓެންސް ގެންގުމުގެ ހަރުކަށި އުސޫލުތަކަށް އަންނަނީ އަމަލުކުރަމުންނެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އެންމެ ގިނައިން ކޭސްތައް ފެންނަމުންދާ ސޯލްގެ ރެސްޓޯރެންޓްތަކާއި ބޭކަރީތައް ރޭގަނޑު 9ން ފެށިގެން ހުޅުވާފައި ބެހެއްޓުން ވަނީ މަނާކޮށްފައެވެ. އަދި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ފާހަގަކުރެވިފައިވާ ކޮފީ ޝޮޕްތަކުން ޑެލިވަރީ ކުރުމާއި އެތަންތަނުން ކާތަކެތި ގެންދިޔުން ވަނީ މަނާކޮށްފައެވެ. ހަފްތާއެއްގެ މުއްދަތަށް އެޅި މިފިޔަވަޅުތައް މިހާރު ވަނީ ސެޕްޓެމްބަރ 13 އާ ހަމައަށް ދިގުދައްމާލާފަ އެވެ. އެގައުމުގެ ސަރުކާރުން ބުނަމުން އަންނަނީ ކޭސްތަކުގެ އަދަދު މިހާރަށްވުރެ ދަށް ކުރުމަށް މިފިޔަވަޅުތައް ދިގުދައްމާލަން ޖެހޭކަމަށެވެ.
މިހާރުވެސް ޗާރޗްތަކާއި ނައިޓްކްލަބްތައް އަދި ޖިމްތަކާއި ގިނަ ސްކޫލްތަކެއް ވަނީ ބަންދުކޮށްފައެވެ. އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
އަނެއްކޮޅުން ދެކުނު ކޮރެއާގެ ޑޮކްޓަރުންނާއި އިންޓާނުންގެ ތެރޭގައި ހިމެނޭ 16،000 މީހުން އަންނަނީ އެގައުމުގެ ޑޮކްޓަރުން އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އޮގަސްޓްމަހުގެ 21ން ފެށިގެން މިމީހުން މުޒާހަރާކުރަމުން އަންނައިރު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އެކަމުގައި އިސްކޮށް އުޅޭ 10 ޑޮކްޓަރުންގެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.