ސްޕެއިންގައި އަލަށް ފެންނަން ފެށި ކޭސްތަކާއެކު އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފި އެވެ.
ސްޕެއިންގައި ހުކުރު ދުވަހު 4503 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އެއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 517,133 (ފަސް ލައްކަ ސަތާރަ ހާސް ސަތޭކަ ތިރީސް ތިން)ށް އަރާފައެވެ. މިއާއެކު ސްޕެއިން ވެގެން ގޮސްފައިމިވަނީ ޔޫރަޕްގެ ގައުމެއްގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަށެވެ.
ސްޕެއިންއަށް ދެ ވަނަ ވޭވެއް އައިސްގެން އުޅޭއިރު މިފަހަރު ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އެންމެ ފުރަތަމަ އެގައުމުގައި މީހުންނަށް ވައިރަސް ޖެހުނުއިރާއި އަޅާބަލާއިރު މަދެވެ. މިއަހަރުގެ މާރޗް އަދި އޭޕްރީލް ހިސާބުގައި ދުވާލެއްގެ މައްޗަށް ދިހަހާހަށްވުރެ ގިނަ މީހުންނަށް އެގައުމުގައި ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަނެއްކޮޅުން އޭރު ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އުޅުނީ 800ށް ވުރެ މަތީގައެވެ. ހުކުރު ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން 29 މީހުން މަރުވެފައިވާއިރު މަރުވި މީހުންގެ ޖުމްލަ އަދަދަކީ 29،148 އެވެ.
އަންނަ ހަފްތާގައި އެގައުމުގެ ސްކޫލްތައް އަލުން ހުޅުވާލާ ގިނަ ބަޔަކު މަސައްކަތަށް ނިކުތުމަށް ތައްޔާރުވަމުންދާއިރު އަލަށް ގިނަ ކޭސްތަކެއް ފެންނަން ފެށުމުން އެކަމުގެ ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.
ސްކޫލެއްގެ ޓީޗަރަކު ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނެފައިވަނީ މެޑްރިޑްގައި އެންމެން އުޅެނީ މާސްކު އަޅައިގެން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ގެންގުޅޭއިރު އަދި ރޭގަނޑު ކްލަބްތައް ހުޅުވުން މަނާކޮށްފައިވާއިރު ސްކޫލްތައް އަލުން ހުޅުވާލައިގެން ކޭސްތައް އިތުރުވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
މެޑްރިޑް ހިމެނޭ ސަރަހައްދުގައި ހޯމަ ދުވަހުން ފެށިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ އެވެ. އެގޮތުން 10 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ ނޫޅެވޭނެކަމަށާއި ޕްރައިވެޓް ޕަރޓީ ތަކުގައިވެސް 10 މީހުންނަށްވުރެ ގިނައިން ބައިވެރި ނުވެވޭނެކަމަށް އެސަރަހައްދުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.
ސަރަހައްދުގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދަދު މައްޗަށް ހިނގައިދާނެތީ އެކަމަށް ފިޔަވަޅު ނާޅާ ނުތިބޭނެކަމަށް އޮފިޝަލް ބުނެފައިވެ އެވެ.
ސްޕެއިންގެ ހެލްތު މިނިސްޓަރ ސަލްވެޑޯރ ވަނީ ސްޕެއިންގެ ހުރިހާ ރައްޔިތުންވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ގޮވާލައްވާފައެވެ. އަދި ކުރިޔަށް އޮތް އޯޓަމްގެ ދުވަސްތައް ކަމުގައިވާ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ޑިސެމްބަރ ފަހުކޮޅާއި ހަމައަށް އެގައުމުގައި އެންޓިބޮޑީ ޓެސްޓް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ސަލްވެޑޯރ ވިދާޅުވި އެވެ. އެއާއެކު އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ދެނެގަނެވޭނެ އެވެ.
މީގެކުރިން ކުރިޔަށް ގެންދިޔަ އެންޓިބޮޑީ ޓެސްޓުން އެނގިފައިވަނީ އެގައުމުގެ އާބާދީގެ 5 އިންސައްތަ މީހުންނަށް ވައިރަސް އަސަރުކޮށްފައިވާ ކަމެވެ. މިޓެސްޓް ކުރިޔަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަލަށް ފެންނަމުންދާ ކޭސްތަކަށް ބަލާއިރު ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ މީހުންގެ އަދަދު އަދި އެހިސާބާ ކައިރިވެސް ނުކުރެއެވެ.