ޗައިނާގެ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާތާ 20 ދުވަސް ވެފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ޗައިނާއިން ކޮވިޑް-19ގެ ކޭސްތައް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފެންނަން ފެށިފަހުން މިހާ ގިނަ ދުވަހު ޗައިނާގެ ތެރެއިން ކޭސްއެއް ރިކޯޑް ނުކުރެވިދާ ފުރަތަމަ ފަހަރެވެ. މީގެކުރިން މިގޮތަށް ރިކޯޑް ކުރެވިފައިވަނީ 13 ދުވަހުގެ މުއްދަތަށެވެ. އެއީ މެއި މަހުގެ 24ން ޖޫން މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.
އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ވުހާންއިން ވައިރަސް ކޮންޓްރޯލްކޮށް އޮތުމަށްފަހު، ކޭސްތައް ފެންނަން ފެށުމުން ވުހާންގެ މުޅި އާބާދީ ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ. އަދި އޭގެ ފަހުން ވެރިރަށް ބެއިޖިންއިން ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ބެއިޖިންގެ މުޅި އާބާދީވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.
ޗައިނާއިން ހުކުރު ދުވަހު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 10 މީހުންނަށެވެ. މިމީހުންނަކީ އެގައުމަށް އެތެރެވި މީހުންނެވެ. އޭގެކުރީ ދުވަހުވެސް އެގައުމަށް އެތެރެވި 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފަ އެވެ.
ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި 8 މީހަކު ހުކުރު ދުވަހު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ އަލާމާތްތައް ނުފެނި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ޖުމްލަ އަދަދުތަކެއް ޗައިނާއިން ހާމަ ކުރަމުންނެއް ނުދެއެވެ. އަދި މިއީ ކޮވިޑް-19 ގެ ކޭސްތަކުގެ ގޮތުގައިވެސް ޗައިނާއިން ބަލަމުންނެއްނުދެއެވެ.
ޗައިނާގައި މިހާތަނަށް އައިއިރު 85،112 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 4634 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.