ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައި އޮތް ސްރީލަންކާގެ މައި އެއާޕޯޓް، ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމާއި ބެހޭ ގޮތުން އަދިވެސް އިތުުރަށް ދިރާސާ ކުރަމުންދާ ކަމަށް ލަންކާގެ ހެލްތް މިނިސްޓަރު ޕަވިތްރަ ވައްނިއްޔަރައްޗި ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ، އެއާޕޯޓް ހުޅުވާލުމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ނިންމާފައިވަނީ ކޮވިޑް-19 ހާލަތު ދިރާސާ ކުރުމަށް ފަހު ނޫނީ އެއާޕޯޓް ނުހުޅުވަން ކަމަށެވެ. އަދި އެކަމަށް ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެންމެ އިސްކަން ދެއްވަނީ ލަންކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަަމަށްޓަކައި ކަމަށެވެ. އެއާޕޯޓް ހުޅުވައިގެން ގައުމުގެ ތިބި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓަން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.
ލަންކާގެ އެއާޕޯޓް ހުޅުވާލުމާއި ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެފައިވާއިރު، ކުރިން އެއާޕޯޓް ހުޅުވަން ކަނޑައަޅާފައި އޮތީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރިހު ފަސް ކުރީ ސަބަބެއް ނާންގައެވެ. ލަންކާ އަށް އެތެރެވާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އެއާޕޯޓުގައި ހަމަޖައްސާފައިވާ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މެނޭޖަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.