ތައިލެންޑުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާތާ 100 ދުވަސްފަހުން އެގައުމުން މީހަކު ވައިރަސް އަށް ޕޮޒިޓިވްވެއްޖެ އެވެ.
އައު ކޭސް އެއް މިފެނުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެގައުމުގެ ބޯޑަރު ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ސަރުކާރަށް ގޮވާލަމުންދަނިކޮށެވެ. ބޯޑަރު ހުޅުވާލާ ފަތުރުވެރިންނަށް އެގައުމަށް އައުމުގެ ފުރުސަތު ދިނުމަށް އެގައުމުގެ ވިޔަފާރިވެރިން އަންނަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.
އެންމެ ފަހުން ވައިރަސް އަށް ޕޮޒިޓިވްވި މިމީހާއަކީ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާއަކީ ޑްރަގްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ބެންގްކޮކްގެ ކަރެކްޝަނަލް ސެންޓަރ އިން އެމީހާގެ ޓެސްޓް ހެދުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ސިއްހީ އޮފިޝަލުން ބުނާގޮތުގައި އޭނާ އެހެން ތާކަށް ދަތުރުކޮށްފައިނުވެ އެވެ. އަދި ޖަލުގައި އޭނާ އާއެކު އެއްގޮޅީގައި ތިބި މީހުން ވައިރަސް އަށް ނެގެޓިވްވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ބުރާސްފަތި ދުވަހު ތައިލެންޑްގެ ޑިޒީސް ކޮންޓްރޯލް ޑިޕާޓްމަންޓުން ބުނެފައިވަނީ 100 ދުވަސް ފަހުން ތައިލެންޑުން ކޮމިޔުނިޓީ ސްޕްރެޑެއް ފެނިފައިވާ ކަމަށެވެ. މެއި މަހުގެ ފަހުން ތައިލެންޑުން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިނުވެ އެވެ. މުޅިންވެސް ޕޮޒިޓިވް ވެފައިވަނީ އެގައުމަށް އެތެރެވި މީހުންނެވެ. ތައިލެންޑަށް އެތެރެވާ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހެ އެވެ.
70 މިލިއަން މީހުން ދިރިއުޅެމުންދާ ތައިލެންޑުން މިހާތަނަށް އައިއިރު 3427 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު މިބަލީގައި 58 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި 28 އެގައުމުން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ތެރެއިން 28 އިންސައްތައަށް ވުރެ ގިނަ ކޭސްއަކީ އެގައުމަށް އެތެރެވި މީހުންނަށް ނިސްބަތްވާ ކޭސްތަކެވެ.
ތައިލެންޑަކީ ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ތައިލެންޑުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ ވުހާން އިން ބެންގކޮކަށް އައި ޗައިނާގެ ފަތުރުވެރިއެއްގެ ފުށުންނެވެ.