ރަށުތެރޭ ކިޔާތީވެ އަޑު އަހަމެވެ. ކުޑައިރުވެސް، ބައިސްކަލް ފުރޮޅު އެއްޗެހި ވަގަށް ނަގައި، އުޅޭ މީހަކު މާލޭގައި އުޅުނެވެ. އެއީ ވަރަށް ތަފާތު ގޮތަކަށް އެކަން ކުރައްވާ، މާލޭގެ ތަންކޮޅެއް ގަދަރުވެރިކަމަށް ބުނާ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވެއެވެ. އެބޭފުޅަކު ބައިސްކަލް ފުރޮޅެއް ވަގަށް ނަގާދެނީ ފުރަތަމަ އެފުރޮޅު ބޭނުންވާ މީހާ ފުރޮޅުގެ އަގު އެބޭފުޅަކަށް ދިނީމަ އެވެ. ޒަމާނީ ބަހުން ބުނާނަމަ ވައްކަން ކުރައްވަނީ އެޑްވާންސްކޮށް ފައިސާ ދީނީމަ އެވެ. އެޑްވާންސަށް ފައިސާ ދައްކާއިރަށް، މާގިނަ އިރުތަކެއް ނުވެ، ފުރޮޅު ބޭނުންވެގެން އުޅުނު މީހާއަށް ފުރޮޅު ލިބޭނެ އެވެ. އަދި ވެސް އެހެންވާހަކަ އެކެވެ. ހަމަ މިބުނާ ބޭފުޅާ މާލޭގެ ހޮޓާތަކުން ސައި ބައްލަވައިގެން، ވިކުރާ ފޮތުގައި ޖަހާފައި ވަޑައިގަންނަވަނީ ކަމަށް ވެއެވެ. މަސް ނިމޭތަނުން ހޮޓަލުގެ ސޭޓް ފައިސާ ދެއްކުމަށް ބުނާއިރަށް، އެއްކަލަ ވިކުރާ ފޮތް ވީދާ ކުދިކުދި ކޮށްލާ ނައްތާލަނީ އެވެ. ނުވަތަ "ކަހާތަން ހިރުވާލާހެން ހީވެސް ނުވާ" ގޮތަކަށް ވިކުރާ ފޮތުގެ މައްސަލަ އޮއްބާލަނީއެވެ، އެހެންގޮތެއް ނެތްނަމަ އެވިކުރާ ފޮތްގަނޑު ވެސް ވަގަށް ނަގަނީ އެވެ. އެހެންކަމުން މިބުނާ ބޭފުޅާ ގާތުގައި ފައިސާ ދައްކަން ބުނުމުގެ ފުރުސަތު ހޮޓަލުގެ ސޭޓަށް ގެއްލުނީ އެވެ. ހެކި ނައްތާލުމުން ދެން ސޭޓަށް ވެސް އެކަމުގައި ކުރިއަށް ދެވޭނެ އިތުރު ގޮތެއްވެސް ނޯންނާނެތާ އެވެ.
އެއީ މިބުނާ ދުވަސްވަރު ވައްކަން ކުރުމުގައި އުޅުނުކަމަށް ބުނާ ބޭފުޅާގެ ވާހަކައެވެ. އަދި އެއީ އޭނާގެ މިބުނާ ޓީނޭޖްގެ ލާނެތް ދުވަސްވަރު ކަމުން، އެޒަމާނުގައި އެބޭފުޅަކު ވައްކަން ކުރަމުންދިޔަ ގޮތެވެ.
ދިވެހިރާއްޖެއަކީ ވަރަށް ގިނަ އަދަދަކަށް ފައިސާ ވަންނަ މުއްސަނދި ގައުމެއްކަން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރާ މީހުން ކުރާ ވައްކަންތަކުގެ އަދަދުތަކުން ހާމަވެއެވެ. ވައްކަން ކުރާއިރު، ކުރަނީ ޑޮލަރުންނެވެ. އެވެސް މިލިއަނުން ނެވެ.
ދިވެހިރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ނިންމައި، ދިވެހި ރައްޔިތުން ހަމަނޭވާއެއް ލެވޭވަރުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެވެ. އޭގެކުރިން މިބުނާ 30 އަހަރުގެ ދިގު ވެރިކަމުގައި އާއިލީ ބޭފުޅުން ކޮޅެއް ކެބިނެޓްގައި ތިއްބައިވައިގެން، ހިންގި ވައްކަމުގެ ޖަރީމާތުގެ ވާހަކަތައް މިއަދުވެސް މީސްމީހުން ދައްކާ އުޅެއެވެ. އެފްޕީއައިޑީ އާއި އެއަރ މޯލްޑިވްސް، އަދި އޭގެފަހުން، ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ހިންގި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ވާހަކައެވެ. ހަމަ ކޮންމެ ފަހަރަކުވެސް ފެން ފޮދަކާއި ނުލާ އެތަށް މިލިއަނުން އެމީހުންގެ މުފްތުތަށް ބޮޑުކުރީއެވެ. މިދައްކަނީ އާދައިގެން ކުޑަކުޑަ އަދަދުތަކުގެ ފައިސާގެ ވާހަކައެއް ނޫނެވެ. އެސްޓީއޯގެ ސެލް ކުންފުންޏެއް ސިންގަޕޫރުގައި ހަދައިގެން، ތެލުގެ ވަގު ވިޔަފާރި ހިންގިކަމަށް ބުނާއިރު، ޓްރޭޑް މިނިސްޓަރުގެ މަގާމާއި، ރާއްޖެއަށް ތެޔޮ އެތެރެ ކުރަމުންދިޔަ އެސްޓީއޯގެ ޗެއާމަން އަދި މާލޭގެ ރައްޔިތުންނަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭ ސްޓެލްކޯގެ ޗެއަރމަންގެ މަގާމު ފުރުއްވަމުން ގެންދެވީ އިއްތިފާގަކުން ހަމަ އެއްބޭފުޅެކެވެ. މިބުނާ ދުވަސްވަރު، އެސްޓީއޯ މެދުވެރިކޮށް، ޑޮލަރު މާރުކުރުމުގެ ނަމުގައި ކަންތައްތަކެއް ހިންގާފައި ވެއެވެ. މިއީވެސް ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ އާވައްތަރެއްގެ ސަގާފަތެއް ފެށި ދުވަސްވަރެކެވެ.
އެދުވަސްތަށް ފާއިތުވެ، އެރުނުގޮތަކަށް ވެރިކަމަށް އަރަން ފައިނެންގެވީ، ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި ބޭބޭފުޅަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ގެއްލުނު ހިސާބުންނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެންނެވެ. ފުރަތަމަ ކުރެއްވި ކަމަކީ، ޑިމޮކްރެޓިކް އުސޫލުން ވެރިކަމަށް އިންތިހާބު ކުރެއްވި ވެރިޔާގެ ވެރިކަން ބަޣާވާތަކުން ވައްޓަލުމުގެ މަސައްކަތް ފެށުމެވެ. އިސާހިތަކު، އޭރު ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، ބޭފުޅާއަށްވެސް، އޭނާއަށް ވެސް ކޮންމެވެސް ގޮތަކުން ވެރިކަން ކޮށްލެވޭނެ ކަމުގެ ފޮނިއުއްމީދުގައި، މިބުނާ "ވަގު ބޭކަލުންނާ" ގުޅިގެން މަސައްކަތް ފައްޓަވައިފިއެވެ. ދެން އެޖެހެނީ ކަންތަކާއެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލާފި އެވެ.
ވެރިކަން ވައްޓާލުމަށް ފަހު، ފުރަތަމަވެސް، ބަޣާވާތުގެ ސަރުކާރުން ކުރި ކަމަކީ، އޭރު ބޭރު ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ހުއްޓުވީ އެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ފައިސާއިން 10 މިލިއަން ޑޮލަރު ޚަރަދު ވެސް ކޮށްފައި ވެއެވެ. މިއީ މުސްކުޅިވެރިން އެބުނާ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލައްވާ އުސޫލުން ހިންގި ހުތުރުކަން ބޮޑު އަމަލެކެވެ. އެންމެފަހުން، ދެން ފެނުނީ މިބުނާ ބާޣާވާތުގެ ވެރިޔާގެ ވެރިކަން ނިމި، އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ބޭނުން ކުރައްވައިގެން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގަޑުބަޑުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި މަންޒަރެވެ.
ދެން އެފެށުނީތާއާވެ! ދެން ދައްކަން މިއުޅެނީ ހައިރާން ވާ ޒާތުގެ ވާހަކައެކެވެ. ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން އެމީހުންގެ "ބުރޭންޑް ނޭމް" އުފައްދާ ޕްރޮމޯޓް ކުރާ އުސޫލުން މިބޭފުޅާ ވެސް މަސައްކަތްޕުޅު ފެއްޓެވީއެވެ. މިބޭފުޅާގެ ވައްކަމުގެ ކޮލީ ނަންފުޅަކީ "ތޭރަ" އެވެ. ސްޕޮންސަރަކީ ކަހީނުންނާއި ސިހުރުވެރިންނާއި، އުންޑަ ކައްކާ މީހުންނެވެ. މި ބުނާ "ހަޔާތެއް ވައްކަމުގައި ހޭދަކުރެއްވި ބޭފުޅާ ރާއްޖޭގެ ބިންތަކާއި ފަޅު ރަށްތަކާއި ފަޅުތަކާއި ފަރުތައް ބަހާ ހުސްކުރީ މި ދެންނެވި ތޭރައިގެ އޮނަހިރި އަދަދުތަކަށް ހިސާބުޖައްސަވައި އަކަކުރަހާގެން ކަމަށް މިދެންނެވި ސްޕޮންސަރުންވެސް ވަނީ ފާޅުކަން ބޮޑުކޮށް ފަހުން ހާމަކޮށްދެއްވާފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ، ބޮނޑިދީ، ލަނޑުދިނީ ދެރެ ނިކަމެތިންނަށް އެކަންޏަކަށް ނޫނޭވެ، ބޭރުކަރަކަރައިން ގެނައި އުންޑަކައްކާ މީހުންނަށް ދޭންޖެހޭ ފައިސާއިން ވެސް ކުރީ ވައްކަމެވެ. އެކަމުގެ ސަބަބުން މީގެ ބޮޑު ކަހީނެއް ރުޅިއަރާ މީޑިއާގައި ވަނީ މި ބޮޑު ވަގު ފަލީހަތްވެސް ކޮށްފައެވެ. ބަލާލިއިރު އައިޑެންޓިޓީ ކާޑުންވެސް އޮތީ ވައްކަންކޮށްފައެވެ. ވޮށް އަލިވާ ހިސާބުގައި މިކަލޭގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެތާއެވެ.
ވެރިކަމުގެ ފަސް އަހަރު ނިމުއިރު، ބޭބޭފުޅުގެ ދިގު 30 އަހަރުގެ ވެރިކަމާ ހަމައިން ފެށިގެން، 2013 ހަމައަށް ދައުލަތުގެ ދަރަނި ހުރީ 28 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ހަޔާތެއް ވައްކަން ކުރުމުގައި އުޅުއްވާ ކަމަށް ބުނާ ވެރިޔާގެ ވެރިކަމުގެ ފަސް އަހަރު ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި 60 ބިލިއަން ރުފިޔާއަށް އަރުވާލާފައިވަނީ ނުހަނު ހުށިޔާރުވީމަ ނޫންތޯ އެވެ. ކުރިން ބުނިހެން، 10 ރުފިޔާއަށް ބައިސްކަލް ފުރޮޅެއް ވަގަށް ނަގައިދޭ މީހާ މިއަދު މިލިއަނުން ޑޮލަރު ގުނަން ފެށުމަކީ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. އަތުގަ ހޭކެންޏާމު ދަތުގައި ހޭކޭނެ ވާހަކަ އަޑު އަހަމެވެ، ނަމަވެސް މިއީ ފުކެއް ބޮޑުވަރެވެ.
އޭރުއެއީ މަގުމަތިން ކުރި ވައްކަމުގެ ވާހަކައެވެ. މިއަދު މިއީ ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ލިބުނު ފުރުސަތުގެ ވާހަކަ އެވެ. އެހެންވީމާ ދައުލަތުގެ ތިޖޫރީ ސަލާމަތުން ހުންނާނެ ކަމާމެދު ދިވެހި ރައްޔިތުން ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތްތޯ އެވެ. ހަޔާތެއް ވައްކަމުގައި އުޅުއްވި ބޭފުޅަކަށް ދައުލަތުގެ ތިޖޫރީ ހަވާލު ކުރުމުން ވާނެ ހައެތި މިއޮތީ ވެ ނިމިފަތާއެވެ. އަމިއްލަފުޅު ގެކޮޅަށް ދައުލަތުގެ ފައިސާ ވައްދައި، އަމިއްލަފުޅު ބޭންކް އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާކޮށް، މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުން ގެއެއް ބައްލަވައިގަނެ، އެ ގެ 17 ބުރިއަށް ބޮޑު ގަނޑުވަރެއްގޮތަށް އިމާރާތް ކުރަމުންދިޔައީ ވެރިކަމުގައި ހުންނަވައިގެންނެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނަތާއެވެ، ގެވެސް ހުރީ ދަގަނޑު ގޭޓުލާ ކޮންކުރީޓު ބޮލޮކުން ނިކަން ބާރަށް ބަނދެލާފައެވެ. މިއީ އަދި ފޮރުވުމެއްނެތި ހާމައަށް ފެންނަން ހުރި ކަންކަމެވެ. އަދި ނުފެންނަ ކިތައްމެ ކިތައްމެކަމެއް ހިންގާފައިވާނެ ކަމާމެދު ސަލާމަތް ބުއްދިހުރި އިންސާނަކަށް ގަބޫލު ކުރެވޭނެ އެވެ.
އެއީ ހަމަ ކުރިން ބުނިހެން، ވިކުރާ ފޮތުގައި ޖައްސާފައި ސައި ބުއި ބޭފުޅާ ގޮތަށް، ހޮޓަލުގެ ސޭޓް ފައިސާ ދައްކަން ބުނާއިރަށް އެ ވިކުރާފޮތް ގެއްލޭ ބީދައިން އެގޮތަށް މިއަދުވެސް ގެއްލިފައިވާ ކިތައްމެކިތައްމެ ވިކުރާފޮތެއް ހުންނާނެ ކަމަށް ގަބޫލު ނުކުރެވެންވީ ސަބަބެއް އެބައޮތްތޯ އެވެ.
އެބޭފުޅާގެ ވެރިކަމުގައި ދައުލަތުގެ ހަޒާނާއިން ވައްކަން ކުރެއްވުމަށްޓަކައި ގާނޫނުތަކަށް ގެންނެވި ބަދަލާއި، ގަވާއިދުތައް އަނބުރާލި ގޮތްތަކާއި، ވަޒީރު ބޭފުޅުން ލައްވާ ހިންގެވި ހަރަކާތާއި، ވިޔަފާރިވެރިން އެކަމުގެ ތެރެއަށް ގެންނެވިގޮތާއި، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި، ކަނޑައެޅިގެން ހަރާމް ވައްކަން ދިވެހިރާއްޖޭގެ ބައިތުލްމާލުން އެބޭފުޅާ ކުރައްވަމުން ގެންދެވީ އެކަމަކީ އެމަނިކުފާނު ނުހަނު އުފާފުޅު ކުރައްވާ "ސެލެބްރޭޓް" ކުރުމުގެ ގޮތުން ހަވާއަރުއްވާ ފަޒާގެ ތެރޭ ބޮޑާކަމާއެކު ފާހަގަކުރެއްވި ކަންކަމެވެ. ޒުވާނުން އެދުވަސްވަރު އެމަނިކުފާނަކީ ހަވާ ރަސްގެފާނުގެ ނަމުން ނަންވެސްދެއްވެވިއެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ 70 މިލިއަން ޑޮލަރު އެކަންޏެއް ނޫނެވެ. ބޭރުގެ އެކިއެކި މަނީ ލޯންޑަރިންގ ފަދަ ޖަރީމާތައްހިންގާ، އެކި ފަރާތްތަކާއި ގުޅިގެން ކަޅު ފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާތައް ބޭނުންކޮށްގެން ދައުރުކޮށް، މަތިންދާ ބޯޓުގައި ކޮންޓެއިނަރުތަކުގައި ރާއްޖެއަށް ޑޮލަރު ގެނެސް ބަނޑޭރިގޭގައި ބަހައްޓައި، އެތަން މިތަނަށް އެޑޮލަރު އުފުލައި ކަޅުފައިސާ، ސާފުކުރުމުގެ މަސައްކަތް ކުރެއްވި އެވެ. އެބޭފުޅާގެ ވެރިކަމުގައި ރާއްޖޭގައި ހިންގި އެންމެހައި ޕްރޮޖެކްޓްތަކުން ނެންގެވި ރިޝްވަތާއި ހަމަ އެހެންމެ، ވައްކަން ކުރައްވަމުން ކުރައްވަމުން ގޮސް، ރޯދައަށް ދިވެހި ރައްޔިތުންނަށް ސައުދީ އަރަބިޔާއާއި އިސްލާމީ ބައެއް އެހެން ގައުމުތަކުން ކޮންމެ އަހަރަކު ދޭ ކަދުރުކޮޅުންވެސް ކުރެއްވީ ވައްކަންނޫންތޯ އެވެ. ދިވެހި އެތައް ރައްޔިތުންނެއް ހައްޖަށް ދާން ފައިސާ ދެއްކުމަށްފަހު، ހައްޖު ކޯޓާއަށް އިންތިޒާރު ކޮށްކޮށް ތިއްބައި، ހައްޖު ކޯޓާކޮޅުވެސް ތިމާއަށް ތާއީދު ކުރާ ވަކި ބަޔަކަށް ބަހާލައި، ހައްޖު ކޯޓާއިން ވެސް ކުރެއްވީ ވައްކަން ނޫންތޯ އެވެ. ހަޔާތެއް ވައްކަމުގައި ހޭދަކުރައްވާ މިބޭފުޅާއަށް ލިބެންޖެހޭ އެންމެ ލޯލާރިއެއް ވެސް ދޫކޮށްނުލައްވާއިރު، އަރިސް ބޭފުޅުންނަށް ވެސް ހެޔޮ ނިޔަތެއްގައި އެއްޗެއް ދިއްކޮށްލާ ނޫޅުއްވާ ކަމަށް ވެއެވެ.
ދެން އޮތީ އެންމެ ފަހު ވާހަކައެވެ. މި ދިވެހި ޤައުމުގަ ލިޔެވިފަ އޮތް ދެހާހާއި އެތަށް އަހަރެއްވީ ތާރީހުގަ، ރަސްކަންކުރެއްވި ނުވަދިހަ އެތަށް ރަސްކަލުންނަކާއި ފެނުނު ޖުމްހޫރީ ރައީސުންގެ ޒައާމަތުގައިވެސް ނުފެންނަ ވަރުގެ ބިރުން ފިތްކަނޑައިގެން ދާވަރުގެ ވައްކަމުގެ އަމަލުތަކެއް މި މަނިކުފާނު ވަނީ ކުރައްވާފައެވެ. ދިވެހި ތާރީހު ހެކިދެނީ ފެންނަން އޮތް ދިގު ތާރީހުގައިވެސް ދިވެހިރާއްޖޭގެ ބޮޑުބަނޑޭރިގޭގެ ހަތިޔާރު ގުދަން އަމާނާތްތެރިކަމާއެކު ބަލަހައްޓާފައިވާ މަންޒަރެވެ. ނަމަވެސް މި ވިދާޅުވާ މަނިކުފާނު ކުރައްވާފައި ނުކުރައްވާނެ ކަމެއް އިންސާނެއްގެ ހިތަށްވެސް ނާރާހާ ބިރުވެރިއެވެ. ބޮޑުބަނޑޭރިގޭގެ އާމަރީގެ ތަޅުދަނޑި ގެއްލި، ހަތިޔާރު ވެސް ގެއްލުނީއެވެ. ފަހުން މިތަކެތި ފެނުނީ ފަޅުތެރެއަށް ފައްތާ، ނުވަތަ ގޭގޭގެ ބަނޑުދުރަލީ ވަޅުތަކުގެ ތެރޭން ނުވަތަ މީހުން ނިދާ ބާލީހުގެ ބޯލާކޮޅުންނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިވެސް ދިވެހި ތާރީޚް ލިޔުނު އަނދިރި ސޮފްހާއެކެވެ.
ދުނިޔެ ހިނގަނީ އިލާހީ ގާނޫނު ތަރުތީބުކުރާ އުސޫލުންކަން ކަށަވަރެވެ. ދުނިޔެ ދުށް ކޮންމެ ޒާލިމެއްގެ ނިމުން ހިތްޗެވެ. ދުނިޔޭގެ ތާރީހުން ދަސްކޮށްދޭ ފިލާވަޅަކީ މިދެންނެވި އުސޫލެވެ. ނިކަން ބައްލަވާށެވެ! ވިސްނާ ފިކުރު ހިންގަވާށެވެ! މިދެންނެވި ހަޔާތެއް ވައްކަމުގައި ހޭދަކުރި ބޭފުޅާގެ ބަރާވެ ބޮޑުކުރަމުން ދިޔަ ފައިސާގެ ޖާޑި "ބަންދު" ކުރީ މި ޤައުމަށް ވަފާތެރި ދިވެހި މުވާތިނުން އަތާއަތް ގުޅާލާ ކުރި ޤައުމީ ޖިހާދުންނެވެ. ވަޠަނުގެ މި ހަރަކާތުން ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް ބުނާ ފަދައިން ބަސް އިއްވީ ދިވެހި ރައްޔިތުންނެވެ.