ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 09:47
\"ނިއު ޑައިމަންޑް\" ގައި ޓޭންކަރުގައި އަލިފާން ހިފާފައި
"ނިއު ޑައިމަންޑް" ގައި ޓޭންކަރުގައި އަލިފާން ހިފާފައި
ޓްވިޓަރ
"ނިއު ޑައިމަންޑް" ޓޭންކަރުގައި އަލިފާން ހިފުން
ތެޔޮ ޓޭންކަރުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން
މި ޙާދިސާގެ ސަބަބުން ކަނޑަށް ތެޔޮ ލީކު ވުމުގެ ފުރުސަތު ބޮޑު
އެއީ އައިއޯސީން ޗާޓަރ ކޮށްގެން ގެނައި ތެޔޮ ޓޭންކަރެއް
ތެޔޮ ޓޭންކަރުގައި 2 މިލިއަން ފީފާގެ ތެޔޮ ހުރިކަމަށް ރިޕޯޓްތައް ބުނޭ

2 މިލިއަން ފީފާގެ ތެޔޮ ހިފައިގެން އިންޑިއާއަށް ދިޔަ ޓޭންކަރެއްގައި ބުރާސްފަތި ދުވަހު ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިންޑިއަން ކޯސްޓްގާޑުން ބުނެފިއެވެ.

އަލިފާންގަނޑު ނިއްވައިލުމަށް ލަންކާ އިން އެހީތެރިކަމަށް އެދުމުން އިންޑިއާގެ ތިން މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރުގައިވާ ރަޝިއާގެ މަނަވަރުތަކެއް ވެސް އަންނަނީ އަލިފާން ނިއްވުމުގައި އެހީތެރިވަމުންނެވެ.

ލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ތެޔޮތައް ކަނޑަށް އެޅެން ފަށައިފިނަމަ ދެން ކަންތައް ކުރާނެ ގޮތްތައް ވެސް މިހާރު ރާވަމުންދާ ކަމަށާއި އެންމެ ގޯސް ހާލަތުގައި ދިމާވެދާނެ ކަންކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.

ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަލިފާން ހިފާފައިވަނީ ކުވެއިތުގެ ބަނދަރުން 2 މިލިއަން ފީފާ ތެޔޮ ބަރުކޮށްގެން އިންޑިއާގެ "ޕްރަދީޕް" ބަނދަރާ ދިމާއަށް މިސްރާބު ޖަހާފައިވާ "ނިއު ޑައިމަންޑް" ނަމަކަށް ކިޔާ ޓޭންކަރެއްގައެވެ. އެގޮތުން ތެޔޮ ޓޭންކަރުގައި އަލިފާން ހިފާފައިވަނީ އިންޑިއާ ކަނޑު ތެރެއަށް ޓޭންކަރު ވަދެ، ސްރިލަންކާގެ އިރުމަތިން 20 ނޯޓިކަލް މޭލު ދުރުން ދަތުރު ކޮށްފައި އަންނަނިކޮށް ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނިއު ޑައިމަންޑަކީ އިންޑިއާގެ އިންޑިއަން އޮއިލް ކޯރޕް (އައިއޯސީން) ޗާޓަރ ކޮށްގެން ގެނަ ތެޔޮ ޓޭންކަރެކެވެ.

އޭގެ އިތުރުން، އަލިފާން ހިފިއިރު ޓޭންކަރުން 23 ފަޅުވެރިން ދަތުރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިލިޕީންސްގެ 18 މީހަކާއި، ގްރީކަށް ނިސްބަތްވާ 5 މީހެކެވެ. އަދި އޭގެ ތެރެއިން ފިލިޕީންސް މީހަކު ގެއްލިގެން ހޯދަމުންދާއިރު، ފިލިޕީންސް އަށް ނިސްބަތްވާ އިތުރު މީހަކަށް ސީރިއަސް ޒަޙަމްތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓޭންކަރުގައި ހިފި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، ލަންކާގެ އަސްކަރިއްޔާއާ ޙަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެކަމުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ބޭނުންވެއެވެ. އަދި މިވަގުތު ވެސް ރަޝިއާގެ 2 ބޯޓަކާއި، އިންޑިއާގެ 4 ބޯޓެއް އެ ސަރަޙައްދަށް ގޮސް ގެއްލިފައިވާ މީހާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުން، މި ޙާދިސާގެ ސަބަބުން ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު ބޮޑެވެ. އަދި އެއާއެކު، ތެޔޮ ލީކުވުން ހުއްޓުވުމަށް ކުރީބައިގައި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސްރިލަންކާގެ މެރިން ޕްރޮޓެކްޝަން އޮތޯރިޓީއާ ޙަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް