ރިޔާސީ އިންތިހާބުގެ ދެ ދުވަސް ކުރިން ކޮވިޑް-19 ށް ވެކްސިންއެއް ތައްޔާރުކޮށް ޑިސްޓްރިބިއުޓް ކުރަން ފަށަން ތައްޔާރުވާން ޓްރަމްޕް ސަރުކާރުން އެމެރިކާގެ ސްޓޭޓްތަކަށް އަންގައިފިއެވެ.
ޓްރަމްޕް އެޑްމިނިސްޓްރޭޝަން އިން ސްޓޭޓްތަކަށް އަންގާފައިވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ކޮވިޑުގެ ވެކްސިން ޑިސްޓްރިބިއުޓްކުރަން ފަށަން ތައްޔާރުވާށެވެ. އެއީ ރިޔާސީ އިންތިހާބުގެ ދެ ދުވަސް ކުރިއެވެ.
އެގޮތުން ހޯލްސޭލް ކުންފުންޏެއް ކަމަށްވާ މެކް ކޭސަން ކޯޕަރޭޝަނުން ވަނީ ވެކްސިން ތައްޔާރުވުމުން ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމުކޮށް، ވެކްސިން ވިއްކުމަށް ޓްރަމްޕް ސަރުކާރާއި އެކު ޑީލްއެއް ހަދާފައެވެ.
އެ ކުންފުނިން ވެކްސިން ޑިސްޓްރިބިއުޓް ކުރަން ޕަރމިޓްތަކެއް ނަގަން ނިންމާފައިވާއިރު، މި ޕަރމިޓްތައް ދޫކުރަން ފެށުން ބަރޯސާވާނީ މި ކުއްލި އާއްމު ސިއްހަތާއި ގުޅޭ ޕްރޮގްރާމް ކާމިޔާބުވެއްޖެ ނަމަ ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް ޕްރިވެންޝަންގެ ޑިރެކްޓަރ ރޮބަރޓް ރެޑްފީލްޑް ވަނީ ބުނެފައެވެ. އަދި މިހާރުއްސުރެ ޕަރމިޓް ހޯދުމުގެ ޕްރޮސެސް ފެށުމަށް ޑިސްޓްރިބިއުޝަން ކުންފުނިތަކަށް އޭނާ ވަނީ އެދިފައެވެ.
މީގެއިތުރުން އޭނާ ވަނީ ނޮވެމްބަރު 1 ގައި މި ޑިސްޓްރިބިއުޝަން ކުންފުނިތައް އޮޕަރޭޓް ނުކުރެވޭނެ އެއްވެސް ހާލަތެއް މެދުވެރިނުވާ ފަދަ ގޮތެއް ކަނޑައެޅުމަށް ސްޓޭޓްތަކަށް ގޮވާލާފައެވެ.
ސީޑީސީ އިން ވަނީ ވެކްސިން ރޯލްއައުޓް ކުރާނެ ޕްލޭނެއް އެކުލަވާލާ، އޭގެ ލިޔެކިއުންތައް ސްޓޭޓްތަކަށް ފޯރުކޮށްދީފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް 160ށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި މިހާރުވެސް ކުރަމުންދާއިރު މީގެތެރެއިން 7 ވެކްސިނެއް އުޅެނީ އެންމެ ފަހުގެ ޓެސްޓްތައް ކުރުމުގެ މަރުހަލާގައެވެ.