އެމެރިކާ އިން ޗައިނާގެ ޑިޕްލޮމެޓިކް ފަރާތްތަކަށް އިތުރަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާއިން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން އެމެރިކާގެ ޔުނިވަރސިޓީތަކާ ކޮލެޖްތަކަށް ޗައިނާގެ ޑިޕްލޮމެޓުން ޒިޔާރަތް ކުރުމާއި އަދި އެކިކަހަލަ ސަގާފީ ހަފްލާތައް 50 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން މެޝަން ގްރައުންޑް އިން ބޭރުގައި ހިންގަން ބޭނުންވާނަމަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓު އިން ޚާއްސަ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ބުނީ މިގޮތަށް އަމަލުކުރަން ޖެހުނީ ޗައިނާއިން އެމެރިކާގެ ޑިޕްލޮމެޓުންނާއި އެކި ކަހަލަ ފިއްތުންތައް ކުރިމަތި ކުރުވާތީ ކަމަށެވެ. މިނިންމުން ތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޗައިނާއަށް އަޅާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުރާ ކަންތައްތައް ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ސްޓޭޓް ޑިޕާޓްމެންޓް އިން ބުނީ ޗައިނާގެ ހުރިހާ އެމްބަސީތާކާ ކޮންސިއުލޭޓް ތަކުން ބޭނުން ކުރާ ސޯޝަލް މީޑިއާ އެކައުންޓްތައް އެއީ ސައްހަ އެކައުންޓްތައްތޯ ޗެކް ކުރާނެ ކަމަށާއި، ވެރިފައި އެކައުންޓްތޯ ޔަގީން ކުރާނެ ކަމަށެވެ.
ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕޭއޯ ވިދާޅުވީ ޗައިނާއިން އެމެރިކާގެ ޑިޕްލޮމެޓިކް މީހުންނާއި ދޭތެރޭގައި ކަންތައްތައް ކުރާ ގޮތަށް އެމެރިކާއިން ވެސް ޗައިނާގެ ޑިޕްލޮމެޓުންނާއި މެދު ކަންތައްތައް ކުރާ ކަމަށެވެ.