އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގެ ކޮވިޑް ފެތުރޭ ރޭޓް މަދުވިތާ މާގިނަދުވަހެއް ނުވެ ފިޔަވަޅުތަކަށް ލުއި ދޭން މަޝްވަރާކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެ ގައުމުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަލި އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވިކްޓޯރިއާ ސްޓޭޓުން އަންގާރަ ދުވަހު ވަނީ 90 އައު ކޭސް ރިޕޯޓު ކޮށްފައެވެ. އަދި 6 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދުވާލެއްގެ މައްޗަށް ބަލި ޖެހިގެން ރިޕޯޓު ކުރާ އަދަދު ފާއިތުވި ދުވަސްތަކާއި އަޅާކިޔާއިރު މަދުކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ. ވިކްޓޯރިއާ ސްޓޭޓްގެ ހާލަތު ގޯސްކަމަށް ރިޕޯޓުތައް ބުނާއިރު ކަމާބެހޭ ވުޒާރާތަކުގެ އިސްވެރިން ދަނީ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޝްވަރާކުރަމުންނެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު އަންނަ އާދިއްތަ ދުވަހު ހާމަކުރަން މަސައްކަތް ކުރަމުން އަންނަކަަމަށް ރިޕޯޓުތައް ބުނެއެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގައި ކޮވިޑް19 ގެ ކޭސްތައް ކުއްލިއަކަށް އިތުރުވުމާއި ގުޅިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ ސަރަހައްދުގައި ވަނީ ކާރިސާގެ ހާލަތު ވެސް އިއުލާން ކޮށްފައެެވެ. އޭގެ އިތުރުން ވިކްޓޯރިއާ ސްޓޭޓުގެ ވެރިރަށް، މެލްބަންގެ ރައްޔިތުންނަށް ރޭގަނޑު 20:00ން ފަތިހު 05:00ށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކުގައި ގެއަކުން އެއް ފަހަރާ ނިކުމެވޭ މީހުންގެ އަދަދު އެކަކަށް މަދުކޮށް، ދުވާލަކު އެއް ފަހަރު ކަސްރަތު ކުރަން ނިކުމެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
އެންމެ ފަހުން އެޅި ފިޔަވަޅުތައް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމި އޮންނާނެއެވެ. އަދި މިހާރު ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ރައްޔިތުން އަމަލު ކުރޭތޯ ބެލުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
އޮސްޓްރޭލިއާގައި ކޮވިޑް ރޯގާ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދުތައް އިތުރުވެފައިވަނީ، ބަލި ކޮންޓްރޯލް ކުރުމުގައި އެ ގައުމުން ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހުއެވެ. މިހާރު އައު ފިޔަވަޅުތަކާއި އެކު އަނެއްކާވެސް ކޭސްތަކުގެ އަދަދު މަދުވަމުން އަންނައިރު މިހާތަނަށް އެ ގައުމުން 26,000ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، ބަލި ޖެހިގެން 663 މީހަކު ވަނީ މަރުވެފައެވެ.