މިސްރުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމަށް އެތެރެވާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
މިސްރުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، އެ ގައުމަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ލިޔުން ދެއްކުމުން ކަމަށެވެ. ޕީސީއާރް ޓެސްޓު ހަދަން ޖެހޭނީ މިސްރަށް އެތެރެވުމުގެ 72 ގަޑިއިރު ކުރިންނެވެ. މިސްރުގެ ސަރުކާރުން ބުނީ، އެ ނިންމުން ނިންމާފައިވަނީ ބައެއް ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވާން ފެށުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެ ގައުމުތަކުގެ ނަންތަކެއް މިސްރުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ.
ފަތުރުވެރިކަމަށް މަޝްހޫރު ހަތަރު ސިޓީއެއްގެ އެއާޕޯޓުގައި 30 ޑޮލަރަށް ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެ އެއާޕޯޓްތަކުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭނީ ވައިރަސް ނެތްކަން ޔަގީންކޮށްދޭ ލިޔުމެއް ނެތް ފަތުރުވެރިންނެވެ.
ކޮވިޑާ ގުޅިގެން ބަންދުކުރި ދާރުލް އާސަރުތައް ވަނީ އަންގާރަ ދުވަހު ފަތުރުވެރިންނަށް ހުޅުވާލާފައެވެ. ދާރުލް އާސާރުތައް ހުޅުވާލިޔަސް އެ ތަނުގެ ތެރޭގައި އުޅޭއިރު އެންމެން ވެސް މާސްކު އަޅަން މަޖުބޫރެވެ. މިސްރުގައި މިހާތަނަށް ކޮވިޑް-19 ގެ 90 ހާހަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކުރެވިފައެވެ. މި ބަލި ޖެހިގެން 500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.