ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 06:45
ކޮވިޑް-19 ވެކްސިން ދައްކުވައިދޭ ޕޯސްޓަރެއްގެ ކައިރިން މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ކޮވިޑް-19 ވެކްސިން ދައްކުވައިދޭ ޕޯސްޓަރެއްގެ ކައިރިން މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ
ރޮއިޓަރސް
ކޮވިޑް-19 ޖެހޭ މީހުން
ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުގައި ބަލިން ރަނގަޅުވުމަށްފަހު ހަތަރު މަސް ވަންދެން އެންޓިބޮޑީ ހުރޭ
ބަލިން ރަނގަޅުވެފައިވާ 90 އިންސައްތަ މީހުންގެ ހަށިގަނޑުގައި 4 މަސްދުވަސް ވަންދެން ކޮވިޑް-19 އަށް އެންޓިބޮޑީ ހުރޭ
އައިސްލެންޑްގެ އާބާދީގެ 1 އިންސައްތައަށް ވަނީ ވައިރަސް ޖެހިފައި
91 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ލެވެލް ފުރަތަމަ ދެ މަސްދުވަހު ވަނީ މައްޗަށްގޮސްފައި

ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުގައި ބަލިން ރަނގަޅުވުމަށްފަހު 4 މަސް ދުވަސް ވަންދެން ވައިރަސްއަށް އެންޓިބޮޑީ ހުންނަކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އައިސްލެންޑްގައި ކުރިޔަށް ގެންދިޔަ މިދިރާސާއިން ދައްކާގޮތުގައި ބަލިން ރަނގަޅުވެފައިވާ 90 އިންސައްތަ މީހުންގެ ހަށިގަނޑުގައި 4 މަސްދުވަސް ވަންދެން ކޮވިޑް-19 އަށް އެންޓިބޮޑީ ހުރެއެވެ. މިދިރާސާ އަންގާރަ ދުވަހު ވަނީ ޝާއިއުކޮށްފައެވެ. ކުރިން ހެދިފައި ހުރި ދިރާސާތަކުގައި ބަލިން ފަސޭހަވާ މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީ ހުންނަ މިންވަރު އަވަހަށް ދަށަށްދާކަން ވަނީ އެނގިފައެވެ. އެއާއެކު ވައިރަސް އިން ދިފާއުވުމުގެ ބާރު އިންސާނުންގެ ހަށިގަނޑުގައި ހުރި މިންވަރާއި މެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ.

އަލަށް މިހޯދުނު ހޯދުމާއެކު ވައިރަސް އަށް ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތްތަކާއި ހަދަމުންދާ ދިރާސާތަކުގައި އެކަން ހިމެނިދާނެކަމަށް މިދިރާސާހެދި ޑިކޯޑް ޖެނެޓިކްސް ގެ ޗީފް އެގްޒެކެޓިވް ކެރީ ސްޓެފަންސަން ވަނީ ބުނެފައެވެ.

އައިސްލެންޑްގައި ވައިރަސް ފެތުރޭ މިންވަރާއި މިހާރު ޖެހިފައި ހުރި މިންވަރާއި ވައިރަސް އިން ދިފާއުވުމުގެ ބާރު އައިސްލެންޑްގެ އާބާދީގައި ހުރި މިންވަރު ދެނެގަތުމަށް ކުރިޔަށް ގެންދިޔަ މިދިރާސާގައި 30،000 އައިސްލެންޑް މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީ ލެވެލް ހުރި މިންވަރު ވަނީ ބަލާފައެވެ.

މިދިރާސާއަށް ބަލާއިރު އައިސްލެންޑްގެ އާބާދީގެ 1 އިންސައްތައަށް ވަނީ ވައިރަސް ޖެހިފައެވެ. މީގެތެރެއިން 56 އިންސައްތަ މީހުންނަށް ވަނީ ލެބޯޓްރީ ޓެސްޓުން އެމީހުންނަށް ވައިރަސް ޖެހިފައިވާކަން އެނގުމުން އެކަމަށް ފަރުވާ ހޯދާފައެވެ. އަނެއް 14 އިންސައްތަ އަކީ ފަރުވާ ނުލިބި ނަމަވެސް ވައިރަސް އަށް ހުށަހެޅުމަށްފަހު ކަރަންޓީނު ވެފައިވާ މީހުންނެވެ. ބާކީ ތިބި 30 އިންސައްތަ މީހުންނަކީ އެންޓި ބޮޑީ ޓެސްޓްގެ ސަބަބުން އެމީހުންނަށް ކުރިން ވައިރަސް ޖެހި ރަނގަޅުވެފައިވާކަން އެނގިފައިވާ މީހުންނެވެ.

ޕީސީއާރު ޓެސްޓުން ކޮވިޑް-19 ޖެހިފައިވާކަން އެނގިފައިވާ 1215 މީހުންގެ ތެރެއިން 91 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ލެވެލް ފުރަތަމަ ދެ މަސްދުވަހު މައްޗަށް ގޮސްފައިވާ ކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ.

މިދިރާސާއަކީ އެއްގައުމެއްގެ އެއް ނަސްލެއްގެ މީހުންގެ ތެރޭގައި ކުރިޔަށް ގެންދިޔަ ދިރާސާއަކަށްވާތީ މިދިރާސާގެ ނަތީޖާ އެކި ނަސްލުގެ އެކި ހިސާބުތަކުގެ މީހުން ދިރިއުޅޭ ގައުމުތަކުން ނުނިކުމެދާނެކަމަށް މާހިރުން ބުނެއެވެ. އެހެންނަމަވެސް މިދިރާސާގެ ސަބަބުން އެންޓި ބޮޑީ ޓެސްޓް ހަދައިގެން ވައިރަސް އެ އާބާދީގެ ތެރޭގައި ހުރި މިންވަރާއި ވައިރަސް އިން ދިފާއުވުމުގެ ބާރު އާބާދީއެއްގައި ހުރި މިންވަރު ދެނެގަނެވޭނެކަމަށް ސްޓެފަންސަން ވިދާޅުވިއެވެ.

ނަމަވެސް މިދިރާސާގެ އެޑިޓޯރިއަލްގައި ބުނެފައިވަނީ ބަލިން ފަސޭހަވާ މީހުންގެ ހަށިގަނޑުގައި ހުރި އެންޓިބޮޑީގެ ސަބަބުން އެމީހުންނަށް ދެ ވަނަ ފަހަރަށް ކޮވިޑް-19 ނުޖެހޭނެ ކަމެއް މިދިރާސާގެ އަލީގައި ހޯދިފައެއްނުވެ އެވެ.

އެހެންނަމަވެސް ސްކޫލްތަކާއި ވިޔަފާރިތައް އަލުން ހުޅުވާލުމަށް މަސައްކަތްކުރާ ގައުމުތަކުން އެންޓި ބޮޑީ ޓެސްޓް ކުރިޔަށް ގެންދިޔުމަކީ ނަތީޖާ ނެރެވޭނެ ކަމެއްކަމަށް ވަނީ ބުނެފައެވެ. އާބާދީގެ ބޮޑު ބައެއް ޓެސްޓް ކުރުމުގެ ބަދަލުގައި އެންޓި ބޮޑީ ޓެސްޓް ހެދުމުގެ ސަބަބުން އޭގެން ނިކުންނަ ނަތީޖާ ރަނގަޅުވެފައި ޚަރަދުގެ ގޮތުންވެސް ރަނގަޅުވާނެކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް