އެމެރިކާގެ ސްކޫލްތައް ހުޅުވާލުމަށް އެހީތެރިވުމުގެގޮތުން އެގައުމުގެ ސަރުކާރުން ކޮވިޑް-19 އަށް ޓެސްޓް ކުރާ އެތައް މިލިއަން ޓެސްޓް ކިޓްތަކެއް ސްޓޭޓްތަކުގެ ގަވަރުނަރުންނާއި ސަރަހައްދުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮފިޝަލަކު ބުނެފައިވަނީ ސްކޫލްތަކާއި އެހެންވެސް ވައިރަސްއަށް ފަސޭހައިން ހުށަހެޅޭ މީހުން ޓެސްޓް ކުރުމަށް ޓެސްޓިންގ ކިޓްތަކެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިޓެސްޓް ކިޓްތައް ދިނުމަށް ހަމަޖެހިފައިވަނީ ޑޭ ކެއަރ ސެންޓަރުތަކާއި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް ކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.
އެމެރިކާގެ ސަރުކާރުން ވަނީ 150 މިލިއަން އެންޓިޖެން ޓެސްޓް ކިޓްތަކެއް 750 މިލިއަން ޑޮލަރަށް ގަނެފައެވެ.
މިޓެސްޓް ކިޓް ތަކުން ނަތީޖާ ލިބުމަށް ހޭދަވަނީ 15 މިނެޓެވެ. އެންޓިޖެން ޓެސްޓަކީ އަގުހެޔޮ އަދި އަވަހަށް ނަތީޖާ ލިބޭ ޓެސްޓްތަކެކެވެ. ނަމަވެސް މިޓެސްޓަކީ ޕޮޒިޓިވްކަން ދެނެގަތުމަށް ލެބޯޓްރީ ޓެސްޓަށްވުރެ އުނދަގޫ އަދި ގިނަ ފަހަރު އެކަން ދެނެގަތުމުގައި ފެއިލްވާ ޓެސްޓެކެވެ.
އެމެރިކާގައި ކޭސްތައް ފެންނަ މިންވަރު ކޮންމެސް ވަރަކަށް ކޮންޓްރޯލް ވެފައިވާއިރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ސްކޫލްތައް އަލުން ހުޅުވާލުމަށް ތަކުރާރުކޮށް ވާހަކަދައްކަވާ އެކަމަށް ބާރު އަޅުއްވަމުންނެވެ. އެހެންނަމަވެސް އެގައުމުގެ ބޮޑެތި ސްކޫލްތަކުން ބުނަމުންދަނީ މުޅި ގައުމުގައި ކޭސްތައް ފެންނަމުންދާތީ ކިޔެވުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ.
އެމެރިކާ ސަރުކާރުން މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 85 މިލިއަން ޓެސްޓް ވަނީ ހަދާފައެވެ. މީގެތެރެއިން ޕޮޒިޓިވްވާ ރޭޓް އުޅެނީ 5 އިންސައްތައަށް ވުރެ މަތީގައެވެ.