ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 07:03
އަބޫދާބީގެ ހޮސްޕިޓަލެއްގައި ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަނީ
އަބޫދާބީގެ ހޮސްޕިޓަލެއްގައި ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ޔޫއޭއީގެ ހާލަތު
ޔޫއޭއީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް
އެގައުމުގައި ދުވާލެއްގެ މައްޗަށް 500ށް ވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައި
ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާނަމަ އަލުން ކާފިއު އިއުލާންކުރާނެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށްދާން ފަށައިފިއެވެ.

އެގޮތުން ފާއިތުވި ދެ ދުވަހު އެގައުމުގައި ދުވާލެއްގެ މައްޗަށް 500ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. އެގައުމުގައި އައު ކޭސްތަކެއް ފެންނަން ފަށާފައިމިވަނީ ވިޔަފާރިކުރާ މައިތަނަކުން ކޭސްތަކެއް ފެނުނު ފަހުންނެވެ.

ޔޫއޭއީ ސަރުކާރުގެ ކޮމިޔުނިކޭޝަން އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުގައި އަލަށް 574 މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށާއި މީހަކު މަރުވެފައި ނުވާކަމަށެވެ. ނަމަވެސް އޭގެ ކުރީ ދުވަހު 541 މީހުންނަށް ވައިރަސް ޖެހި ދެ މީހަކު ވަނީ މަރުވެފައެވެ.

ޔޫއޭއީގެ ސްކޫލްތައް މިހަފްތާގައި ހުޅުވާލާފައިވާއިރު ، ބައެއް ތަންތަނުގައި ކުލާސްރޫމްތަކަށް ކުދިން ގެނެސްގެން ކިޔަވައިދެމުން ނުދާނެކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. އެއީ ބައެއް ސްކޫލްތަކުގެ މުވައްޒަފުން ވައިރަސް އަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއީ ކޮން ސްކޫލްތަކެއް ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

ޔޫއޭއީގައި މިހާތަނަށް އައިއިރު އެއް ދުވަހާއި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ 683 މީހުންނެވެ. މެއި މަހުގެ ޕީކާއެކު އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު މިގޮތަށް ދޭތެރެ ދޭތެރެއިން ވަނީ މައްޗަށް ގޮސްފައެވެ.

ޔޫއޭއީގައި އިއުލާންކޮށްފައިވާ ކާފިއު ޖޫން މަހުގެ 24 ވަނަ ދުވަހު ނިމުމަކަށް ގެނައުމާއެކު އާންމު ތަންތަނާއި ވިޔަފާރިތައް ވަނީ ހުޅުވާލާފައެެވެ. ޓޫރިސްޓުންގެ މެދުގައި މަގްބޫލް ދުބާއީ އަށް އެހެން ގައުމުތަކުގެ މީހުން ވަނުމަށް ހުޅުވާލީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.

މިދިޔަ މަހު ޔޫއޭއީގެ ސަރުކާރުން ބުނެފައިވަނީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާނަމަ އަލުން ކާފިއު އިއުލާންކުރާނެ ކަމަށެވެ.

ޔޫއޭއީގައި މިހާތަނަށް އައިއިރު 70،805 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 384 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އެގައުމުގެ ވަކި ވަކި ސްޓޭޓްތަކުން މީހުން ވައިރަސް އަށް ޕޮޒިޓިވްވަމުންދާ އަދަދާއި މަރުވަމުންދާ އަދަދު ސަރުކާރުން ހާމަކުރަމުންނެއް ނުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް